މަސްތުގައި ހުރިކަމަށް ބެލެވޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ސަރުކާރުގެ ކާރެއްގައި ޖެހި އެކްސިޑެންޓުވެއްޖެ

ޓްރެފިކް ފުލުހުން މަގު ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ ކުޑަކުއްޖަކު ދުއްވި ސައިކަލެއް ކޮރޯނާވައިރަހާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓްރީއިން ދަތުރުތައް ކުރުމަށް ގެންގުޅޭ ކާރެއްގައި ޖެހި އެކްސިޑެންޓުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު މެންދުރު 12:00 އެހާކަންހާއިރު މާލޭގެ މަގުތައް ޕެޓްރޯލު ކުރަމުން ދަނިކޮށް، މަސްތުގައި ހާލުގައި ހުރި ކަމަށް ބެލެވޭ މީހަކު ސައިކަލުގައި ދިޔަތަން ފެނިގެން އެ މީހާ ހުއްޓުވަން އުޅުމުގެ ތެރޭގައި އެ މީހާ ސައިކަލުގައި ފިލަން މަސައްކަތްކުރި ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ރޯޝަނީމަގާއި ސޯސަންމަގު ގުޅޭ ކަންމަތިން އޭނާ ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، ރޯޝަނީމަގުގައި މަޑުކޮށްގެން ހުރި ސައިކަލެއްގައި ޖެހި ވެއްޓުނީއެވެ. ކޮރޯނާއާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓްރީއިން ދަތުރުތައް ކުރުމަށް ގެންގުޅޭ ކާރެއްގައި ޖެހި އެކްސިޑެންޓުވީ، އެ ސައިކަލުގައި ޖެހި ވެއްޓުމުން ތެދުވެ އަނެއްކާވެސް ފިލަން އުޅުމުގެ ތެރޭގައެވެ.

އެ އެކްސިޑެންޓުގައި ކާރަށް މާ ބޮޑު ގެއްލުމެއް ނުވި ނަމަވެސް، ވިންޑޯ ސީޓާ ދިމާލުން ކުލަ ކަހައިގެން ގޮސްފައިވެއެވެ.

ސައިކަލު ދުއްވަން ހުރީ އުމުރުން 17 އަހަރުގެ ކުއްޖެއްކަން ފުލުހުން މިހާރު ވަނީ ދެނެގަނެފައެވެ. އަދި ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނި ގޮތުގައި އެ ކުއްޖާގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި ޕެކެޓެއްވެސް ފެނިފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް