ވެމްކޯގެ ވަންދޫ ފެސިލިޓީ ވަގުތީ ގޮތުން ބަންދުކޮށްފި

ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ -- ފޮޓޯ: ވޯޓަ ސޮލިއުޝަން ޕްލ.

ވެމްކޯ އިން ރ. ވަންދޫގައި ހިންގަމުން އަންނަ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުންް ހުއްޓާލަން ނިންމައިފި އެވެ.

ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެއީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް، މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އަންގާފައި ވާތީ އެކަމާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ.

އަދި އެއީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މިވަގުތަށް ހުއްޓާލުމަށް އަންގާފައި ވާތީ، އެޗްޕީއޭގެ ލަފާގެ މަތިން އެޅި ފިޔަވަޅެއް ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން މިއަދުން ފެށިގެން އެ ކޯޕަރޭޝަނުން ވަންދޫގައި ހިންގަމުންދާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީން ފޯރުކޮށްދޭ ހުރިހާ ހިދުމަތްތަކެއް ވަކި ގޮތެއް އަންގަންދެން ވަގުތީ ގޮތުންް ހުއްޓާލުމަށް ނިންމާފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

ވެމްކޯ އިން ބުނީ ހާލަތަށް ރިއާޔަތްކޮށް، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއެކު މެދުކެނޑިފައިވާ ހިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާކުރަމުން ދާނެ ކަމަށެވެ.

މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް ޓަކައި ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

މާލެއިން ކޮވިޑް19 ޖެހިފައިވާ އަށް މީހަކު މިހާތަނަށް ފެނިފައިވާ އިރު، މާލެ ސަރަހައްދުުގައި ވެމްކޯއިން ފޯރުކޮށްދޭ ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

comment ކޮމެންޓް