ކޮރޯނާވައިރަހުގެ ބިރަށް، އައިއެސްގެ މެމްބަރުން ޔޫރަޕަށް ނުދާން އަންގައިފި

އައިއެސްއިން ވަނީ އެޖަމާއަތުގެ މެމްބަރުން ޔޫރަޕަށް ނުދިޔުމަށް އަންގާފަ --

ލަންޑަން (މާޗް 17): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މެމްބަރުން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ޔޫރަޕަށް ނުދިއުމަށް އެޖަމާއަތުން އަންގައިފި އެވެ.

މީގެ ކުރިން ޔޫރަޕްގެ ގައުމުތަކަށް ހަމަލާ ދޭން ހިތްވަރު ދީފައިވާ އައިއެސްއިން، އެޖަމާއަތަށް ތާއިދު ކުރާ މީހުން ޔޫރަޕަށް ނުދިޔުމަށް އަންގާފައި ވަނީ ކޮރޯނާވައިރަސް ފެތުރުމުގެ ބިރު އޮތުމުންނެވެ.

އައިއެސްގެ އަލް ނަބާ ނޫހުގައި ވަނީ "ބަލި ޖެހިފައި ނުވާ މީހުން ޔޫރަޕަށް ނުދިޔުމަށާއި ޔޫރަޕްގައި ތިބި ބަލި ޖެހިފައިވާ މީހުން ގައުމުން ބޭރަށް ނުދިޔުމަށް" އަންގާފަ އެވެ. އަދި އެ ނޫހުގައި ވަނީ ބަލިމަޑުކަމެއްގައި އަމަލު ކުރަން ޖެހޭ ގޮތުގެ އިރުޝާދުތައްވެސް ދީފަ އެވެ. އެގޮތުން "އާފުރޭ އިރާއި ކިނބިހި އަޅާއިރު އަނގަ ނިވާ ކުރުމަށާއި ގިނަގިނައިން އަތް ދޮވުމަށް" ވަނީ ބުނެފަ އެވެ.

އައިއެސްއިން މެދުއިރުމަތީގައި ކޮންޓްރޯލް ކުރަމުން ދިޔަ ގިނަ ސަރަހައްދުތައް އެޖަމާއަތަށް ގެއްލުނު ނަމަވެސް އެޖަމާއަތުން އަދިވެސް ދަނީ އިރާގާއި ސީރިއާގައި ހަރަކާތްތެރިވަމުންނެވެ.

އިރާގުގައި މިހާތަނަށް 133 މީހަކު ވައިރަހަށް ޕޮޒިޓިވްވެ، އޭގެ ސަބަބުން 10 މީހަކު މަރުވެފައިވާ އިރު ސީރިއާގައި އަދި މީހަކަށް ވައިރަސް ޖެހިފައިވާކަން ރަސްމީ ގޮތެއްގައި ރިޕޯޓުކޮށްފައި ނުވެ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އެގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ސްކޫލުތަކާއި ޔުނިވާސިޓީތައް ބަންދުކުރަން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. އަދި އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް އެގައުމުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފަ އެވެ.

ޔޫރަޕްގައި ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު 50،000އަށް ވުރެ އިތުރުވެފައިވާ އިރު އޭގެ ތެރެއިން 27،000އަށް ވުރެ ގިނަ މީހުން ތިބީ އިޓަލީގަ އެވެ.

މުޅި ދުނިޔޭގައި މިހާރު 155 ގައުމަކާއި ޓެރިޓަރީއަކުން ވައިރަސް ފެނި، 182،000އަށް ވުރެ ގިނަ މީހުން ވަނީ ވައިރަހަށް ޕޮޒިޓިވްވެފަ އެވެ. އަދި އޭގެ ސަބަބުން 7,154 މީހަކު ވަނީ މަރުވެފަ އެވެ.

comment ކޮމެންޓް