ގައުމީ ޝިޕިންލައިން: ދިވެހި އިގްތިސާދުގެ އާ އުންމީދު!

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އާދިއްތަ ދުވަހު ހިދުމަތް ފަށައިގަތް ރާއްޖޭގެ ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދާ އެ ކުންފުނީގެ އޮފީހުގައި ބައްދަލުވުމާ އެކު ފުރަތަމަ ވެސް ކޮށްލެވުނު ސުވާލަކީ، "މިކަން ވާނެ ހެއްޔެވެ؟"

އެމްޑީ ސައީދާ އެ ސުވާލު ކުރަން، މަޖުބޫރުވީ މީގެ ކުރިން އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް (އެމްއެންއެސްއެލް) ހުލިވި ގޮތް ހިތަށްއަރައިފަ އެވެ. އެއް އިރެއްގައި ނަން ހިނގި، އެމްއެންއެސްއެލް 2010ގައި ހުއްޓާލިއިރު، އެ ކުންފުނި އެތައް ބަޔަކަށް ދަރާ އޮތީ ނިކަމެތި ކުންފުންޏަކަށް ވެފަ އެވެ.

މީގެ ކުރިން އެމްއެންއެސްއެލްގައި މަސައްކަތް ކުރައްވާފައިވާ ސައީދު އެ ސުވާލަށް ދެއްވީ ވަރަށް ޔަގީން ޖަވާބެކެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ ވިޔަފާރި ހިނގާހާ ހިނދަކު އަދި ދިވެހިން އިމްޕޯޓަށް ބަރޯސާވާހާ ހިނދަކު ރާއްޖޭގެ އަމިއްލަ ޝިޕިންލައިނެއް ނުހިނގަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ސައީދު ވިދާޅުވި ގޮތުގައި، ދިވެހިންނަކީ ކަނޑަށް ފަރިތަ ބައެކެވެ. ރާއްޖެ ވަށާ އޮތީ ކަނޑެވެ. ދިވެހިން އުޅެ ބޮޑުވީ ކަނޑަށް ޖެހިލުންނުވާ ބިރު ކުޑަބައެއްގެ ގޮތުގަ އެވެ. އެހެންވީމާ، މިކަން ރާއްޖެއަށް ވާނެ އެވެ.

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރާއްޖެއަށް މުދާ އެތެރެކުރެވެން އޮތް އެންމެ ބޮޑު ދޮރަކީ ކަނޑުމަގުން މުދާ އެތެރެކުރުން. އެއާ ކާގޯ ވެއްޖިއްޔާ އަގު ބޮޑުވެ، އިކޮނޮމީ އޮފް ސްކޭލެއް ނުލިބޭ. އެކަމަކު ކަނޑުމަގުން މުދާ ގެންނަންޔާ ބޮޑު ކުއަންޓިޓީއެއް އެބަ ގެނެވޭ. އެހެން ވީމާ ކަނޑުމަގުން މުދާ ގެނައުން ރާއްޖެއަށް ފީސިބިލް ގޮތަކީ. ދުނިޔެ ހިނގާހާ ހިނދަކު ޝިޕިން އިންޑަސްޓްރީ މި ގޮތުގައި އޮންނާނެ. ރާއްޖެއަށް ވުރެ ވަކި ރަނގަޅު ގައުމެއް ނެތް ޝިޕިން އިންޑަސްޓްރީއެއް ދިރުވާކަށް. ޝިޕިން ލައިނެއް ފަށާކަށް،" ސައީދު ވިދާޅުވި އެވެ. "ސުވާލު ނުއުފައްދަވާ، އަޅުގަނޑަށް ޔަގީން މިކަން ވާނެކަން. އެކޮންފިޑެންސާ އެކު މި ހުރީ. މިއީ އަޅުގަނޑުގެ އަމިއްލަ ޝައުގުގައި ވެސް ކުރަން ބޭނުންވާ ކަމެއް،"

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯގެ ސަބްސިޑަރީއެއް ގޮތުގައި އުފައްދާފައިވާ، ގައުމީ ޝިޕިން ކުންފުނީގައި އޮތީ ރާއްޖެ އާއި ރާއްޖޭގެ އިގްތިސާދާ މެދު އޮތް ވަރަށް ބޮޑު ތަސައްވުރެކެވެ. ޓުއަރިޒަމް ނަގާފައި ރާއްޖޭގެ ދެވަނަ ސިނާއަތެއްގެ ގޮތުގައި ޝިޕިން އެންޑް މެރިޓައިމް އިންޑަސްޓްރީ ތަރައްގީ ކުރުމަކީ ސައީދު ވިދާޅުވި ގޮތުގައި އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ. ރާއްޖެއަށް ޑޮލަރު ވައްދައި ވަޒީފާތައް އުފެދޭނެ އާ ދޮރެއް ހުޅުވައި ދިނުަމަކީ އެންމެ ބޮޑު އަމާޒު ކަމަށް ސައީދު ވިދާޅުވި އެވެ.

"މި ދަނޑިވަޅުގައި ވެސް އަޅުގަނޑުމެންނަށް އެންމެ ބޮޑު ގެއްލުމެއް މި ވަނީ އެއް ސިނާއަތަކަށް ރާއްޖެ ބަރޯސާވެފައި އޮވެވުނީމާ. އެހެން ވީމާ އަޅުގަނޑުމެން އެބަ ޖެހޭ ޝިޕިން ކަހަލަ ޔަގީން އިންޑަސްޓްރީއެއް ދިރުވަން ދެވަނަ ޝިނާއަތެއްގެ ގޮތުގައި. މިއީ ބޭރު ފައިސާ ލިބޭ، ޒުވާނުންނަށް ބޮޑު މުސާރަ ލިބޭ ވަޒީފާތައް ލިބޭ، ފައިދާގައި ހިންގޭން އޮތް ވިޔަފާރިއެއް. އެކަމަކު އަޅުގަނޑުމެން މިދިޔަ އަހަރުތަކުގައި މިކަމާ އަޅާ ނުލާން މަރުވާން ދޫކޮށްލާފައި އޮތީ. އެކަމަކު އަޅުގަނޑުމެން މި ތެދުވީ އާ ސިނާއަތެއް ދިރުވަން. އަޅާނުލެވި އޮތް ސިނާއަތެއް ދިރުވަން،" ސައީދު ވިދާޅުވި އެވެ.

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެސްއެސްގެ ފުރަތަމަ ބޯޓް "އެމްވީ އައިބީރިއަން އެކްސްޕްރެސް" މިދިޔަ އާދިއްތަ ދުވަހު މާލޭގައި ބަނދަރު ކުރި އިރު، އެ ޝިޕިންލައިންގެ ދަތުރުތައް އަދި ކުރަނީ، ކޮލަމްބޯ އާއި މާލެއާ ދެމެދު އެވެ. އެ ބޯޓުގައި އެއްފަހަރާ 20 ފޫޓުގެ 700 ކޮންޓެއިނަރު އުފުލޭނެ އެވެ.

ސައީދު ވިދާޅުވީ އެންމެ ފުރަތަމަ ކޮލަމްބޯ މާލެ ސެކްޓަރުގެ ދަތުރުތައް އެ ޝިޕިންލައިނުން ފަށައިގަންނަން ނިންމީ، ކޮލަމްބޯ ޕޯޓުން މާލެއަށް މުދާ ގެންނަން ރަނގަޅު ޑިމާންޑެއް އޮތުމާ އެކު، އެ ޑިމާންޑަށް ކޭޓާކޮށްގެން ވިޔަފާރި ފުޅާކުރުމަށެވެ. އަދި ޑިމާންޑު އޮންނަލެއް ބޮޑުކަމުން މިހާރު ހުރި ކެރިއާތަކަށް އެ ދޭތެރޭގައި ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށް ވެސް ސައީދު ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ގައުމީ ޝިޕިންލައިނުގެ ދަތުރުތަކާ އެކު، ދިވެހިންގެ އަތުން ނުބައްދަލު ބޮޑެތި އަގުނެގުން ފަދަ ކަންކަން ހުއްޓި ވާދަވެރިކަން އިތުރު ކުރެވޭނެ އެވެ.

"އަޅުގަނޑާ ދިމާވާ ވިޔަފާރިވެރިން ވެސް މި ބުނަނީ މާލެ-ކޮލމްަބޯ ދޭތެރޭ މުދާ އުފުލާ ކެރިއާތަކުން އެމްޕީއެލްއިން ވެސް ނުނަގާ އެތައް ބޮޑެތި ޗާޖްތަކެއް އެބަ ނަގައޭ އެކި ނަންނަމުގައި. އަޅުގަނޑުވެސް ބަލައިލި އިރު ވަރަށް ބޮޑުކޮށް އެބަހުރޭ ޗާޖްކޮށްފައި. އެކަމަކު އަޅުގަނޑުމެން ގައުމީ ޝިޕިން ކުންފުނީގެ ހައިސިއްޔަތުން ހިތުހުރި އަގެއް ނުނަގާނެ. އަޅުގަނޑުމެން ރީޒަނަބަލް އަގުތައް ހުންނާނީ. އެއީ ގައުމީ ޝިޕިން ކުންފުންޏަކަށް އެކަން ކުރެވޭނެ ގޮތަކީ ވެސް،" ސައީދު ވިދާޅުވި އެވެ.

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ގައުމީ ޝިޕިންލައިންގެ ބޮޑު އަމާޒު މިވަގުތަށް އޮތީ ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އިމްޕޯޓްކުރުމުގައި އެހީތެރިވުމެވެ. އެގޮތުން ކުރިއަށް އޮތް 10 މަސް ދުވަހަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ބޭހުގެ އެކި ބާވަތްތައް ރާއްޖެ ގެނައުމުގައި ހަރަކާތްތެރިވާނީ ގައުމީ ޝިޕިންލައިނެވެ. ސައީދު ވިދާޅުވި ގޮތުގައި ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހުރެ ގައުމީ ޝިޕިންލައިންގެ ދަތުރުތައް ފަށާފައި މި ވަނީ، ރާވާފައިވާ މުއްދަތަށް ވުރެ މާ އަވަހަށެވެ. ސައީދު ފާހަގަ ކުރެއްވި ގޮތުގައި، މި ހާލަތު އައިއިރު، ގައުމީ ޝިޕިންލައިނުގެ ހިދުމަތް ފަށަން ތައްޔާރީތައް ވެފައި އޮތުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ނަސީބެކެވެ.

"ސަރުކާރުން އެބަ ބޭނުންވޭ ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރަން. ވިސްނަވާ މި ވަގުތު ގައުމީ ޝިޕިންލައިނެއް ނެތް ނަމަ އަމިއްލަ ކެރިއާތައް މެދުވެރިކޮށް ބުނި އަގެއް ދީފައި ރާއްޖެއަށް މުދާ އެތެރެކުރަން ޖެހޭނީ. ސަރުކާރުން އޭރުން ގޮތް ހުސްވާނެ. އެކަމަކު އަޅުގަނޑުމެން މިކޮށްދެނީ ދަތުރުތައް ގައުމީ ހިދުމަތެއްގެ ގޮތުގައި ބަލައިގެން. މިވަގުތުގެ އަމާޒު މި އޮތީ ރާއްޖެއަށް ކޮންމެހެން ބޭނުންވާ މުދާ އިމްޕޯޓްކޮށް ފުޑް ސެކިއުރިޓީ ޔަގީންކުރަން. އެހެން ވީމާ ރާއްޖޭގެ ފުޑް ސެކިއުރިޓީއާ މި ކަންކަމަކީ ވެސް މުހިންމު ކަމެއް،" ސައީދު ވިދާޅުވި އެވެ.

އޭނާ އަމާޒު އޮތީ މަޑުމަޑުން ފަހަރަކު ސެކްޓާއަކަށް ދަތުރުތައް ފުޅާކުރަމުން ގޮސް، ބޮޑު ޝިޕިން ކުންފުންޏަކަށް ބަދަލުވުމެވެ. އެންމެ ފުރަތަމަ އަމާޒަކީ މާލެ-ކޮލަމްބޯ ދަތުރުތަކުގެ ތެރެއިން ވިޔަފާރިވެރިންގެ އިތުބާރު ގައުމީ ޝިޕިން ކުންފުންޏަށް ހޯދުމެވެ. ސައީދު ވިދާޅުވީ، ދުނިޔޭގެ ޝިޕިން އިންޑަސްޓްރީ ވަރަށް ބޮޑަށް ބަދަލުވެފައި ވުމުން ދަތުރުތައް ކުރަން ޖެހޭނީ ދުނިޔޭގެ މެގަ ޕޯޓްތަކާ މާލެއާ ދެމެދު ކަމަށެވެ. ސީދާ މުދާ އުފައްދާ ގައުމުން މުދާ ބޯޓަށް ބަރުކޮށްގެން ގެނައުމަކީ ފީސިބިލް ކަމަކަށް ނުވާނެ ކަމަށް ވެސް ސައީދު ގަބޫލު ކުރައްވަ އެވެ.

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ ހެޑް އޮފީސް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މީހުން އެބަ ބުނޭ މާލެ ކޮލަމްބޯ ދެމެދު ކީއްކުރަންހޭ ދަތުރު ކުރަނީ. އެވާ ގޮތަކީ މިހާރު ޝިޕިން އިންޑަސްޓްރީ ބަދަލުވެ ކޮންޓެއިނަރައިޒްވެފައި މި އޮންނަނީ. މުދާ އުފައްދާ ފެކްޓްރީއިން ކޮންޓެއިނަރު މި ފޮނުވާލަނީ އެ ގައުމަކާ އެންމެ ކައިރި ޕޯޓަކަށް. އެގޮތުން ރާއްޖޭގެ ސަރަހައްދުގައި މިއީ ލަންކާ. ލަންކާ ޕޯޓުން މި އޮންނަނީ މުދާ ނުނެގެނެވިފައި. ޑިލޭ ވަރަށް ބޮޑު. އެހެންވެ، އަޅުގަނޑުމެން އެ ސެކްޓާ މި ނެގީ،" ސައީދު ވިދާޅުވި އެވެ.

މިހާރު ފެތުރިފައިވާ، ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ އެކު ގޮންޖެހުންތައް ބޮޑުކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ ރޭވިފައިވާ ގޮތަށް ވުރެ ކުރިން، ސިންގަޕޫރު ދުބާއީ ސެކްޓަރަށް ވެސް ގައުމީ ޝިޕިންލައިންގެ ވިޔަފާރި ފުޅާކުރަން ޖެހިދާނެ އެވެ. އެކަމަކު އެ ނިންމުންތައް މިވަގުތު ނަގާނީ ވަރަށް ވިސްނާފައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އޭނާ ދެއްވާ ޔަގީންކަމަކީ، ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭ ގައުމި ޝިޕިންލައިންއަކީ ގެއްލުން ނުވެ ފައިދާގެ ގޮތުގެ ހިންގޭނެ ކުންފުންޏަކަށް ބަދަލުވާނެ ކަމެވެ.

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މި ވައިރަހުގެ ކަންކަމާ ހުރެ އިމްޕޯޓާ ދަށްވާނެ. އޭގެ ސަބަބުން ކޮލަމްބޯ ޕޯޓުން ރާއްޖެ ގެންނަ މުދާ ހީކުރި ވަރަށް ވުރެ މަދުވާނެ. ދެން އަޅުގަނޑުމެން ޖެހިދާނެ އެހެން ސެކްޓާތަކަށް ދާން. މި ހުރިހާ ޗެލެންޖުތަކާ އެކުވެސް ފައިދާ ނުވެ ހިންގޭނެ. އެއީ އަޅުގަނޑަށް ޔަގީންކަމެއް،" މެރިޓައިމް ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީގެ ގައުމީ ޝިޕިންލައިން، އެމްއެންއެސްއެލް ހުއްޓާލީ ބަނގުރޫޓްވެގެނެއް ނޫނެވެ. އަދި ކުންފުނީގެ ހަރަކާތްތައް ހުއްޓާލިއިރު އެ ކުންފުނީގައި ފުދޭވަރަކަށް ހަރުމުދާ ވެސް ރާއްޖެއިން ބޭރުގައި ހުއްޓެވެ. އަދި އެ ތަކެތި ވިއްކައިގެން ދަރަނި އަދާ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމުން ޔަގީންކޮށްދެނީ ސައީދު ވިދާޅުވި ގޮތުގައި ޝިޕިން ވިޔަފާރިއަކީ، ރޭވުންތެރިކަމާ އެކު ކުރެވިއްޖެ ނަމަ، ގެއްލުމެއް ނެތި ކުރެވިދާނެ ކަމެއްކަމެވެ. އަދި ދުނިޔޭގެ މެރިޓައިމް ޓްރޭޑަށް އަންނަ ބަދަލުތަކާ އެއްގޮތަށް ވިޔަފާރި ބައްޓަން ކުރެވިއްޖެ ނަމަ، ފައިދާ ނެގޭނެކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"އެމްއެންއެސްއެލްއަށް ވީގޮތަކަށް މިތަނަކަށް ނުވާނެ. އަޅުގަނޑުމެން ވިޔަފާރި ކުރާނީ މި ޓްރޭޑް އެނގިގެން ފައިދާވާނެ ގޮތަށް. މިއީ ތަފާތަކީ އޭރާ މިހާރާ. އަޅުގަނޑުމެންގެ މައި ކުންފުނި އެސްޓީއޯއަކީ ފައިދާގައި ހިންގުމުގެ ޓްރެކްޓް ރެކޯޑެއް އޮތް ކުންފުންޏެއް. އެބޭފުޅުންގެ ފައިނޭންޝަލް ބޭބޭފުޅުން، ހިސާބު ޖައްސަވާފައި ފައިދާވާނެ ކަމަށް ބުނުމުން އަޅުގަނޑުމެން މި ފެށީ ވެސް،" ސައީދު ވިދާޅުވި އެވެ.

އޭޕްރީލް 5، 2020: ރާއްޖޭގައި އަލަށް އުފެއްދި ގައުމީ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ ފުރަތަމަ ބޯޓު ރާއްޖެ ގެނެސް، ރާއްޖޭގެ އާ ޝިޕިން ލައިން އިފްތިތާހްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްއެސްއެސްއަކީ ދިވެހި ޒުވާނުން މެރިޓައިމްގެ ދާއިރާއަށް ނިކުތުމަށް ހުޅުވާލެވޭ އާ ދޮރެއްކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ މިއީ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމުގެ ވަގުތުކަމަށެވެ. ރާއްޖޭގައި މަރުވެފައިވާ މެރިޓައިމް ދާއިރާ އަލުން ދިރުވުމުގެ އުންމީދަކީ، އެމްއެސްއެސް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. އެކަމަށް އެ ކުންފުނިން ފޯކަސް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

ގައުމީ ޝިޕިން ކުންފުންޏަކީ ޓޫރިޒަމް ދާއިރާގެ އިތުރަށް ދިވެހިންނަށް ރަނގަޅު މުސާރަ ލިބޭ ވަޒީފާތައް ހޯދައިދޭނެ ދާއިރާއަކަށް ވާނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. މިއީ ޒުވާނުން ނިކުމެ، އިގްތިސާދުގައި އާ ސިނާއަތެއް ދިރުވަން މަސައްކަތް ކުރަން ޖެހޭ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.

އޭޕްރީލް 8، 2020: މޯލްޑިވްސް ސްޓޭޓް ޝިޕިން(އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދު ސަންއަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއީ އަސްލު ޓޫރިޒަމް ދާއިރާއަށް ވުރެ ވެސް ރަނގަޅު މުސާރަ ލިބޭ ވަޒީފާ ލިބެން ހުރި ދާއިރާއެއް. އެކަމަކު އަޅުގަނޑުމެންނަށް މިކަމާ އަޅާނުލެވި މި އޮތީ މި ހުރިހާ ދުވަހު. ޒުވާނުންނަށް މި ދާއިރާގެ ވާހަކަ ކިޔައި ދެވިފައެއް ވެސް ނެތް. މިއީ މާ ގަދަރުވެރި މަސައްކަތެއް ގޮތުގައެއް ނޫން ބަލާފައި އޮންނަނީ. މި ދާއިރާއިން މީހަކު ކިޔަވާކަށް ވެސް ނޫޅޭ. އެކަމަކު އަޅުގަނޑު ދަންނަވާނީ މިއީ ރަނގަޅު ފުރުސަތެކޭ އަޅުގަނޑުމެން ޒުވާނުން ކިޔަވައިގެން ނިކުމެ ކުރިއަށް ދާން. ގައުމީ ޝިޕިން ކުންފުނި މި އޮތީ އެ އަޒުމުގައި. މިދާއިރާ އަލުން ދިރުވާ ދިވެހިން މި ދާއިރާއަށް ނެރުމުގެ އަޒުމުގައި." ގައުމީ ޝިޕިން ކުންފުނީގެ ބޮޑު ވިޝަންއާ ގުޅޭ ގޮތުން، ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް