ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިއްޖެ: ބްލަޑް ސާވިސް

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް މިއަދު ލޭ ހަދިޔާ ކުރައްވަނީ --- ފޮޓޯ: އެމްބީއެސް

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ތެލްސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެގެން ލޭ ދިނުމަށް މޯލްޑިވްސް ބްލަޑް ސާވިސް އިން އިލްތިމާސް ކުރުމުން ގިނަ ބަޔަކު ލޭ ހަދިޔާކުރުމުން މިހާރު ހަފްތާއަކަށް ބޭނުންވާ ވަރަށް ލޭ ލިބިފައިވާ ކަމަށް މޯލްޑިވަސް ބްލަޑް ސާވިސް (އެމްބީއެސް) އިން ބުނެފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ތެލެސީމިއާ ކުދިންނަށް ލޭ ލިބުން ދަތިވެފައިވާތީ، ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްދިނުމަށް އެމްބީއެސް އިން މިދިޔަ ހަފްތާގައި ވަނީ އެދިފައެވެ.

އެމްބީއެސްގެ އެސޯސިއޭޓް ސްޕެޝަލިސްޓް އިން ޕީޑިއެޓްރިކް ޑރ. އަހްމަދު އުމަރު 'ސަން' އަށް ވިދާޅުވީ، ލޭ ލިބުން ދަތިވެގެން އާންމުންގެ އެހީތެރިކަމަށް އެދުމުން މިދިޔަ ތިން ދުވަހު ވަރަށް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ހޮނިހުރު ދުވަހު 83 މީހަކު ލޭ ހަދިޔާ ކޮށްފައިވާއިރު އިއްޔެ 91 މީހަކު ލޭ ހަދިޔާ ކޮށްފައިވާ ކަން އުމަރު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިއަދު ލޭ ހަދިޔާ ކުރި މީހުންގެ އަދަދު ވެސް ވޭތުވެދިޔަ ދެ ދުވަހާ އެއްވަރަށް އުޅޭނެ ކަމަށެވެ.

"މިހާރު ދެން އަޅުގަނޑުމެނަށް ހަފްތާއެއްހާ ދުވަހަށްވާ ވަރަށް ލޭ ލިބިފައި ހުރީ. އެކަމަކު މިހާރު މިއޮތް ހާލަތު ބަދަލުވާނެ ގޮތެއް އެއްވެސް މީހަކަށް ނޭނގެ. އަދި ހާލަތު ގޯސްވެއްޖެ ނަމަ އަދިވެސް ސޯޓޭޖެއް އަންނާނެ،" އުމަރު ވިދާޅުވި އެވެ.

އެހެން ކަމުން ދެން ލޭ ހަދިޔާ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްބީއެސްގެ ނަންބަރު 3306089 އަށް ގުޅާލުމަށްފަހު އެ ތަނުން ދޭ އިރުޝާދެއްގެ ދަށުން ކަން ކުރެއްވުމަށް އުމަރު ވަނީ އެދިވަޑައިގެންފަ އެވެ.

ތެލެސީމިއާ ސެންޓަރަށް އެންމެ ގިނައިން ލޭ ހަދިޔާކުރާ އެއް ބަޔަކީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. ރިސޯޓުތަކުގައި ވަރަށް ގިނައިން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ބާއްވަ އެވެ.

ނަމަވެސް ކޮރޮނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި ރިސޯޓުތަކުގެ މުވައްޒަފުން ރިސޯޓުން ފޭބުން އޮތީ މަނާކޮށްފަ އެވެ. އަދި ރަށްރަށުން ރިސޯޓުތަކަށް ދިއުން ވެސް އޮތީ މަނާކޮށްފަ އެވެ. އެހެންވެ ރިސޯޓްތަކުގެ މުވައްޒަފުންނަށް ލޭ ހަދިޔާއެއް ނުކުރެވެއެވެ.

ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ އާންމުންގެ އެހީއަށް އެދުމުން އިދިކޮޅު ޕީޕީއެމުން އިސްނަގައިގެން އިއްޔެ ވަނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ވެސް ބާއްވާފަ އެވެ. އަދި ބައެއް ކަލްބް ޖަމިއްޔާތަކުން ވެސް ވޭތުވެ ދިޔަ ތިން ދުވަހު ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތަކެއް ބާއްވާފަ އެވެ.

comment ކޮމެންޓް