ސުޕްރީމް ކޯޓުން މިހާރުވެސް އެހެން ކޯޓުތަކަށް ބާރު ފޯރުވާ: ހަސަން ލަތީފު

ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރު ހަސަން ލަތީފް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއެކޭ އެއްގޮތަށް މިހާރުވެސް ސުޕްރީމް ކޯޓުން ދަށު ކޯޓުތަކަށް ބާރު ފޯރުވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ސުޕްރީމް ކޯޓާއި ޖުޑިޝަލް ސާވިސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ކޯޓުތައް ބަންދުކޮށްފައި ހުންނަ ދުވަސްވަރު އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދާނެ ގޮތުގެ ގަވައިދެއް އެކުލަވާ ސުޕްރީމް ކޯޓުން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. އެހެން ކޯޓުތަކުން އަމަލު ކުރަން ޖެހޭ ގޮތް ސުޕްރީމް ކޯޓުން އެންގުމުން އެކަމާ ނުރުހުން ފާޅުކޮށް މިއަދު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ހަސަން ލަތީފު ވިދާޅުވީ އެއީ މިހާރުން މިހާރަށް ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަންކުރީ ކުރިން އޮތްގޮތް ގޯސްވެގެން އެކަން އިސްލާހު ކުރުމަށް ކަމަށެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް އެބޭފުޅުން ވިސްނުން ގެންގުޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ހިތުން ވަރަށް ރަނގަޅު ވަރަށް ގަދަ ވަރަށް އިހުލާސްތެރި ވަރަށް މޮޅު އަދި ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތައް ދަންނަ ވަރަށް މޮޅު ބޭފުޅުން މިހާރު އެތިބީ އެތަނަށް ލާފަ އަޅުގަނޑުމެން. އެބޭފުޅުންގެ ވިސްނުން އަނެއްކާ ކުރީގަ ތިބި ބޭފުޅުންނާ އެއްގޮތަށް ދިޔައީމަ އަޅުގަނޑު މާ ކަންބޮޑުވޭ. ކޮވިޑްއާ އެއްވަރަށް އަޅުގަނޑު ކަންބޮޑުވާ ކަމެއް މިއީވެސް." މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ސުޕްރީމް ކޯޓުން އެހެން ކޯޓުތަކުން އަމަލުކުރަންވީ ގޮތް އަންގާ އެގޮތަށް ނެރޭ ސާކިއުލާއަކަށް އަޅާނުލާ ހުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ. އޭނާ ވަނީ އެކަމާ ގުޅިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށްވެސް ފާޑު ވިދާޅުވެފައެވެ.

"އަޅުގަނޑު އެދެން މި ކޮމިޓީއިން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ދަންނަވަން. ކިހިނެތްތޯ ތި ހައްދަވަނީ ތިބޭފުޅުން ތިތާ ތިއްބަވައިގެން. ސުޕްރީމް ކޯޓުން މީގެ އަމުރުތަކާ އެއްޗެހި ނެރެމުން އިރުޝާދުތަކާ އެއްޗިހި ނެރެގެން ސާކިއުލާގެ ގޮތުގައި ހުރިހާ ކޯޓަކަށް ނުފޫޒުތަކާ އެއްޗިހި ފޯރުވަމުން ގެންދާއިރު އެބޭފުޅުން އެތާ ތިއްބަވަނީ ކީއްކުރަންތޯ. މަޖިލީހުގެ ރައީސް އެބަ އިންނަވާ އެތާ. މަޖިލީހުގެ މެމްބަރެއް އެބަ އިންނަވާ އެތާ ރިޔާސަތުގައި." މެމްބަރު ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ވަގުތުން ވަގުތުން އެ ސާކިއުލާ ބާތިލުކުރަން ޖޭއެސްސީއަށް އަންގަން ޖެހޭ ކަމަށެވެ. ހަސަން ލަތީފު ވިދާޅުވީ ސުޕްރީމް ކޯޓުގެ ކިބައިން ސަލާމަތްވާން އަނެއްކާވެސް ކުރިން ކުރި މަސައްކަތް ކުރަން ޖެހުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

comment ކޮމެންޓް