"ކޮސް ގިނަ މިސްޓޭކް"ގެ ޝޫޓިން ނިންމާލެވޭތޯ ބަލަނީ!

"ކޮސް ގިނަ މިސްޓޭކް" ގެ ޓީޒާގެ މަންޒަރެއްގެ ސްކްރީންޝޮޓެއް....

މިއަހަރު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް"ގެ ބާކީ ހުރި މަންޒަރުތައް ނަގައި ނިންމާލެވޭތޯ މަސައްކަތްކުރަމުން އަންނަކަމަށް ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގް ބުނެފިއެވެ.

"ސަން"އާ ވާހަކަދައްކަމުން ޝަފީގު ބުނީ މިހާރު ކުރިއަށްދާ ފިލްމު "ހެހެސް"ގެ ޝޫޓިން ނިންމާލުމަށްފަހު ފިލްމުގެ ތަރިންނަށް ވަގުތު އޮތްނަމަ "ކޮސް ގިނަ މިސްޓޭކް"ގެ މަންޒަރުތައް އެއްކޮށް ނަގައި ނިންމާލުމަށް ގަސްތުކުރާކަމަށެވެ.

އެ ފިލްމުގެ މަންޒަރުތައް މީގެ ކުރިން ވަނީ އދ. ފެންފުށީގެ އިތުރުން ސަން އައިލެންޑް ރިސޯޓް އަދި ޕެރެޑައިސް އައިލެންޑް ރިސޯޓްގައި ޝޫޓް ކޮށްފައެވެ.

ޝަފީގު ބުނީ މި އަހަރު އޮގަސްޓް މަހަށް ފިލްމު ސިނަމާތަކަށް ގެންނަން ނިންމި ނަމަވެސް ރާއްޖޭގެ ހާލަތަށް ބަލައި ފިލްމު އެޅުވުން ފަސްކުރުން ވެސް އެކަށީގެންވާ ކަމަށެވެ.

"ކޮސް ގިނަ މިސްޓޭކް" ފިލްމުގެ އެޑިޓިން އަދި ޑަބިންވެސް މިހާރު ވަނީ އެއްކޮށް ނިމިފައެވެ.

ޝަފީގް އެ ފިލްމު ވީޓީވީން ގަނެފައިވާ އިރު "ކޮސް ގިނަ މިސްޓޭކް"އަކީ ލޯބީގެ އަދި ހެއްވާ މަޖާ މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމެކެވެ. އެ ފިލްމުގެ ފުރަތަމަ ޓީޒާވެސް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.

މި ފިލްމުން ފެންނާނީ ޔޫސުފް ޝަފީއު، އަހުމަދު އީސާ، އިރުފާނާ، މަރިޔަމް އައްޒަ، ނުޒުހަތު ޝުއައިބް، އަލީ ސީޒަން އަދި އަހުމަދު ސައީދު ފަދަ ތަރިންގެ އެކްޓިންއެވެ.

comment ކޮމެންޓް