ވަކި މުއްދަތެއް ނެތް ގޮތަށް ސްވިމިން އެސޯސިއޭޝަން އިންތިހާބު ފަސްކޮށްފި

ރާއްޖޭގެ ފެތުންތެރިންގެ އެވޯޑް ނައިޓެއްގެ ތެރެއިން --- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އާ ގުޅިގެން މީގެކުރީންވެސް ފަސްކުރި ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަތަރުވަނަ އިންތިހާބު ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އެވެ.

މިދިޔަ މަހުގެ 28 ގައި ބޭއްވުމަށް ފުރަތަމަ ހަމަޖެއްސި ސްވިމިން އެސޯސިއޭޝަންގެ އިންތިހާބު ވަނީ ކޮވިޑް-19 އާ ގުޅިގެން މިމަހުގެ 11 އަށް މީގެކުރީން ފަސްކޮށްފައެވެ.

އެކަމާ ގުޅިގެން ސްވިމިން އެސޯސިއޭޝަން އިން ބުނެފައިވަނީ ދިވެހިރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްހީ މާހިރުން ދިން ލަފަޔާއި، ސަރުކާރުން އަޅާފައިވާ އަދި މިހާރުވެސް އަޅަމުންދާ ފިޔަވަޅުތަކަށް ފުރިހަމައަށް އެއްބާރުލުން ދިނުމުގެ ގޮތުން އިންތިހާބު ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ.

އަދި އިންތިހާބު ދެން ބާއްވާނެ ދުވަހެއް ފަހުން ހާމަކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް