ހުޅުމާލޭގައި އަޅާ ބޮޑު ކަރަންޓީނު ފެސިލިޓީއަށް 40 މިލިއަން ޚަރަދު ވާނެ: ސަރުކާރު

ހުޅުމާލޭގައި ކަރަންޓީނު ފެސިލިޓީ ގާއިމް ކުރާ ސަރަހައްދު -- ފޮޓޯ: އެޗްޑީސީ

ކޮވިޑް-19 ފެތުރި ގިނަ އަދަދެއްގެ މީހުންނަށް އެއްފަަހަރާ ފަރުވާދޭން ޖެހިއްޖެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ގާއިމް ކުރަމުންދާ 300 އެނދުގެ ކަރަންޓީނު ފެސިލިޓީއަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ "ހުޅުމާލެ މެޑިކަލް ފެސިލިޓީ" ގެ ނަމުގައި ތަރައްގީ ކުރާ ފެސިލިޓީގައި 300 އެނދު ހުންނާނެ ކަމަށެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ކުރިމަތީ އޮންނަ ބިމުގައި ތަރައްގީކުރާ މި ފެސިލިޓެ ކޮންސްޓްރަކްޝަނަށް 12 މިލިއަން ރުފިޔާ އަދި އެތަނަށް ބޭނުންވާ މެޑިކަލް އިކުއިޕްމެންޓަށް 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މި ފެސިލިޓީ އާއެކު ސާވިސް ބިލްޑިން އަކާއި އެކޮމޮޑޭޝަން ބްލޮކެއްވެސް ގާއިމް ކުރާނެ ކަމަށެވެ.

އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލް ވެސް ވަނީ ހަމަޖައްސައިފައެވެ. މީގެ އިިތުރުން ފަރުކޮޅުފުށީގައިވެސް ވަނީ ކަރަންޓީނު ފެސިލިޓީއެއް ގާއިމްކޮށްފައެވެ.

މަބްރޫކް ވިދާޅުވީ މިވަގުތު އައިސޮލޭޝަނުގައި 12 މީހަކު އެބަތިބި ކަމަށެވެ.

ކަރަންޓީން އަދި އައިސޮލޭޝަން ފެސިލީޓީގެ ގޮތުގައި ޖުމްލަ 641 ޖާގަ މިހާރު ގާއިމްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 19 މީހަކު ފެނިފައިވާއިރު 13 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް