އާންމު ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނަގަން ފަށައިފި

ދިވެހި ރުފިޔާތަކެއް: މިއަދުން ފެށިގެން އާންމު ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނެގުން ވަނީ ފަށާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާންމު ފަރުދުންނަށް މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީން އިންކަމް ޓެކްސް ނަގަން ފަށައިފި އެވެ.

އިންކަމް ޓެކްސް ނެގުމުގެ ގާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވީ 2019 ގެ ޑިސެމްބަރުގައެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖެނުއަރީން ފެށިގެން ފަރުދުންގެ އާމްދަނީން (މުސާރަ/އުޖޫރަ ނޫން ގޮތްގޮތަށް ލިބޭ އާމްދަނީން) ޓެކްސް ނަގަން ވަނީ ފަށާފަ އެވެ.

އަދި ފަރުދުންނަށް ލިބޭ މުސާރަ/އުޖޫރައިގެ އާމްދަނީން ޓެކްސް ނަގަން ފެށީ މިއަދު އެވެ.

ފަރުދުންގެ އާމްދަނީ ޓެކްސް ނަގަން ނިންމާފައިވަނީ ފަސް ބްރެކެޓެއްގެ ދަށުންނެވެ. އެއީ؛

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓު
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓު

ފަރުދުންނަށް ލިބޭ އާމްދަނީ ޓެކްސް ނަގަން ފެށުމާއެކު މިއަދު މީރާއިން ވަނީ ޓެކްސް ފައިސާ ދައްކަން ޖެހޭ ސުންގަޑިތައްވެސް ހިއްސާކޮށްފައެވެ.

މަހަކު އެއްފަހަރު ދައްކަން ޖެހޭ އެމްޕްލޯއީ ވިތުހޯލްޑިން ޓެކްސް ރިޓާން އަދި ޕޭމަންޓުގެ ސުންގަޑިއަކީ ކޮންމެ މަހެއްގެ ވެސް 15ވަނަ ދުވަހެވެ. މިއަދު މި ޓެކްސް ނަގަން ފެށުމުން ފުރަތަމަ ސުންގަޑިއަށް ވާނީ މެއި މަހުގެ 15ވަނަ ދުވަހެވެ.

ނޮން ރެސިޑެންޓް ވިތުހޯލްޑިން ޓެކްސް ރިޓާން އަދި ޕޭމަންޓްގެ ސުންގަޑިއަކީ އެމީހަކަށް މުސާރަ ދޭ މަހާ ޖެހިގެން އަންނަ މަހުގެ 15 ވަނަ ދުވަހެވެ.

އިންޓެރިމް ރިޓާން އަދި އިންކަމް ޓެކްސް ރިޓާން ދައްކަން ޖެހެނީ ތިން ފަހަރެއްގެ މަތިންނެވެ. އެ ފައިސާ ދައްކަން ޖެހޭ ސުންގަޑިތަކަކީ؛

  • ފުރަތަމަ އިންޓެރިމް ރިޓާން އަދި ޕޭމަންޓް: 31 ޖުލައި 2020
  • ދެވަނަ އިންޓެރިމް ރިޓާން އަދި ޕޭމަންޓް: 31 ޖެނުއަރީ 2021
  • އިންކަމް ޓެކްސް ރިޓާން އަދި ފަހު ޕޭމަންޓް: 30 ޖޫން 2021

އާމްދަނީއިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި މިއީ މިއަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

comment ކޮމެންޓް