ކޮރޯނާ ވައިރަސް: ވުމެންސް ޔޯރޯ ފުޓުބޯޅަ މުބާރާތް 2022 އަށް ފަސްކޮށްފި

އަންހެނުނެގް ޔޫރޯ ޓްރޮފީ--

އަންނަ އަހަރު ބާއްވަން ހަމަޖެހިފައި އޮތް އަންހެނުންގެ ޔޫރޯ ފުޓުބޯޅަ މުބާރާތް 2022 އަށް ފަސްކޮށްފައިވާ ކަން ޔޫއެފާއިން އިއުލާން ކޮށްފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ނުރައްކާ ބޮޑުވެފައިވާ ޔޫރޮޕުގެ ގައުމުތައް މުއްދަތެއް ނެތް ގޮތަށް ލޮކްޑައުންކޮށް އެއްވެސް ކުޅިވަރުގެ ހަރަކާތެއް ވެސް ކުރިއަށް ނުގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެއާ އެކު މި އަހަރުގެ ޖޫން މަހަށް ތާވަލުކޮށްފައިވާ ޔޫރޮޕުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ޔޫރޯ އަންނަ އަހަރަށް ފަސްކޮށްފައިވާ ކަން ޔޫރޮޕިއަން ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް ޔޫއެފާއިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިއުލާން ކޮށްފަ އެވެ.

ވުމާއެކު އަންނަ އަހަރުގެ އެދުވަސްވަރަށް ރޭވިފައިވާ މުބާރާތްތައް ފަސްވެގެންދާނެ ކަމަށް ޔޫއެފާ އިން ވަނީ ކުރިން ބުނެފަ އެވެ. ކުރިން އޮތް ގޮތުން ނަމަ ޔޫއެފާ ވުމެންސް ޔޫރޯ ފެށުމަށް އޮތީ އަންނަ އަހަރުގެ ޖޫން ހަތް ވަނަ ދުވަހު އެވެ. އެކަމަކު މިހާރު ގެނެސްފައިވާ ބަދަލުތަކާ އެކު ޔޫރޯގެ ފިރިހެން މުބާރާތް ދިމާވާނީ އެދުވަސްވަރާ އެވެ. ޔޫރޯގެ ފިރިހެން މުބާރާތް ޖޫން 11 ވަނަ ދުވަހު ފަށާއިރު ފައިނަލް ކުޅުމަށް ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 11 ގަ އެވެ.

ދެ މުބާރާތް އެއް ދުވަސްވަރަކަށް ހަދައިގެން ގައުމުތަކަށާއި ކުޅުންތެރިންނަށް ވެސް ގެއްލުން ލިބޭނެ ކަމަށް ބަލައި ކުރިން ޔޫއެފާއިން ނިންމީ އަންހެނުންގެ މުބާރާތް އަންނަ އަހަރުގެ ފަހު ކޮޅަށް ހަދާށެވެ. އެކަމަކު ވަގުތު އިތުރުކޮށް އަންހެނުންގެ ޔޫރޯ 2022 ގައި ބޭއްވުމަށ ޔޫއެފާއިން މިހާރު ވަނީ ނިންމާފަ އެވެ.

"މިއަހަރުގެ ޔޫރޯ ކުއްލި ގޮތަކަށް ފަސްކުރަން ޖެހުމުން، އަންނަ އަހަރުގެ މުބާރާތްތަކަށް ވެސް އަސަރު ކުރާނެ ކަން ވިސްމުގައި ބަހައްޓައިގެން ރޭވުންތައް ރޭވީ،" ޔޫއެފާގެ ރައީސް އެލެކްސެންޑްރާ ކެފެރިން ބުންޏެވެ.

އޭނާ ބުނީ، ޔޫއެފާގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާ އަންހެނުންގެ ފުޓުބޯޅަ ޑިވެލޮޕްމެންޓަށް އެންމެ ފައިދާ ކުރާނެ ގޮތަކަށް ފެނުނީ ޔޫރޯ މުބާރާތަށް ތައްޔާރުވާން ވަގުތު އިތުރުކޮށް ބާއްވާށެވެ. އަދި އެއަހަރުގައި އެދުވަސްވަރު އިތުރު މުބާރާތެއް ކުރިއަށް ނުދާނެތީވެ އެންމެންގެ ސަމާލުކަން އެ މުބާރާތަށް ލިބޭނެ ކަމަށް ކެފެރިން ބުނެފައިވެ އެވެ.

comment ކޮމެންޓް