ހުޅުމާލޭގެ މަގުތައް ދޮންނަން ފަށަައިފި

ހުޅުމާލެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ: އެޗްޑީސީ

މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް އާއި ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ސަމާލަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުޅުމާލޭގެ މަގުތައް ދޮވެ ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތުގައި ހުޅުމާލޭގެ މަގުތައް ކްލޮރިން ފެނުން ދޮޮންނާނެއެވެ.

މީގެ ކުރިން މާލެ ސިޓީ ކައުންސިލާއި އެމްްއެންޑީއެފް ގުޅިގެން ވަނީ މާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް މާލޭގެ މަގުތައްވެސް ކްލޮރިން ފެނުން ދޮވެފައެވެ. މީގެ އިތުރުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގުތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ

އެޗްޑީސީ އިން ވަނީ ހުޅުމާލޭގެ ބަސް ސްޓޮޕްތައް ޑިސް އިންފެކްޓު ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައެވެ.

މަގުތައް ޑިސްއިންފެކްޓު ކުރުމާއި އާންމު ސަރަހައްތުތައް ޑިސްއިންފެކްޓު ކުރުމަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ވެސް ކޮރޯނާވައިރަސް ފެތުރިޔަނުދިނުމަށް ރައްކާތެރި ފިޔަވަޅެއްގެ ގޮތުގައި ކޮށްފައިވާ ކަމެކެވެ. އެގޮތުން އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ޗައިނާގެ ވޫހާންގައި ވެސް މަގުތައް ޑިސްއިންފެކްޓުކޮށްފައިވެ އެވެ.

ކޮރޯނާވައިރަސް ރާއްޖެއިން ވެސް ފެނިފައިވާ އިރު، ސަރުކާރުން ވަނީ މި މަހުގެ 12 ވަނަ ދުވަހު 30 ދުވަހުގެ މުއްދަތަށް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ރާއްޖެއިން ކޮރޯނާ ޖެހިފައިވާ 13 މީހަކު ފެނުނުއިރު ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެެ.

comment ކޮމެންޓް