ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަން ހުއްޓާލައިފި

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19 އާ ގުޅިގެން މި އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ފަސްކޮށްފައިވާތީ، އެ މުބާރާތަށް ހާއްސަކޮށްގެން ކޮކާކޯލާ އިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަން ހުއްޓާލައިފި އެވެ.

ކޯކު ފުޅީގެ މަތިގަޑުގައިވާ ހާއްސަ ނަންބަރު އެސްއެމްއެސް ކޮށްގެން 10 ފަރާތަކަށް ޔޫރޯ މުބާރާތުގެ މެޗެއް ލައިވްކޮށް ބަލާލަން ދިޔުމުގެ ފުރުސަތާ، އަދި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ވެސް ލިބޭގޮތަށް އޮތީ ހަމަޖައްސައިފަ އެވެ.

ކޮކާ ކޯލާގެ ބުއިންތައް އުފައްދަމުން އަންނަ، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މުއްދަތެއް ނެތް ގޮތަށް ޕްރޮމޯޝަން މެދުކަނޑާލާފައިވާ ކަމަށާއި އެ ޕްރޮމޯޝަންގެ ދަށުން އިތުރު ނަސީބުވެރިންޔަކު ދެން ނުހޮވާނެ ކަމަށެވެ.

އެހެން ނަމަވެސް މިހާތަނަށް ގުރުއަތުން ހޮވިފައިވާ ފަރާތްތަކަށް ލިބުނު އިނާމުތައް ރައްދުކޮށްދޭނެ ކަމަށާއި، މިހާރުވެސް ގިނަ ފަރާތްތަކުން އިނާމު ހަވާލުކޮށްފައިވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތް އަހަރެއް ފަސްކުރުމާ ގުޅިގެން، ކޮކާކޯލާގެ ޕްރޮމޯޝަން ހުއްޓާލިއިރު، މުބާރާތުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ހަ ފަރާތަކަށް އޮތީ ލިބިފަ އެވެ.

ނަމަވެސް މުބާރަތް ފަސްކުރުމާ ގުޅިގެން، އެ ފުރުސަތު ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށްގެން އެއާ އެއްވަރުގެ ބަދަލެއް ދޭނެ ކަމަށް އެމްއޭޑަބްލިއުސީން ބުންޏެވެ.

އެމްއޭޑަބްލިއުސީން ބުނީ އެކަމާ ގުޅިގެން ހުރިހާ ސްޓެކްހޯލްޑަރުންނާ މަޝްވަރާ ކުރާނެ ކަމަށާއި، ވަރަށް އަވަހަށް އެކަމުގައި ގޮތެއް ނިންމައި ހާމަކުރާނެ ކަމަށެވެ.

ކޮކާ ކޯލާއިން ވަނީ މީގެ ކުރިން ޔޫރޯ މުބާރާތަކާއި ވޯލްޑް ކަޕު މުބާރާތުގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގުގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ވެސް ނަސީބުވެރި ފަރާތްތަކަކަށް ދީފަ އެވެ. އަދި އެ ކުންފުނިން ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ އޮފިޝަލް ޓްރޮފީ ވެސް ރާއްޖެ ގެނެސް ފުޓުބޯޅައިގެ ސަޕޯޓަރުންނަށް ހަނދާނުން ފިލައިގެން ނުދާނެ ފަދަ ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ހޯދައިދީފަ އެވެ.

comment ކޮމެންޓް