މިރޭ ބާއްވަން އޮތް އެފްއޭއެމްގެ އިންތިހާބު ފަސްކޮށްފި

އެފްއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް ޖަލީލް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ/ އަހްމަދު ސައީދު

ފީފާ އަދި އޭއެފްސީގެ ފަރާތުން ދިން ލަފާތަކަށް ރިއާޔަތްކޮށް، މިރޭ ބާއްވަން އޮތް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އިންތިހާބު ފަސްކުރަން ނިންމައިފިއެވެ.

އެފްއޭއެމް އިން މިއަދު ބުނެފައިވަނީ ފީފާއާއި އޭއެފްސީއިން، އެފްއޭއެމްގެ އިންތިހާބު ފަސްކުރުމަށް ލަފާ ދިނީ މިވަގުތު ރާއްޖޭގައި ކޮރޯނާވައިރަސް ފެތުރިދާނެކަމުގެ ބިރު އޮތުމުންނެވެ. އެ ޖަމިއްޔާތަކުން އެދުނީ އެންމެ އެކަށީގެންވާ ހާލަތަކަށް ރާއްޖޭގެ ހާލަތު ދެވެންދެން އެ އިންތިހާބު ފަސްކުރުމަށެވެ.

އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެދިލެއްވުމުގެ ދަށުން އެފްއޭއެމްގެ ކުއްލި އެކްސްކޯ މީޓިންގްއެއް ބާއްވައި، 45 ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުގައެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހަމަވާ އިރު އޭގެ ކުރިން އެފްއޭއެމްގެ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައި ބުނެފައިވެ އެވެ. އޭގެ ކުރިން ކޮންމެ ވަގުތެއްގައި ވެސް އެ އިންތިހާބު ބޭއްވިދާނެ ކަމަށް ބައްސާމް މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ.

ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) އާ ވާދަކޮށް އެފްއޭއެމް ގެ ރައީސްގެ މަގާމަަށް އަދީލް ޖަލީލް އިންތިހާބުވެ ވަޑައިގަތީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އޭރު އޭނާ ގެންދެވީ އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކެއްޓަރީގެ މަގާމު ފުރުއްވަމުންނެވެ.

ބައްސާމް މަގާމުން ދުރުކުރުމަށް ދާދި ފަހުން ރާއްޖޭގެ ބައެއް ކުލަބުތަކުން ވަނީ ތެދުވެފަ އެވެ. ބައްސާމުގެ ކުއްލި ނިންމުމާ އެކު ފުޓުބޯޅަ އާއިލާ އެލާޓަށް އައިސްފައި ވީ ނަމަވެސް އޭނާ ފިޔަވާ އިތުރު ބޭފުޅަކު މި އިންތިހާބުގައި ބައިވެރިވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ.

އޭގެއިތުރުން ރާއްޖޭގައި މިވަގުތު އެންމެ ނަން ކިޔާލެވޭ ތިން ކުލަބެއް ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން ގްރީންސްޓްރީޓުން ވެސް ވަނީ ބައްސާމަށް ބައިއަތު ހިފައި އިންތިހާބުގައި ތާއީދު ކުރާނެ ކަމުގެ ޔަގީންކަން ދީފައެވެ.

comment ކޮމެންޓް