ކޮރޯނާވައިރަސް: ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ނުރައްކާ ބޮޑު

ދުންފަތުގެ އިސްތިއުމާލު ކުރުމުން ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު 14 ގިނަ އިތުރުވާ ކަމަށް ކަމާ ބެހޭ މާހިރުން ބުނޭ -- ފޮޓޯ: ގެޓީ

ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނާ އަޅާ ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު 14 ގުނަ އިތުރުވާ ކަމަށް ތުރުކީގެ އެންޓި-އެޑިކްޝަން ގުރޫޕު، ޓާކިޝް ގްރީން ކްރެސެންޓުން ބުނެފި އެވެ.

ޓާކިޝް ގްރީން ކްރެސެންޓްގެ ރައީސް ޕްރޮފެސަރު މުކާހިތު އޮޒްތުރުކް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން ކޮރޯނާވައިރަހުން ރައްކާތެރިވުމަށްޓަކައި ދުންފަތް ބޭނުން ކުރުން ހުއްޓާލަން އެދިވަޑައިގެންފަ އެވެ.

"ދުންފަތާއި ދުންފަތް ހުންނަ އެހެނިހެން ތަކެތި ބޭނުން ކުރުމަކީ ކޮރޯނާވައިރަސް ޖެހުމުގެ ފުރުސަތު ބޮޑުވާކަމެއް. ވީމާ ވައިރަހުން ރައްކާތެރިވުމަށްޓަކައި ދެވިހިފާ ބާވަތުގެ ހުރިހާ އެއްޗަކުން ދުރުވުމަކީ މުހިއްމު ކަމެއް،" އޮޒްތުރުކް ވިދާޅުވި އެވެ.

އޮޒްތުރުކް ވިދާޅުވި ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ހަށިގަނޑުގެ ދިފާއި ނިޒާމު ބަލިކަށިވެ، ކޮރޯނާވައިރަހުގެ ފަރުވާއަށް ހުރަސް އެޅެ އެވެ.

"ދުންފަތުގެ އިސްތިއުމާލު ކުރުމުން ފުއްޕާމެޔަށް ގެއްލުންވެ، ފުއްޕާމެ އާއި ވައި ނޮޅީގައި ވައިރަހާއި ބެކްޓީރިއާ ހަރުލާގޮތްވޭ، އޭގެ ސަބަބުން ސީރިއަސް އިންފެކްޝަންތަކަށް މަގުފަހިވޭ،" އޮޒްތުރުކް ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ)އިންވެސް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ބުނެފަ އެވެ. އަދި ޔޫރަޕިއަން ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލްއިން ޗައިނާގެ ޑޮކްޓަރުންނާ ހަވާލާދީ ބުނި ގޮތުގައި ކޮރޯނާވައިރަސް ޖެހުމުގެ ސަބަބުން، އުމުރުން ދުވަސްވީ މީހުންނަށް ވުރެ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުން މަރުވުމުގެ ފުރުސަތު ބޮޑެވެ.

ނަމަވެސް އޮޒްތުރުކް ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ވަގުތުން ފެށިގެން ހަށިގަނޑު ރަނގަޅު ވާން ފަށާކަން ފާހަގަކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާއިން ފެނުނު ކޮރޯނާވައިރަސް މިހާރު ދުނިޔޭގެ 185 ގައުމާއި ޓެރިޓަރީއަށް ފެތުރި، ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 137,000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް