ސަގާފީ އަޅުވެތިކަން

ޑިސެންބަރު 1 2019: ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައުދެއްވުން : އެއާާޕޯޓް ހުޅުވައިދެއްވީ ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަގާފަތަކީ ގައުމެއްގެ ޝަނާކަތާއި ޝަޚްސިއްޔަތުގެ އެންމެ އަސާސީ އެއް އުންސުރެވެ. ގައުމެއްގެ ޖަމާއަތުގައި ހިމެނޭ މެންބަރުންނަކީ އެކަތިގަނޑަކަށް ނުވަތަ އެއް ބަޔަކަށް ހަދާ އެންމެ ވަރުގަދަ އެއް ބަހާޔަކީ ސަގާފަތެވެ. އެ ގައުމަށް އެހެން ގައުމުތަކާ ތަފާތު ޝަނާކަތަކާއި ޝަޚްސިއްޔަތެއް ލިއްބައިދޭ އެންމެ މުހިއްމު އެކައްޗަކީ ސަގާފަތެވެ.

އިޖުތިމާއީ އިލްމުތަކުގެ އަހުލުވެރީން ބަހާއި ދީން ވެސް ހިމަނުއްވަނީ ސަގާފަތުގެ ބައެއްގެ ގޮތުގައެވެ. މި ދެ ބައިގެ އިތުރުން، ގައުމެއްގެ ނުވަތަ ބައެއްގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެ ބައެއްގެ ކެއިންބުއިމުގެ އާދަތަކާއި ކައިބޮއި އުޅޭ އެއްޗެއްސާއި، އެ ބަޔަކު އަޅައިއުޅޭ ހެދުމާއި ހެދުން އެޅުމުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އާދަތަކާއި، އެ ބައެއްގެ މިޔުޒިކާއި އަދަބިއްޔާތާއި ޅެންވެރިކަން ފަދަ ފަންނުތަކާއި އެ ބަޔަކު ފާހަގަ ކޮށްއުޅޭ މުނާސަބަތުތަކާއި އެ މުނާސަބަތުތައް ފާހަގަ ކޮށްއުޅޭ ގޮތްތައް ފަދަ ކަންކަން ހިމެނެއެވެ. މި ކަންކަން އެއް ގޮތަކަށް ކުރާ މީހުންނަކީ، އެއް ސަގާފަތެއްގެ އަހުލުވެރީންނެވެ. ސަގާފީ އެއްގޮތްކަން ނެތި، ބަޔަކު އެއް ގައުމެއްގެ ބަޔަކަށެއް ނުވާނެއެވެ. އެކަތިގަނޑަކަށް ނުވާނެއެވެ. އެއް ގައުމިއްޔަތެއްގެ އަހުލުވެރީން ކަމުގައެއް ނުވާނެއެވެ.

ވަރަށް ގިނަ މީހުންގެ ނަޒަރުގައި އިނގިރޭސި ވިލާތާއި އެމެރިކާ ފަދަ ބައެއް ގައުމުތަކުގައި އޮންނަ "މަލްޓި-ކަލްޗަރަލް" މުޖުތަމައުތަކަކީ، ތަފާތު ސަގާފަތްތަކުގެ އަހުލުވެރީންނަށް އެއް ގައުމިއްޔަތެއް ހިއްސާ ކުރެވިދާނެކަމުގެ ހެއްކެކެވެ. ނަމަވެސް މިއީ ރަނގަޅު ވިސްނުމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. މިއިން ކޮންމެ ގައުމެއްގައި ވެސް މައިގަނޑު ނުވަތަ "ޑޮމިނެންޓް" ސަގާފަތެއް އެބަ އޮވެއެވެ. އެ ނޫން ސަގާފަތްތަކުގެ މީހުންނަށް އެތަންތަނުގައި އެއިރުވެސް އަދި މިހާރު ވެސް އުޅޭން ޖެހިފައި ވަނީ ބިދޭސީންތަކެއްކަމުގެ ޝުއޫރުތަކާ އެކުގައެވެ. މައިގަނޑު ސަގާފަތަށް ކޮންމެވެސް ސިފައެއްގައި އަދި ކޮންމެވެސް މިންވަރަކަށް ބޯލަނބައިގެންނެވެ. މައިގަނޑު ސަގާފަތާއި އެ ސަގާފަތުގެ އަހުލުވެރީންގެ ސަމާހަތާއި އޯގާވެރިކަމުން ފައިދާ ލިބިގަނެގެން ތިބޭ ބައެއްގެ ލޭބަލު ޖެހިގެންނެވެ.

ގައުމަކަށް އެހެން ގައުމުތަކާ އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރެވޭ، އަދި ދުނިޔޭގެ ކުރިމަތީގައި އިއްޒަތާއި ޝަރަފު ލިބިގެންވާ ގައުމެއްގެ ގޮތުގައި އޮވެވެނީ އެ ގައުމެއްގެ އަމިއްލަ ސަގާފަތުގެ މައްޗަށް ތަހުޒީބާއި ތަރައްގީ އާއި ތަމައްދުންގެ ތަނބުތައް ބިނާ ކޮށްގެންނެވެ.

އަޅުގަނޑުމެންގެ ހާލަތު ހުރީ ކިހިނެއް ބާވައެވެ!

އެއް ޒަމާނެއްގައި ދިވެހީންގެ ވެސް އަމިއްލަ ސަގާފަތެއް އޮތެވެ. ދިވެހީން ހެދުން އަޅައިއުޅުނީ ދިވެހި ގޮތަށެވެ. ކައިބޮއި އުޅުނީ ދިވެހި ކާނާއެވެ. އަޅުގަނޑުމެންގެ އަމިއްލަ އާދަކާދަތައް ހުއްޓެވެ. ދިރިއުޅުމުގެ ކަންކަން އަޅުގަނޑުމެން ކޮށްއުޅުނު އަޅުގަނޑުމެންގެ އަމިއްލަ ގޮތްތަކެއް އޮތެވެ. ސަގާފަތުގެ ތެރޭގައި ހިމެނޭ ފަންނުވެރިކަމާއި އަދަބިއްޔާތު ވެސް އަޅުގަނޑުމެންގެ ތެރޭގައި ހެދެމުން ފޯދެމުން އައި ޒަމާނެއް ދިޔައެވެ. ނަމަވެސް ބޭރުގެ ސަގާފީ ނުފޫޒުތަކުގެ ތެރޭގައި އެ ހުރިހައި ކަމެއްހެން ގެއްލިގެން ހިނގައްޖެއެވެ. މާތް ވެގެންވާ އިސްލާމް ދީނާއި ދިވެހި ބަހާއި، އަދި މި ދެ ބަހާގެ ވަށައިގެން ހެދެމުން ފޯދެމުން އައި ދިވެހި ސަގާފަތް ވުޖޫދުން ފޮހެވިގެން ދަނީއެވެ.

މިއީ އަޅުގަނޑުމެން އެ މައްސަލަޔަކާ ކުރިމަތިލާން ޖެހިއްޖެ މައްސަލައެއް ނޫންތޯއެވެ؟

އަޅުގަނޑުމެންގެ ދަރީން ކިޔައީ ހުޅަނގުގެ އަދަބިއްޔާތެވެ. ބަލަނީ ހިންދުސްތާނުގެ ހިންދީ ފިލްމާއި ޑްރާމާތަކާއި، ހޮލީވުޑުގެ އިނގިރޭސި ފިލްމާއި ޑްރާމާތަކެވެ. ކުޅެނީ ހުޅަނގުގެ ފިކުރާއި އާދަތަކުގެ މައްޗަށް ބިނާ ކޮށް ހަދައިފައި ހުންނަ ވީޑިޔޯ ގޭމުތަކެވެ. ހަމަ އެކަނި މި ވަސީލަތްތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ޖީލުތައް އަޅުގަނޑުމެންގެ ސަގާފަތާ ދުރަށް ގެންދެވި، އެއުރެންގެ ސަގާފީ އަޅުވެތިކަމެއްގެ ތެރެޔަށް ވައްޓައިލެވިއްޖެއެވެ.

މި ބޮޑު ދެރަޔާއި ހަލާކުން އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމަށް ޓަކައި އެންމެން އެކައްޗެއް ކިޔައިގެން މަސައްކަތް ކުރާކަށް ނުވޭތޯ އެވެ؟

comment ކޮމެންޓް