ދަތުރުވެރިންގެ މާރުކޭޓުގައި ބިދޭސީން ތިބޭނަމަ ގޮޅި އަތުލާނަން: ޝިފާ

ރަސްކަރަ މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މިހާރު އިތުރަށް ތަރައްގީކޮށް ހުޅުވުމަށް ތައްޔާރުވެފައިވާ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި ބިދޭސީން ތިބޭނަމަ، އެ ގޮޅިތައް އަތުލާނެ ކަަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މާރުކޭޓު ބަންދުކުރި އިރު އެތަނުގައި ހުރީ 174 ގޮޅިއެވެ. އެ ގޮޅިތައް ބޮޑުކޮށް، މިހާރު ވަނީ 165 ފަރާތަކަށް އިއުލާންކޮށް އެ ފަރާތްތަކާ އެގްރިމަންޓު ހަދަމުންނެވެ. މާރުކޭޓުތަކުގެ ގިނަ ގޮޅިތަކުގައި ތިބެނީ ބިދޭސީންނެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ އޮންލައިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝީފާ ވިދާޅުވީ، މިފަހަރު ގޮޅިތައް ދޫކޮށްފައިވަނީ ހަރުދަނާ އުސޫލެއް އެކުލަވާލެވި، އުސޫލުތަކާ އެއްގޮތަައް ކަމަށެވެ. އަދި އުސޫލުތަކާ ހިލާފުވާނަމަ، އެ ގޮޅިއެއް އަތުވެލޭނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

"މިފަހަރު ހުރިހާ ބޭފުޅުންވެސް ގޮޅި ނަގާފައި ވަނީ ތިމަންނަ ގޮޅީގައި ހުންނާނެ ކަމަށް ބުނެފައި. އަދި ބަދަލުގައި ހުންނާނީވެސް ދިވެއްސެއް ކަމަށް ބުނެފައި. އަޅުގަނޑުމެންގެ އުސޫލުތަކުގައި އޮންނާނެ ރެންޑަމްކޮށް ޗެކް ކުރާއިރު، އެއްވެސް ބިދޭސީއެއް ހުރި ނަމަ، ވަގުތުން ގޮޅި ނެގޭނެ،" ކްރިމިނަލް ކޯޓު ކުރިމަތީ އޮންނަ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ޝިފާ ވިދާޅުވިއެވެ.

ވެރިފަރާތުގެ ބަދަލުގައި ގޮޅީގައި ދެވަނަ ފަރާތެއް ބަހައްޓާނަމަ އެމީހެއްގެ މައުލޫމާތުވެސް ކައުންސިލަށް އެނގޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އެ ދެބޭފުޅުންގެ ފޮޓޯވެސް ގޮޅީގައި ފެންނަން ހުންނާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ޝިފާ ވިދާޅުވީ، މިފަހަރު ގޮޅި ދިނުމުގައި ކުރިން ދަތުވެރިން މާރުކޭޓުގައި އަމަލީގޮތުން އުޅުނު ފަރާތްތަކަށް އިސްކަންދީފައިވާނެ ކަމަށެވެ. އަދި ކުރިން ދަތުރުވެރިންގެ މާރުކޭޓު ހިންގި ފަރާތްތަކުގެ ތެރެއިން ގަވައިދާ ހިލާފުވެފައިވާ ފަރާތްތަަކަށް މާކްސް މަދުވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"ގޮޅި ކުއްޔަށް ދީފައި އިންޑިއާ ސިލޯންގައި އުޅޭ ފަރާތްތައް އަޅުގަނޑުމެންނަށް އެނގޭ. އެހެންވީމަ މާރުކޭޓުގައި އަބަދު އުޅޭ ފަރާތްތަކަށް އިސްކަން ދީފައިވާނެ،" ޝިފާ ވިދާޅުވިއެވެ.

ގޮޅި ދޫކުރުމުގައިވާ އަމަލުކޮށްފައިވާ އުސޫލުތައް އިތުރަށް ހާމަކުރައްވަމުން ޝިފާ ވިދާޅުވީ، މިފަހަރު މާކްސް ދިނުމުގައި އަންހެންނުނަށްވެސް ހާއްސަ އިސްކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން އަންހެނުނަށް އިތުރު ފަސް މާކްސް ދީފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އަލަށް ކުރިމަތިލި މީހުންނަށްވެސް ހާއްސަ ސަމާލުކަމެއްދީފައިވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

ޝީފާ ވިދާޅުވީ، މާރުކޭޓު އިތުރަށް ހަރުދަނާކޮށް ހިންގުމަށްޓަކައި މިހާރު ކެމެރާ ހަރުކުރެވި މުވައްޒަފުންވެސް އިތުރުކޮށްފައިވާ ކަަމަށެވެ. އަދި ކުނި އުކާ ގޮަތަށްވެސް އިންތިޒާމް ހަމަޖައްސާފައިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

"ދަތުރެވެރިންގެ މާރުކޭޓުން ގޮޅި ލިބުނު ފަރާތަތަކަށް މަދަމާވެސް ގޮޅިތަކަށް ވަދެ އެ މަސައްކަތް ފެށޭނެ.. ދަތުރުވެރިންގެ މާރުކޭޓު މި ފަށަނީ ކެމެރާ ސިސްޓަމްވެސް ލެވިގެން އަދި މުވަޒަފުންވެސް އިތުރުކޮށްގެން. އެތަނުގެ ގޮޅީގެ ކުއްޔަކީ [މަހަކަށް] 3،000 ރުފިޔާ. އެއީ ކުނިވެސް ނެގުމާއެކު،" ޝިފާ ވިދާޅުވިއެވެ

މިހާރު 116 ފަރާތަކާއެކު އެގްރިމަންޓު ހަދާފައިވާ ކަމަށް ޝިފާ ވިދާޅުވިއެވެ. އަދި އެމީހުންނަށް މިހާރު އެތަނަށް ވަދެވި ވިޔަފާރި ފެށުމަށްޓަކަައި މަސައްކަތް ކުރެވޭނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

ކޮރޯނާވައިރަސްއާ ގުޅިގެން މާރުކޭތުތައް ހިމެނޭގޮތަށް ސިޓީކައުންސިލުން ކުއްޔައް ދީފައިވާ ބިންތަކުގެ ކުއްޔަށް ލުޔެއް ދިނުމުގެ ވިސްނުން ގެންގުޅުއްވާކަމަށްވެސް ޝިފާ ވިދާޅުވިއެވެ. އަދި މިއަދު ބާއްވާ ކައުންސިލް ބައްދަލުވުމުގައި އަކަމަށް މަޝްވަރާ ކުރައްވާނެ ކަމަށްވެސް ޝިފާ ވިދާޅުވިއެވެ.

މަރާމާތު ކުރުމަށްޓަކައި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ. އެއާއެކު ބައެއް ފަރާތްތަކުން އެތަން ހުޅުވުން ލަސްވާތީވެ ކަންބޮޑުވުންވެސް ފާޅުކުރިއެވެ.

https://sun.mv/134405

comment ކޮމެންޓް