ޔުމްނާގެ އިލްތިމާސް: ގޭގައި މަޑުކުރާއިރު ދިވެހިން ވާހަަކަ ދައްކަން އާދަކުރޭ

މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިޖުތިމާއި ގައިދުރުކުރުމަށް ބާރުއަޅައި ގޭގައި މަޑުކުރާއިރު، ދިވެހި ބަހުން ކުދީންނާ ވާހަކަދެއްކުމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ބާރުއަޅުއްވައިފި އެވެ.

ދިވެހިބަހުގެ ތަހުނިޔާ ފޮނުއްވަވަމުން މިއަދު މިނިސްޓަރު ޔުމްނާ ވިދާޅުވީ ކުދީންގެ ޝުއޫރުތައް ފާޅުކުރާނެ ފުރުސަތު ދީ ކުދީންގެ ވާހަކަތައް އަޑުއެހުމާއި އެކަމުގައި ދިވެހި ބަސް ބޭނުންކުރުމަށެވެ.

މިނިސްޓަރު ވިދާޅުވީ ގޭގައި މަޑުކުރާއިރު ލިބޭ ހުސްވަގުތުތަކުގައި ދިވެހި ބަހުން ފޮތްތައް ކިޔުމަށް އާދަކުރުމަށެވެ.

"ކުދީންނަށް ދިވެހިބަހުން ވާހަކަ ކިޔައިދެއްވާ. ކުދީން ލައްވާ ދިވެހި ފޮތްކިޔުއްވާ. ހުސްވަގުތު ހެޔޮ ގޮތުގައި ބޭނުންކުރައްވާ،" މިނިސްޓަރު ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ އިތުރަށް ވިދާޅުވީ ދިވެހި ބަހަކީ އެކި އުމުރުގެ އެކި ރަށްރަށުގައި އަދި އެކި އަތޮޅުތަކުގައި ދިރިއުޅޭ އެކި ފަންތީގެ އެންމެން ގުޅުވައިދޭ މުހިއްމު އެއްޗެއް ކަމަށެވެ.

ދިވެހި ބަހާއި ބަހުގެ ބަހުރުވަތަކަކީ ދިވެހި ބަހަށް ލިބިފައިވާ މުއްސަނދި ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް