މިވަގުތު މިނިމަމް ވޭޖް ކަނޑައެޅިޔަސް ނުދެވޭނެ، ބޭކާރު ކަމެއް: ގާސިމް

ގާސިމް: މިނިމަމް ވޭޖް މިވަގުތު ކަނޑައެޅިޔަސް އެއް ނުދެވޭނެ -- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ކޮރޯނާވައިރަސް، ކޮވިޑް-19އާ ގުޅިގެން އިގްތިސާދީ ގޮތުން ބޮޑު ލޮޅުމެއް އަރާފައިވާ ދަނޑިވަޅެއްގައި މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ މިވަގުތު ކަނޑައެޅިޔަސް އެވަރެއް ނުދެވޭނެ ކަމަށާއި އެކަން ކުރުމަކީ ބޭކާރު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިމަމް ވޭޖް ބޯޑުގެ ރިޕޯޓް ދިރާސާކުރުމަށް އިއްޔެ ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެކޮމިޓީގެ މެންބަރެއްގެ ގޮތުގައި އިންނަވާ ގާސިމް ވިދާޅުވީ، މިވަގުތަކީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ. އަދި މިވަގުތު ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާ އިރު އެއީ ތަންފީޒު ކުރަން ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އެއަށްވުރެ [މިނިމަމް ވޭޖް ކަނޑައެޅުމަށްވުރެ] މާ ބޮޑެތި މައްސަލަތައްް އެބަހުރި އަޅުގަނޑުމެންގެ ކުރިމަތީ. ސިއްހީ ގޮތުން ބެލިޔަސް، އިގްތިސާދީ ގޮތުން ބެލިޔަސް. އަދި މިއަދު އަޅުގަނޑުމެން ވަކި އެއްޗެއް ކަނޑައެޅިކަމުގައި ވިޔަސް، އެޔެއް [މިނިމަމް ވޭޖް] ނުދެވޭނެ މިހާލަތުގައި. އެހެންވީމަ ނުވާނެ ކަމެއް ކުރުމަށް އަޅުގަނޑުމެން ވަގުތު ނަގާލުމުގެ ބޭނުމެއް ނެތް،" ވިލާ ކުންފުނީގެ ޗެއާމަންކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ކޮމިޓީ ބައްދަލުވުމުގައި ގާސިމް ވާހަކަ ދައްކަވަނީ: މިނިމަމް ވޭޖް ކަނޑައެޅުމަށް މިއީ އެންމެ ރަނގަޅު ވަގުތެއް ނޫންކަމަށް ވިދާޅުވި --- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ގާސިމް ވިދާޅުވީ، ކޮރޯނާވައިރަހުގެ ނުރައްކަލާއެކު މުޅި ދުނިޔޭގެ އިގްތިސާދަށް އަސަރުކޮށްފައިވާއިރު ރާއްޖެވެސް މިއޮތީ ވަރަށް ބޮޑު އޮޅުންބޮޅުންގަނޑެއްގެ ތެރޭ ކަމަށާއި ރާއްޖޭގެ އިގްތިސާދަށް ވެސް ގޮންޖެހުންތައްކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިނިމަމް ވޭޖްގެ މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި ބޯޑުގެ ޗެއާ، މަރިޔަމް ހާލިދާ ވެސް ވިދާޅުވެފައި ވަނީ، ބޯޑުގެ ރިޕޯޓަކީ ކޮރޯނާވައިރަސްގެ ނުރައްކާ އައުމުގެ ކުރިން އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށަށް ދާނެތީ، މިވަގުތަކީ މިނިމަމް ވޭޖެއް ތަންފީޒު ކުރުމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް އޭނާއަށް ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

ގާސިމް އަދި ވިދާޅުވީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި މިނިމަމް ވޭޖެއް މުވައްޒަފުންނަށް ހަމަޖެހިގެން ދަނީ، އޭގެ ޒާތުގައި އަމިއްލައަށެވެ. އެގޮތުން އެތަނެއްގެ އިގްތިސާދާއި ކުންފުނިތައް ކުރިއަރަމުން އަންނަ ގޮތެއްގެ މައްޗަށް މިނިމަމް ވޭޖެއް އޭގެ ޒާތުގައި ހަމަޖެހިގެންދާނެ ކަމަށް ގާސިމް ފާހަގަކުރެއްވި އެވެ.

"ދުނިޔޭގެ އިގްތިސާދު، އެގައުމުގެއްގައި ކުރިއަށްދާ ނިސްބަތުން، އެތަނެއްގެ ކުރިއެރުން އަންނަ ގޮތަކުން، ކޮމްޕެޓިޝަން އޮތް ވަރަކުން އެ އަމިއްލައަށް އޮޓަމަޓިކްކޮށްވެސް މިނިމަމް ވޭޖް ކަންތައް ހަމަޖެހިގެންދަނީ،" ގާސިމް ވިދާޅުވި އެވެ.

ރާއްޖޭގައި ކުރިން ދެމުން އަންނަ މުސާރާ އާއި މިހާރު ދެމުން އަންނަ މުސާރައިން މިސާލު ނަންގަވަމުން ގާސިމް ވިދާޅުވީ، އޭނާ އެންމެ ފުރަތަމަ ސަރުކާރަށް ވަތް އިރު، ކާތިބެއްގެ މުސާރައަކީ، 140 ރުފިޔާ ކަމަށެވެ. އަދި އަމިއްލަ ތަންތަނުގައި 100 ރުފިޔާވެސް ނުލިބޭ ކަމަށެވެ. ނަމަވެސް، މިއަދު ކަން އޮތީ އެެހެން ނޫން ކަމަށާއި މިހާރު މުސާރަތައް ބޮޑު ކަމަށް ވިދާޅުވި އެވެ. އަދި އެއީ މިނިމަމް ވޭޖެއް ކަނޑައަޅައިގެންވާ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ރޫމް ބޯއި އަކަށްވެސް 200 ރުފިޔާ ނުލިބޭ. 150 ރުފިޔާ ލިބެނީ. އެކަމަކު މިއަދު އެހެންތޯ؟ ބާޒާރު ފިހާރަތަކުގެ ކަންތައްތައް ހުރީ އެހެން. މަޖިލިސް މެމްބަރުންނަށް ބެލިޔަސް، ސަރުކާރު މަގާމުތަކަށް ބެލިޔަސް، ގެންގުޅޭ މީހަކަށް ބެލިޔަސް، މިދެންނެވި ގޮތަށް ވަރަށް ބޮޑު ތަފާތުތަކެއް [މުސާރައަށް] އައިސްފައިވޭ،" ގާސިމް ވިދާޅުވި އެވެ.

"އެއީ މިނިމިމް ވޭޖެއް އޮވެގެންނެއް ނޫން. އެތަނެއްގެ އިގްތިސާދީ ކުރިއެރުމާއި ހަމަޖެހުން އޮތް މިންވަރަށް، އެ[ކުންފުނިތައް] އަމިއްލައަށް ޑިޓާމިން ކުރާނެ [މިނިމަމް ވޭޖެއް]،"

މިއީ ކުކުޅު ބިސް އެޅުމުގެ ކުރިން ބިސް ނަގައިގެން ކުކުޅު މަރާލުން: ޝިޔާމް

ކޮމިޓީ ބައްދަލުވުމުގައި ޝީޔާމް ވާހަކަ ދައްކަވަނީ: ގާސިމްގެ ވާހަކަތައްކަށް ޝިޔާމްވެސް ތާއީދު ކުރެއްވި --- ސަން ފޮޓޯ/ އަހްމަދުަ ސައީދު

ގާސިމްގެ ވާހަކަތަކަށް މީދޫ ދާއިރާ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުވެސް ތާއީީދު ކުރެއްވި އެވެ. މިނިމަމް ވޭޖެއް ކަނޑައެޅުން ސިޔާމް ސިފަ ކުރެއްވި ގޮތަކީ، "ކުކުޅު ބިސް އެޅުމުގެ ކުރިން ކުކުޅުން ބިސް ނަގައިގެން ކުކުޅު މަރާލުން" ކަމަށެވެ.

އޭނާ ވިދާޅުވީ، މުވައްޒަފުންނަށް ރަނގަޅު މުސާރައެއް ދިނުމަށް އޭނާވެސް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މިނިމަމް ވޭޖެއް ދޭއިރު، އެ އަދަދެއް ދޭން ޖެހޭނީ "ސަޕްލައި އެންޑް ޑިމާންޑް" ބަލަފާއި ކަމަށެވެ. އެހެން ނޫން ނަމަ، ރާއްޖޭގެ އިގްތިސާދު އިނދަޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މިދަވަސްވަރަކީ، ކޮރޯނާވައިރަސްގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދުގެ ބޮޑެތި ގައުމުތައް ބެންކްރަޕްޓް ވަމުން ދަނީ. ބޭންކްތައް ހަލާކުވަމުން ދަނީ. އެއާލައިންތައް ބަގްރޫޓުވަމުން އެދަނީ. ޝިޕިންލައިންތައް ބަގުރޫޓު ވަމުން އެދަނީ. ރިސޯޓުތަކާއި ހޮޓާތައް ގޯސްޓް ޓައުންއަކަށް ބަދަލުވަމުން އެދަނީ. އިންސާނުން ނޫޅޭ ތަނަކަށް ބަދަލުވެގެން އެދަނީ،" މިހާރު އިގްތިސާދު އޮތް ގޮތް ސިފަކޮށްދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ، އެކަންކަން އެހެންހުރުމުން މިވަގުތަކީ، މިނިމަމް ވޭޖް ކަނޑައެޅުމަށް އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ. އަދި ވަކިން ހާއްސަކޮށް ބިދޭސީންނަށް އެފަދަ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ، އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށް ޝީޔާމް ވިދާޅުވި އެވެ. އަދި އެއީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ހާލަތަށް ބަލައި މިނިމިމް ވޭޖް ތަންފީޒު ކުރުން ލަސްކުރެވިދާނެ: ބޯޑު މެމްބަރުން

ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިމް ވޭޖް ބޯޑުގައި ކޮންސްޓްރަކްޝަން ދާއިރާ ތަމްސީލް ކުރައްވާ ނޭޝަނަލް ފެޑްރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސްގެ ސެކެޓްރީ ޖެނެރަލް އަދުނާން ހަލީމް ވިދާޅުވީ، މިހާރު ރާއްޖޭގެ އިގްތިސާދު އޮތީ އިއްޔެ އޮތް ހާލަތުގައި ނޫން ކަަމަށެވެ. އެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށް އަދުނާން ވިދާޅުވި އެވެ.

"މިއަދު ވަޒީފާ ދޭ ފަރާތްތަކަށް މަޖުބޫރުވެފައި މިއޮތީ، ވަޒީފާތަކުގައި ތިބި މީހުން އިތުރަށް ގެންގުޅޭނީ ކޮންގޮތަކަށްތޯ. ރިސޯޓުތަކުގެ އޮކިއުޕެންސީ ދަށަށް ދަނީ. ކެންސަލޭޝަން ހެސްކިޔާފައި މައްޗަށް އަންނަނީ. ރާއްޖެއަށް އިމްޕޯޓުކުރުން މަޑުމަޑުން ހުއްޓެނީ. ކޮންސްޓްރަކްޝަންގެ ބިލުތަކަށް ފައިސާއެއް ނުލިބޭ،" މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތް ކިޔައިދެއްވަމުން އަދުނާން ވިދާޅުވި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) ގެ ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވަމުން ގެންދަވާ އަދުނާން ވިދާޅުވީ، އެ ހުރިހާ ކަމަށްކަށް ބަލައި، މުސްތަގުބަލަށްޓަކައި ވިސްނަންޖެހޭ ކަމަށެވެ. އެހެން ކަމުން ވޭޖެއް ކަނޑައެޅުން ލަސްކުރަން ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވޭޖެއް ކަނޑައެޅުން އަވަސް މުއްދަތެއްގެ ކަނޑައެޅުމަށް އިތުރަށް ވިސްނަން. މި ދަނޑިވަޅުގެ ގޮތުން. މި ދަނޑިވަޅުގައި މިއީ ވަޒީފާ ދޭ ފަރާތްތަކަށް އެންމެ ފަސޭހަ ވަގުތެއް ނޫން. ހުރިހާ ދިމާލެއްގައި ހުރި ވަޒީފާތަކަށް އޭގެ އަސަރު އެބަ ކުރޭ،" އަދުނާން ވިދާޅުވި އެވެ.

ވަޒީފާ އަދާ ކުރާ މީހުން ތަމްސީލު ކުރައްވާ މައުރޫފު ޒާކިރު ވިދާޅުވީ، މިނިމަމް ވޭޖެއް ލަސްނުކޮށް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި މިވަގުތަކީ، އެކަން ކުރަން އެންމެ ރަނގަޅު ވަގުތެއް ނޫން ކަމަށެވެ.

ރިޕޯޓު އެކުލަވާލީ، ކޮރޯނާވައިރަސްގެ ނުރައްކާ އަންނާނެ ކަމަށް ބަލައިގެން ނޫން ކަމަށާއި އޭގެ ނުރައްކާ އައުމުންގެ ކުރިން ކަމަށްވުމުން، އިގްތިސާދު ހަމައަކަށް އެޅުމުން ބޯޑުގެ ރިޕޯޓު އިތުރަށް ރިވައިޒްވެސް ކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށް އެނާ ވިދާޅުވި އެވެ.

މައުރޫފު: ހާލަތައް ބަލައި މިނިމަން ވޭޖް ތަންފީޒު ކުރުން ލަސްކުރެވިދާނެ ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ އަހްމަދުަ ސައީދު

މި ރިޕޯޓުގެ މައްޗަށް ބިނާކޮށް މިހާރުވެސް މިނިމަމް ވޭޖް ކަނޑައެޅިދާނެ ކަމަށާއި ނަމަވެސް މިހާރު މިއޮތް ހާލަތައް ބަލައި، މިނިމަމް ވޭޖް ތަންފީޒު ކުރުން ލަސްކުރެވިދާނެ ކަމަށް މައުރޫފު ވިދާޅުވި އެވެ.

"މިހާރު ދިމާވެގެން މިއުޅޭ އިގްތިސޯދީ ހާލަތައްޓަކައި އެކަމުން އަރިއިގަނެވެންދެން ނުވަތަ ރަނގަޅަށް ޓްރެކަށް އަރަންދެން [މިނިމަމް ވޭޖް] ތަންފީޒު ކުރުން ލަސްކުރެވިދާނެ،" މައުރޫފު ވިދާޅުވި އެެވެ.

ހާލިދާ ރިޕޯޓަށް ދެއްވީ 10 އިން ހަތެއް!

ބޯޑުގެ ޗެއާޕާނަސް ހާލިދާ: ރިޕޯޓަށް ދެއްވީ 10 އިން ހަތެއް -- ސަން ފޮޓޯ/ އަހްމަދު ސައީދު

އެންމެ ފަހުން ބޯޑާއެކު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ވަނީ ބޯޑު މެމްބަރުންގެ ވާހަކަތަކާ ގުޅިގެން ރިޕޯޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ބައެއް މެމްބަރުން ވިދާޅުވީ، މިއީ އެންމެ ފުރިހަމަ ރިޕޯޓެއް ނޫން ކަމަށާއި މުއާލާތް ކެނޑިފައިވާ ތަފާސްހިސާބުތަކުގެ މައްޗަށް ނެރެފައިވާ ރިޕޯޓެއް ކަމަށެވެ. ނަަމަވެސް ހާލިދާ އޭރު ވިދާޅުވީ، އެ ރިޕޯޓަކީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެކަށީގެންވާ މައުލޫމާތު ހުރި ރިޕޯޓެއް ކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، އެންމެފަހުން ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވަޑައިގެންނެވި ބޯޯޑުގެ ބޭފުޅަކު ރިޕޯޓު އެކުލަވާލުމުގައި ދަތިތަކެއް ހުރި ކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އެހެން ކަމުން ރިޕޯޓުގައި ހުރި މައުލޫމާތުގެ އެކިއުރެންސީއާ މެދު، 10 އަކުން މާކްސް ދޭނަމަ، ހާލިދާ ދޭނީ ކިހާވަރެއްތޯ ޝިޔާމް ސުވާލު ކުރެއްވި އެވެ.

އެންމެ ފަހުން ބޭއްވި ކޮމިޓީގައި ރިޕޯޓު ދިފާއު ކުރައްވައި ދެއްކެވި ވާހަކަތައް ތަކުރާތު ކުރައްވަމުން ހާލިދާ ވިދާޅުވީ، ދެއްވާނީ ހަތެއް ކަމަށެވެ.

މިނިމަމް ވޭޖު ބޯޑުގެ ލަފަޔަކީ، އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި 6،400 ރުފިޔާ ކަނޑައެޅުމެވެ. އަދި ޓޫރިޒަމް ދާއިރާ އާއި ސިވިލް ސާވިސްގައި މަސައްކަތްކުރާ މީހުންނަށް މިނިމަމް ވޭޖުގެ ގޮތުގައި 6،400-8،600 ރުފިޔާއާ ދެމެދުގެ އަދަދެއް ކަނޑައެޅުމަށް ލަފާދީފައިވެ އެވެ.

https://sun.mv/132661

comment ކޮމެންޓް