ވެމްކޯގެ ވެށިފާރަވެރިންނަށް އެއްބާރުލުން ދެމާ!

މާލޭގައި ކޮރޯނާވައިރަސް ފެތުރެން ފެށުމާއެކު މާލެ ލޮކްޑައުން ކުރުމުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކުނި ނެގުމުގެ ހިދުމަތް ކުޑަ ހިނދުކޮޅަކަށް ހުއްޓުނެވެ. އެހެންނަމަވެސް، މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ރޭވުމަކާއެކު އަނެއްކާވެސް ވެމްކޯގެ ހީވާގި ވެށިފާރަވެރިން މަގުތަކަށް ނުކުތެވެ.

މިހާރު ގޭބީސީތަކުން ކުނި ނަގަން ވެށިފާރަވެރިން ގެތަކަށް ނުވަންނާނެއެވެ. ކުނި އުކަން ހަދަން ޖެހޭ ގޮތަކީ ކޮންމެ ދުވަހަކު 12:00އާއި 14:00އާ ދެމެދު ކުނި ކޮތަޅުތައް ހިފައިގެން ގެއިން ބޭރުގައި، މަގުމަތީގައި ބެހެއްޓުމެވެ. އެ ގަޑީގެ ތެރޭގައި ވެށި ފާރަވެރިން މަގުތަކަށް ނުކުމެ އެ ކުނި ކޮތަޅުތައް ނަގައިގެން ގެންދާނެއެވެ.

އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ބިލްޑިންތަކުން މިގޮތަށް އަމަލު ކުރާކަށް ނުޖެހޭނެއެވެ. އެ ގެތަކުގެ ކުނި ގެންދިޔުމާ ވެމްކޯގެ ހާއްސަ ޓާސްކް ފޯސްއަކުން ވަނީ ހަވާލުވެފައެވެ.

ނުރައްކާތެރި ކޮވިޑް-19 ވައިރަސް ފެތުރެމުންދާއިރު، އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަން ޖެހިފައިވާ އެއް ބަޔަކީ ވެމްކޯގެ ވެށި ފާރަވެރިންނެވެ. އެ މީހުން ވަޒީފާ އަދާ ކުރަން ޖެހިފައި ވަނީ އަމިއްލަ ނަފްސު ނުރައްކަލުގެ ތެެރެއަށް ހުށަހަޅައިގެންނެވެ. އެހެންކަމުން، އެ މީހުންނަށް ރައްކާތެރިވުމަށް ބޭނުންވާ އަންގި އަދި މާސްކު ފަދަ ތަކެތި ވަނީ ފޯރުކޮށްދީފައެވެ.

ނަމަވެސް، އާންމުން ކުނި ބަންދު ކުރާ ގޮތަކުންވެސް ވެށި ފާރަވެރިން ނުރައްކަލަށް ހުށަހެޅިދާނެއެވެ. އެހެންކަމުން ކުނި ބަންދު ކުރާ އިރު ވަކި ކަންކަމަށް ސަމާލުކަން ދީ، ވެށިފާރަވެރީންގެ މަސައްކަތަށް އެއްބާރުލުން ދިނުމަށް ވެމްކޯއިން އެދެއެވެ. އެ ކަންތައްތަކަކީ:

  • ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުނި ބަންދުކުރާއިރު ކުނިއަޅާފައިވާ ކޮތަޅު އިތުރު ކޮތަޅަކަށްލާ، ބަންދުކުރުމަށް ސަމާލުކަންދިނުން.
  • ކުނި ބަންދުކުރުމުގައި ލީކުވާނެ ފަދަ އެއްޗެއްވާނަމަ، އެފަދަ އެއްޗެއް ލީކް ނުވާނެފަދަ ގޮތަކަށް ކޮތަޅު ބަންދުކުރުމަށް ސަމާލުކަންދިނުން.
  • ކުނި ކޮތަޅަށް އެކަށީގެންވާ މިންވަރަށް ކުނިއެޅުމަށް ސަމާލުކަންދިނުން އަދި ކޮތަޅުގައި ކުނި ބަންދުކުރާއިރު، އެދެވިގެންވާ މިންވަރުކަމަށްވާ ކޮތަޅުގެ 3/4އަށް ކުނިއެޅުން.
comment ކޮމެންޓް