މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 އާ ގުޅިގެން މިއަހަރު ބާއްވަން ކުރިން ހަމަޖައްސައިފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތްވެސް ފަސްކޮށްފިއެވެ.
ޔޫރަޕްގެ ގައުމުތަކުގެ މެދުގައި ކުޅޭ އެ މުބާރާތް ފަސްކޮށްފައިވަނީ އެއް އަހަރަށެވެ.
ޔޫނިއަން އޮފް ޔޫރަޕިއަން ފުޓްބޯލް އެސޯސިއޭޝަނ (ޔޫއެފާ) ން އެ ނިންމުން ނިންމާފައިވަނީ ޔޫރަޕްގެ 55 ގައުމުގެ ގައުމީ ފުޓްބޯޅަ އެސޯސިއޭޝަންތަކާ މަޝްވަރާކުރުމަށްފަހުއެވެ.
ދެން އެ މުބާރާތް އޮންނާނީ އަންނަ އަހަރުގެ ޖޫން 11 އިން ޖުލައި 11 އަށެވެ.
އެ މުބާރާތް އަންނަ ޖޫން މަހު ޔޫރަޕްގެ 12 ގައުމެއްގައި ބާއްވަން ކުރިން އޮތީ ނިންމައިފައެވެ.
މުބާރާތް ފަސްކުރަން ނިންމިއިރު ޔޫއެފާއިން ބާއްވަން ނިންމާފައި އޮތް ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގް ކްލަބް މުބާރާތްތައްވެސް ވަނީ މެދުކަނޑާލައިފައެވެ.
ޔޫރަޕްގެ ގިނަ ގައުމުތަކަށް ކޮރޮނާ ވައިރަސް ފެތުރިފައިވާއިރު 60،000 އަށް ވުރެ ގިނަ ޔޫރަޕްގެ މީހުންނަަށް ވަނީ ބަލިޖެހިފައެވެ. އޭގެ ތެރެއިން 3000 އަށް ވުރެ ގިނަ ޔޫރަޕްގެ މީހުން ވަނީ މަރުވެފައެވެ.