މުސީބާތްތަކުގައި އެކަކު އަނެކަކަށް އެހީވާން ގޮވާލައިފި

ޖެނުއަރީ 17، 2020: އިސްލާމީ މަރުކަޒުގައި ކުރެވުނު ހުކުރު ނަމާދުގެ ތެރެއިން: ހުކުރު ހުތާބަ ދެއްވާ، އިމާމުވެ ނާމާދު ކުރެއްވީ މަސްހޫރު ދީނީ އިލްމްވެރިޔާ މުފްތީ މެންކް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބަލިމަޑުކަމާއި މުސީބާތްތަކުގައި އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވާ ބަޔަކަށް މުސްލިމުންވާނެ ޖެހޭ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.

މާލެ ސިޓީ ފިޔަވާ ރާއްޖޭގެ މިސްކިތްތަކުން މިއަދު އިއްވި ހުކުރު ހުތުބާ ހާއްސަކޮށްފައި ވަނީ "ﷲގެ ރަހުމަތުން އުންމީދު ކަނޑާނުލާ." މި މަޟޫއަށެވެ.

ހުކުރު ހުތުބާގައި ބުނީ، އަޅުގަނޑުމެން އިންސާނުންނަށް ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީ ނަމަވެސް، މާތްﷲ ރަހުމަތުން އުންމީދު ކަނޑާލައި މާޔޫސްވާކަށް ނުޖެހޭ ކަމަށެވެ. ކިތަންމެ ގިނަ ފާފަތަކެއް މީހަކަށް ކުރެވިފައިވީ ނަމަވެސް، އިހްލާސްތެރިކަމާއެކު ތައުބާވުމަށް ހުކުރު ހުތުބާގައި ގޮވާލި އެވެ. އެގޮތުން ތައުބާވެ، ހެޔޮ އަމަލުކުރުމުން، އެކަލާންގެ އަޅުތަކުންނަށް ފާފަތައް ފުއްސަވާދެއްވާނެކަން ގުރުއާނުގައި އަންގަވާފައިވާ ކަމަށް ހުތުބުގައި ބުންޏެވެ.

ހުތުބާގައި ބުނީ، މުސީބާތުގެ ވަގުތުގައި މާތްﷲ ދުއާކޮށް، ކަމާ ބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލު ކުރަން ޖެހޭ ކަމަށެވެ.

"މުސްލިމުންނަކީ، ބަލިމަޑުކަމާއި މުސީބާތުގެ ވަގުތުތަކުގައި އެކަކު އަނެކަކަށް އަޅާލައި، އެހީތެރިވާ ބަޔަކަށް ވާން ޖެހޭނެ. އަދި ކުރިމަތިވެފައިވާ މުސީބާތްތުން ރައްކާތެރިކޮށްދެވުމަށް ދުއާ ކުރުމާއެކު ސަބަބުތަކުގައި ހިފައި، ކަމާ ބެހޭ އިދާރާތަކުން ދެމުންގެންދާ އިރުޝާދުތަކަށް ފުރިހަމަކަށް އަމަލު ކުރަން ޖެހޭ،" ހުތުބާގައި ބުންޏެވެ.

މާތްﷲ ރަހުމަތްފުޅުގެ ތަނަވަސްކަން ދަލީލުކޮށްދެމުން ހުތުބާގައި ބުނީ، މީހަކު ނުބައި ކަމެއް ކުރުމުން އެމީހަކަށް ޖަޒާދެއްވަނީ، އެމީހަކު ކުރި އަމަލާ އެއްވަރަށް ކަމަށެވެ. ނަމަވެސް ހެޔޮ އަމަލެއް ކޮށްފިނަމަ، އެ އަމަލެއްގެ ޖަޖާ އެތަށް ހާސްގުނައަކުން އިތުރުވެގެންދާ ކަމަށް ހުތުބާގައި ބުންޏެވެ.

ހުތުބާގައި އިތުރަށް ބުނީ، މީހަކަށް ނޭނގުމެއްގެ ތެރޭ ފާފައަކަށް އަރައިގަނެވިއްޖެ ނަމަ، ތައުބާވުމުން އޭނާގެ ފާފަ ފުއްސަވައި، ރަހުމަތްލައްވާނެ ކަމަށް ގުރުއާނުގައި އަންގަވާފައިވާ ކަމަށެވެ. އަދި ފާފައެއް ކުރެއްވިޖެ ނަމަ، އެ ކަމަކުން ތައުބާވުމަށް ހުތުބާގައި ވަރަށް ބޮޑަށް ބާރުއަޅާފައިވެ އެވެ.

މިއަދުގެ ހުކުރު ހުތުބާގައިވެސް ކޮރޯނާވައިރަސް ފަދަ ބަލިމަޑުކަމުން ސަލާމަތް ކުރުމަށް އެދި ދުއާ ކުރައްވާފަ އެވެ.

comment ކޮމެންޓް