ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަން ފަށައިފި

---ސަން ފައިލް ފޮޓޯ

މާލޭ ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރަން ފަށައިފި އެވެ.

މަރާމާތު ކުރުމަށްޓަކައި ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގަ އެވެ.

ސިޓީ ކައުންސިލުން ބުނީ އާންމު ހިދުމަތްތަކާ ބެހޭ ބައިގައި ގޮޅިތަކަށް އެދުނު ފަރާތްތަކުގެ މެދުގައި ގުރުއަތުލުން މިއަދު ބާއްވާފައިވާ ކަމަށެވެ.

ދަތުރުވެރިންގެ މާރުކޭޓުން އަލަށް ގޮޅިތައް ދޫކުރަން ނިންމާފައިވަނީ ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ؛

  • މާރުކޭޓު ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި ފަރާތްތަކުގެ ކެޓަގަރީ
  • ކުރިން ގޮޅި ލިބި އަދި ގަވާއިދުން ގޮޅި ހިންގަ ފަރާތްތަކުގެ ކެޓަގަރީ
  • ގޮޅި ހިންގަން އެދި ހުށަހެޅި އަންހެނުންގެ ކެޓަގަރީ
  • އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީ

ކެޓަގަރީތަކުން އެންމެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކާއި ކޮންމެ ކެޓަގަރީއަކަށް ހަމަޖެއްސި ގޮޅީގެ އަދަދު މި މަހުގެ 15 ވަނަ ދުވަހު ސިޓީ ކައުންސިލުން ވަނީ ގެޒެޓުކޮށްފަ އެވެ.

އެ ލިސްޓުގައި ބަޔާންކޮށްފައިވާ ގޮތުން މާރުކޭޓު ވިޔަފާރި ހިންގިކަން ސާބިތުކޮށްދިން ފަރާތްތަކުގެ ކެޓަގަރީއަށް ކަނޑައެޅީ 40 ގޮޅި އެވެ. މި ކެޓަގަރީން 50.5 އަށްވުރެ މަތިން ޕޮއިންޓް ލިބުނު ހަތް ފަރާތަކަށް ގޮޅި ދީފައިވާއިރު، ބާކީ 33 ގޮޅީގެ ގުރުއަތުލަނީ 40 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.

ކުރިން ގޮޅި ލިބި، ގަވާއިދުން ގޮޅި ހިންގި ފަރާތްތަކުގެ ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 30 ގޮޅި އެވެ. މި ކެޓަގަރީން 45އަށްވުރެ މަތިން ޕޮއިންޓް ލިބުނު ހަތަރު ފަރާތަކަށް ގޮޅި ދޫކޮށްފައިވާއިރު، ބާކީ އޮތް 26 ގޮޅި ލިބޭ ފަރާތްތައް ކަނޑައަޅާނީ 40 ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބުނު ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

ގޮޅި ހިންގަން އެދި ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް 20 ގޮޅި ކަނޑައަޅާފައިވާއިރު، މި ކެޓަގަރީން ގުރުއަތަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބުނު ފަރާތްތަކެވެ.

އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 75 ގޮޅި އެވެ. މި ބައިން 41.5އަށްވުރެ މަތިން ޕޮއިންޓް ލިބުނު 20 ފަރާތަކަށް ވަނީ ގޮޅި ލިބިފަ އެވެ. އަދި ބާކީ އޮތް 55 ގޮޅި ލިބޭ ފަރާތްތައް ކަނޑައަޅާނީ 40.5 އާއި 41 ދެމެދުން ޕޮއިންޓު ލިބުނު ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުންނެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު ދަތުރުވެރިންގެ މާރުކޭޓު ބަންދުކުރި ފަހުން އެތަނުގައި ވިޔަފާރި ހިންގި ފަރާތްތަކުން ތަކެތި ވިއްކަމުން އަންނަނީ މަގުމަތީގަ އެވެ. އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މާރުކޭޓު ބަންދުކުރި އިރު އެތަނުގައި ހުރީ 174 ގޮޅިއެވެ. އެ ގޮޅިތައް ބޮޑުކޮށް، ގޮޅިތަކުގެ އަދަދު 117 އަށް މަދުކުރަން ކައުންސިލުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އުސޫލެއް ފާސްކުރުމުން މޭޔަރު ޝިފާ މުހައްމަދާއި ކައުންސިލްގެ އެހެން މެމްބަރުންނާ ދެމެދު ދެބަސްވުމެއްވެސް އުފެދުނެވެ.

އޭގެ ފަހުން މިދިޔަ މަހު މާލެ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރައްވަމުން މާރުކޭޓުން ހަމަޖައްސާނީ 178 ގޮޅި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޖުމުލަ ގޮޅީގެ އަދަދަކީ 165 ކަން މާލެ ސިޓީ ކައުންސިލުން މި މަހުގެ 15ވަނަ ދުވަހު ގެޒެޓު ކޮށްފައިވާ ލިސްޓުން އެނގެ އެވެ.

comment ކޮމެންޓް