ކުނި ނަގަން މާދަމާ ފަށާނެ، އެންމެ ގޯސް ހާލަތުގައި ވެސް ކުރިއަށް ގެންދާނަން: ވެމްކޯ

ވެމްކޯގެ މުވުއްޒަފެއް ކުނި ކޮތަޅެއް ހިފައިގެން: މާދައިން ފެށިގެން ވެމްކޯއިން ކުނި ނަގަން ފަށާނެ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާލެ އިން އިއްޔެ ކޮވިޑް-19ގެ ބަލި މީހަކު ފެނުމާ އެކު ވެމްކޯއިން ދެމުން އައި ހިދުމަތްތައް މެދުކަނޑާލުމަށް ނިންމި ނަމަވެސް މާދަމައިން ފެށިގެން އަލުން ކުނި ނެގުމާއި އެހެނިހެން ހިދުމަތްތައް ވެސް ފަށާނެ ކަމަށް ވެމްކޯ އިން ބުނެފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ޖެނަރަލް މެނޭޖަރ އިން އޮޕަރޭޝަން އަހްމަދު ޝާފިއު ވިދާޅުވީ، ވެމްކޯ އިން ދެމުންދިޔަ ހިދުމަތްތައް އިއްޔެ މެދުކަނޑާލީ ކޮވިޑް-19 ގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނުމާ އެކު، ކަމާ ގުޅޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން މަގުމަތީގެ މޫވްމެންޓްތައް މަދުކުރުމަށް ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ހިދުމަތް ހުއްޓާލީ ދާއިމަކަށް ނޫން. މިވަގުތު 24 ގަޑިއިރަށް މި ގެނައި ލޮކްޑައުންގައި ކުރަން ޖެހުނު މަސައްކަތާ ގުޅިގެން އެ މަސައްކަތް ފަސޭހަ ކަމާ އެކު ލުއި ގޮތަކަށް ކޮށް ނިންމާލުމަށް ހަމަ ތަން ދިނުމުގެ ގޮތުން މި ސާވިސް މިއަދު މި މެދުކަނޑާލީ،" ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ޝާފިއު ވިދާޅުވި އެވެ.

ވެމްކޯގެ ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން ތައްޔާރުކޮށްފައި އޮތީ ހުރިހާ ލެވެލްތަކުގައި ރިސްކް ލެވެލް ލޯ އިން ފެށިގެން އެންމެ ހައިވާ ހިސާބަށް ވެސް އޮޕަރޭޝަންތައް ކުރިއަށް ގެންދާ ގޮތަށް ކަން ޝާފިއު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، ވެމްކޯގެ އެއްވެސް ހިދުމަތެއް ހުއްޓާލުމުގެ ޕްލޭނެއް ނެތްކަމަށެވެ.

"އެންމެ ހާލަތު ގޯސްވާއިރު އަޅުގަނޑުމެންގެ ޓީމް ތައްޔާރައް އޮންނާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޓީމް ކެޕޭސިޓީގައި އޮތް ހާ ހިނދަކު އަޅުގަނޑުމެންގެ ސާވިސް ހުއްޓުމެއްނެތި ކުރިއަށް ދާނެ. ހާލަތު އެންމެ ގޯސްވެގެންދާ އިރު އަޅުގަނޑުމެންގެ އިތުރުގޮތްތައް ހޯދާނަން،" ޝާފިއު ވިދާޅުވި އެވެ.

ކުނި އެންމެ ރައްކާތެރި ގޮތުގައި މެނޭޖް ނުކޮށްފި ނަމަ މުޖުތަމައުގެ ހާލަތު ގޯހުން ގޯހައް ދާނެ ކަމަށް ޝާފިއު ވިދާޅިވި އެވެ. އަދި ކުނި މެނޭޖް ކުރުމަކީ ކޮވިޑް-19އާ ގުޅިގެން ވަރަށް ހާއްސަކަމެއް ދެވިފައިވާ ކަމެއް ކަން ވެސް ޝާފިއު ފާހަގަކުރެއްވި އެވެ. އެގޮތުން ހުރިހާ އިދާރާ އަކުން ވެސް ކުނި މެނޭޖު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާ ކަމަށް ވެސް ޝާފިއު ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް