ހުޅުމާލޭގައި ކާފިއު ވަގުތުގައި ބޭރަށް ނުކުމެ އުޅުނު އިތުރު މީހަކު މިއަދު ޖޫރިމަނާ ކޮށްފި އެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މާލޭ ސިޓީގައި ވަކި މުއްދަތެއް ނެތް ގޮތަށް ކޮންމެ ދުވަހަކު ހަވީރު 5:00 އިން ފެށިގެން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފައެވެ.
އިއްޔެ ވެސް ފުލުހުން ވަނީ ކާފިއު ވަގުތުގައި މާލޭ ސިޓީގެ މަގުމައްޗަށް ނުކުތް މީހަކު ޖޫރިމަނާ ކޮށްފައެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ ކާފިއު ވަގުތުގައި ބޭރުގައި އުޅުމުން 183 މީހަކަށް މިއަދު ނަސޭހަތް ދީފައިވާކަން ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 150 ދިވެހީންނާއި 33 ބިދޭސީން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަ މީހަކަށް ދެވަނަ ފަހަރަށް ނަސޭހަތް ވެސް މިއަދު ވަނީ ދީފަ އެވެ.
އިއްޔެ ބޭރުގައި އުޅުނު މީހުނަށް ވުރެން މިއަދު ކާފިއު ވަގުތު ބޭރުގައި އުޅުނު މީހުން ވަނީ އިތުރުވެފައެވެ.