ނުއުމާނަކީ ހުލްގުހެޔޮ އޯގާތެރި ބޭފުޅެއް: އަދާލަތު

ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގެ ލިޔުން އަހްމަދު ނުއުމާނަށް ރައީސް ސޯލިހު ހަވާލުކުރައްވަނީ -- ފޮޓޯ/ ރައީސް އޮފީސް

ކަސްޓަމްސްގެ ވެރިޔާ، ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނަކީ ވިސްނުންފުޅުތޫނު، ހީވާގި، ހިންގުންތެރި، ހުލްގުހެޔޮ އަދި އޯގާތެރި ބޭފުޅެއް ކަމަށް އަލާތު ޕާޓީއިން ބުނެފިއެވެ.

ނުއުމާން އަވަހާރަވުމާ ގުޅިގެން އެ އާއިލާއަށް އަދާލަތު ޕާޓީއިން ވަނީ ތައުޒިޔާ ފޮނުވާފައެވެ.

އަދާލަތު ޕާޓީއިން މިއަދު ފޮނުވި ތައުޒިޔާގައި ބުނެފައިވަނީ ނުއުމާނަކީ ހުރިހާ ހިޔަލުގެ އަދި އެކި މިޒާޖުގެ މީހުންނާއެކު މަސައްކަތްކުރައްވައި ވިސްނުން އެއްގޮތްކުރައްވާ ހިކުމަތްތެރި ބޭފުޅެއް ކަމަށެވެ.

ނުއުމާނަކީ 2012 ގައި އަދާލަތު ޕާޓީއާ ގުޅިވަޑައިގެން އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ އަދާލަތު ޕާޓީއަށާއި ގައުމަށް ތަފާތު ހިދުމަތްތަކެއް ކޮށްދެއްވާފައި ކަމަށް އަދާލަތު ޕާޓީއިން ބުންޏެވެ.

ނުއުމާން އަވަހާރަވީ އާލާސްކަންފުޅެއްގައި އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް ރޭ އިރާކޮޅު އެވެ. ނުއުމާން އަވަހާރަވުމުގެ ހިތާމައިގައި، ކަސްޓަމްސްގެ މައި އޮފީސް ވެސް މިއަދު ވަނީ ބަންދުކޮށްފައެވެ.

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި އިންނަވާ ނުއުމާން ކަސްޓަމްސްގެ ވެރިއަކަށް އައްޔަން ކުރެއްވީ ޑިސެމްބަރު 11، 2018 ގައެވެ.

ނުއުމާން ވަނީ ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމުގެ އިތުރުން ސްޓެލްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް ކުރިން މަސައްކަތް ކުރައްވައިފަ އެވެ.

comment ކޮމެންޓް