މުހިންމީ ނަޝީދުގެ ހިޔާލެއް ނޫން! ގާނޫނީ ފަރުވާއެއް!

ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި: ގާނޫނު އަސާސީ އިސްލާހުކުރަން ނަޝީދު ދެކޮޅު ހައްދަވާ -- ފޮޓޯ/ މަޖިލިސް

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ސުވާލު އުފައްދަވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިވަނީ ބޮޑު ބަހުސެއްގެ ކުރި ފަޅުވައިފަ އެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވީ ކޮވިޑް-19 ގެ ސަބަބުން މި މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމާ ގުޅިގެން، މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމާލުމަށެވެ.

މިހާރު އިންތިހާބުވެފައި ތިބި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތުގެ ދައުރު ޖޫން މަހުގެ ތިން ވަނަ ދުވަހު ހަމަވާނެ އެވެ. އެހެންކަމުން އެ ކައުންސިލްތަކުގެ ދައުރު ދިގު ދަންމާލުމަށް ސަރުކާރުން ހުށަހެޅީ ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ.

ނަމަވެސް އިއްޔެގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ގެނެސްގެން ނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި، އެހެންކަމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރައްވާފައިވާ ދަނޑިވަޅުގައި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެތޯ ސުވާލު އުފައްދަވައި، އެ ބަހުސް ތަޅުމަށް ދޫކޮށްލައިވައިފަ އެވެ.

ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ވަގުތެއްގައި ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ނުގެނެވޭނެ ކަމަށެވެ. އެ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތަކީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ނުރައްކަލެއްގެ ހާލަތުގައި ރައީސުލްޖުމްހޫރިއްޔާއަށް އިއުލާން ކުރުމުގެ ބާރު ލިބިގެންވާ ކުއްލި ނުރައްކަލުގެ ހާލަތެވެ. އަދި މިހާތަނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައި ނުވެ އެވެ. ރާއްޖޭގައި އިއުލާނުކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ހެލްތު މިނިސްޓަރު އިއުލާނު ކުރާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެވެ. މިއީ މުޅިން ތަފާތު ދެކަމެކެވެ.

އެ މައްސަލައިގައި މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފަޔަކަށް ވެސް ނަޝީދު އެދިވަޑައިގަތެވެ. ނަޝީދަށް ލަފާ އަރުވަމުން ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ވިދާޅުވީ މިހާރު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ގަރާރަކުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކޮންމެ ވަގުތެއްގައިވެސް ގާނޫނުއަސާސީއަށް އިސްލާހު ގެނެވިދާނެ ކަމާމެދު ގާނޫނީ ގޮތުން އިއުތިރާޒު ކުރާނެ ތަނެއް އޮތްކަމަށް ނުފެންނަ ކަމަށް ކައުންސެލް ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.

ކައުންސެލް ޖެނެރަލްގެ ލަފަޔަށްފަހު، އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވެސް ވަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށް ވިދާޅުވެފަ އެވެ.

އޭޖީ ރިފްއަތު އިއްޔެ ކުރެއްވި ޓްވީޓެއްގައި ފާހަގަ ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވާ ކަމެވެ. އެހެންކަމުން މިވަގުތު ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުރަހެއް ނެތް ކަމަށާއި، ކައުންސިލްތަކުގެ ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ގާނޫނު އަަސާސީ އިސްލާހުކޮށްގެން ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.

އޭޖީ އާއި މަޖިލީހުގެ ކައުންސެލް ޖެނެރަލް މިފަދައިން ލަފާ ދެއްވާފައިވީ ނަމަވެސް، މަޖިލީހުގެ ރައީސަށް މި ލަފާ އަދި މުޅިން ކަމަކު ނުދެ އެވެ. ނަޝީދު ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ކުރެވެން ވާނީ ހޮޅު އަށިތަކުގައި މަޝްވަރާ ކުރެވޭ، ސައި ހޮޓާތަކުގައި ވާހަކަ ދެއްކޭ ހާލަތެއްގައި ކަމަށެވެ. މިވަގުތު ރާއްޖޭގައި އެ ހާލަތެއް ނެތް ކަމަށް ނަޝީދު ވިދާޅުވެ، ގޮތުގައި އަންނަނީ ހިފަހައްޓަވަމުންނެވެ.

ނަޝީދުގެ ހިޔާލު ހުންނެވީ ގޮތް ދޫކުރައްވާ ގޮތަކަށް ނޫނެވެ. އެއާއެކު އޭޖީގެ ލަފާވެސް، ބޮލާލާ ޖަހާލުމަށް ފަހު އެމްޑީޕީ މެމްބަރުން މިވަނީ ނަޝީދުގެ އެ ހިޔާލު ކޮނޑުމަތީގައި އުފުލަން ފަށައިފަ އެވެ.

މައުޟޫއަށް ބަހުސް ކުރައްވަމުން މާފަންނު އިތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވަނީ ނަޝީދު ދައްކަވާ ވާހަކަ ވަރަށް ސާފު ކަމަށާއި، އެ ވާހަކަ ދައްކަވަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް ކަމަށެވެ.

"ގާނޫނުއަސާސީ އިސްލާހު ކުރެވެން ޖެހޭނީ ހޮޅުއަށިތަކުގައި ބަހުސް ކުރެވިގެން، ސައި ހޮޓާތަކުގައި ވާހަކަ ދެކެވި، އެންމެން ތަންތަނަށް އެއްވުމުގެ ފުރުސަތެއް ލިބިގެން، ވާހަކަ ދެކެވިގެން، އެއީ މީގެ ރޫހަކީ،" އިމްތިޔާޒް ވިދާޅުވި އެވެ.

އެހެންކަމުން މިވަގުތު ގާނޫނުއަސާސީ އިސްލާހު ކުރުމަކީ ކިހާ "ލެޖިޓިމެޓް" ކަމެއްތޯ މެމްބަރު ވަނީ ސުވާލު އުފައްދަވައިފަ އެވެ. މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހުކުރުން އިމްތިޔާޒް ސިފަކުރެއްވީ ގާނޫނުއަސާސީގައި އޮތް ކުޑަ "ލޯވަޅެއް"ގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުން ކަމަށެވެ.

މެމްބަރު ވިދާޅުވަނީ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައި ނުވި ނަމަވެސް، ރާއްޖެ އާއި މުޅި ދުނިޔެ ވެސް އޮތީ އެ ހާލަތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އަދި ސަރުކާރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. ހަމައެކަނި ނުވެ އޮތް ކަމަކީ ރައީސް، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި ނުވުމެވެ.

"އަޅުގަނޑު ގަބޫލުކުރަނީ މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހެއް ނުކުރެވޭނޭ. ސަރުކާރުން ވެސް އެބަ ގަބޫލުކުރޭ، ދުނިޔެއިން ވެސް، އަދި އަޅުގަނޑުމެން މި ތިބީ ވެސް އެ ހާޅަތުގައި. ގާނޫނުއަސާސީގެ ރޫހަކީ ބަނދެ ތަޅު އެޅުވިފައިވާ ދަނޑިވަޅެއްގައި ގާނޫނުއަސާސީ އިސްލާހު ނުކުރުމޭ. އެހެންވީމަ މިއީ ކިހާ ލެޖިޓިމެޓް ކަމެއްތޯ ސުވާލު އުފެދެނީ،" މެމްބަރު ވިދާޅުވި އެވެ.

އެކަމަކު އިމްތިޔާޒްގެ ވާހަކަ ނިންމަވާލެއްވި އިރު، ގާނޫނުއަސާސީ އިސްލާހުނުކޮށް މިހާރު ދިމާވެފައި އޮތް މައްސަލައަށް ހައްލެއް ބުނެ ނުދެއްވަ އެވެ. އެހެންކަމުން ރިޔާސަތުން ވަނީ މެމްބަރަށް އެކަމުގެ ހައްލެއް ދެއްވަން އިތުރު ފުރުސަތެއް ވެސް އަރުވައިފަ އެވެ.

އިމްތިޔާޒް ވިދާޅުވީ ކައުންސިލްތަކަކީ އިންތިހާބު ކުރެވޭ ބަޔަކަށް ވާއިރު، މިހާރު ތިބި ކައުންސިލަރުންގެ މުއްދަތު ދިގު ދަންމާލި ނަމަވެސް އެއީ އިންތިހާބު ވެފައިވާ ބަޔަކަށް ނުވާނެ ކަމަށެވެ.

އިމްތިޔާޒް ވިދާޅުވަނީ ގާނޫނުއަސާސީގައި އަތް ނުލާ، ރައީސަށް ލިބިދޭ ބާރުގެ ދަށުން ނުވަތަ ވަކި ގާނޫނަކުން، އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުން މުސާރަ ހިނގާ ގޮތަށް ބޭތިއްބިދާނެ އެވެ. އޭރުން އެމީހުން ވާނީ އިންތިހާބީ ބަޔަކަށް ނޫނެވެ. ވަގުތީ ގޮތުން މަސްއޫލިއްޔަތު ހަވާލުކޮށްފައި ބައިތިއްބާފައި ތިބޭ ބަޔަކަށެވެ.

އޭޖީގެ ލަފާ އެގޮތަށް އޮތް ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް މިއަދު ވެސް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ތުޅާދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލާ ހިސާން ހުސައިން ވެސް ވިދާޅުވަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށެވެ.

"މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުރަހެއް އޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ހިސާން ވިދާޅުވި އެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް ހަސަން ލަތީފް ވެސް ވިދާޅުވަނީ ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވާފައިވާ ހާލަތުގައި ކަމަށެވެ.

މި މައްސަލައިގައި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވިދާޅުވީ އޭޖީ އާއި ކައުންސެލް ޖެނެރަލް މި މައްސަލައިގައި މިހާރު ގާނޫނީ ލަފާ ދެއްވާފައި ވާއިރު، ގާނޫނީ ގޮތުން މިކަމާ މެދު ބަހުސެއް ކުރާނެ ޖާގަ ނެތް ކަމަށެވެ.

"ގާނޫނީ ގޮތުން އަޅުގަނޑުމެންނަށް ލަފާއަރުވަން ތިއްބެވި ބޭފުޅުން މި ވިދާޅުވަނީ އެކަން ކުރެވިދާނެ ކަމަށް ލަފާދެއްވާފައި. އެހެންވީމަ އަޅުގަނޑު ވެސް ގަބޫލުކުރަނީ މި ހާލަތުގައި ގާނޫނުއަސާސީ އިސްލާހުކުރަން ހުރަހެއް ނެތް ކަމަށް،" މެމްބަރު ވިދާޅުވި އެވެ.

ހައްލަކީ ގާނޫނުއަސާސީ އިސްލާހުކުރުން!

މި ދަނޑިވަޅުގައި ގާނޫނުއަސާސީ އިސްލާހު ނުކުރެވޭނެ ކަމަށް މެމްބަރުން ބުނަމުން ދިޔަ ނަމަވެސް، ގާނޫނުއަސާސީ އިސްލާހު ނުކޮށްފިނަމަ މިހާރު އިންތިހާބުވެފައި ތިބި ކައުންސިލްތަކުގެ ދައުރު ހަމަވެ، ގާނޫނީ ބޮޑު ހުސްކަމަކަށް ދާނެ އެވެ.

"ސަން" އާ ވާހަކަދެއްކެވި ފުންނާބު އުސް ގާނޫނީ ވަކީލުން ވިދާޅުވަނީ ގާނޫނު އަަސާސީއަށް އިސްލާހު ނުގެނެސް މައްސަލަ ހައްލު ނުކުރެވޭނެ ކަމަށެވެ.

"މިއީކީ ބަހުސެއް ކުރަން ޖެހޭ ކަމެއް ވެސް ކަމެއް ނޫން. ވަރަށް ސާފު ނޫންތޯ މިކަން އޮތް ގޮތް؟ ގާނޫނުއަސާސީއަށް ކުޑަ އިސްލާހެއް ގެނެސްގެން މިކަން ހައްލުވީ،" ނަން ނުޖަހާގޮތަށް ސަން ވާހަކަދެއްކެވި ވަކީލަކު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި އަތްނުލާ، ސަންސެޓު ގާނޫނަކުން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގު ދަންމަވާލެވޭނެ ކަމަށް މިއަދު ބައެއް މެމްބަރުން ވިދާޅުވި އެވެ.

ނަމަވެސް ގާނޫނީ ބޭފުޅުން އެކަމާ ދެކޮޅެވެ. "ސަން" އާ ވާހަކަދެއްކެވި އިތުރު ވަކީލަކު ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައެޅިގެން ވަކި މުއްދަތެއް ބަޔާންކޮށްފައި އޮތް ކަމެއް، ބަދަލު ކުރެވޭނީ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްގެނެވެ. ގާނޫނުއަސާސީގައި އޮތް ކަމެއް ވަކިން ގާނޫނެއް ހަދައިގެން ބަދަލެއް ނުކުރެވޭނެ ކަމަށް އެބޭފުޅުން ވިދާޅުވެ އެވެ.

އެހެންކަމުން މި މައްސަލައަށް އޮތް އެންމެ އަވަސް އަދި ހަމައެކަނި ހައްލަކީ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމެވެ. ނޫން ނަމަ، ރާއްޖެ ވެއްޓޭނީ ގާނޫނީ ބޮޑު ހުސްކަމެއްގެ ތެރެއަށެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި އަޑުއަހަންވީ ގާނޫނީ ބޭފުޅުން ދެއްވާ ލަފަޔާއި އިރުޝާދެވެ. އެއީ މީހެއްގެ ބުއްދިއަށް ކަމެއް ވިސްނޭ ގޮތަށް ކަންކަން ނިންމަންވީ ވަގުތެއް ނޫނެވެ.

ގާނޫނުއަސާސީގެ 267 ވަނަ މާއްދާގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ގާނޫނުއަސާސީއާ ކުޅުމުގެ ފުރުސަތު ބަންދުކޮށްފައި އޮތީވެސް، އެފަދަ ދަނޑިވަޅުތަކުގައި ސިޔާސީ ސަކަރާތްތައް ގަންނާނެ ޖާގަ ނުދިނުމަށެވެ. އެހެންކަމުން މިއަދު ހުންގާނު ދޭންވާނީ ކަމުގެ ފަންނުވެރިންނަށެވެ. ސިޔާސީ މީހުންނަކަށް ނޫނެވެ. މިފުރުސަތަކީ ހާއްސަ، ހާލަތެއްކަން ބަލައި، އަވަހަށް ހައްލު ހޯދަން ޖެހެ އެވެ.

comment ކޮމެންޓް