ލީގުތައް ނިންމަން ވަގުތު ދިނުމަށް ޔޫރޯ ފަސްކުރުމަަށް ގޮވާލައިފި

ޔޫރޯ 2016ގެ ތަށި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އުފުލާލަނީ --- ފޮޓޯ: އޭޕޯ

މިއަހަރުގެ ޖޫން މަހަށް ތާވަލުކުރެވިފައިވާ ޔޫރޯގެ މުބާރާތް މެދުކަނޑާލާފައިވާ ލީގުތައް ނިމެންދެން ފަސް ކުރަން ޖެހޭ ކަމަށް އިޓާލިއަން ފުޓުބޯޅަ ފެޑެރޭޝަނުން ގޮވާލައިފި އެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ފުރަތަމައިން ފެނުނު ޗައިނާއަށް ފަހު ދެން އެންމެ ގިނައިން އެ ބަލި ފެތުރެމުން އަންނަނީ ޔޫރޮޕުގެ ގައުމުތަކުގަ އެވެ. އެގޮތުން އިޓަލީއާއި ޖަރުމަނުގެ އިތުރުން ފްރާންސްގައި ވެސް މި ބަލި ކޮންޓްރޯލުން ނައްޓާފައިވާ އިރު ޔޫރޮޕުގެ ބޮޑެތި ހުރިހާ ލީގުތަކެއް ވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

އަދި އެއާ އެކު ޔޫއެފާއިން ވަނީ އެ އެސޯސިއޭޝަނުގެ ކްލަބް ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ވެސް މިވަގުތަށް ހުއްޓާލައިފަ އެވެ. އަދި ޖޫން މަހު ފަށަން ރާވާފައިވާ ޔޫރޯއާ މެދު މަޝްވަރާކުރަން މިއަދުގެ ވަގުތެއްގައި ވީޑިއޯ ކޮންފަރެންސެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ބައްދަލުވުމުގައި ޔުއެފާގެ 55 މެމްބަރު ގައުމުންނާއި ޔޫރަޕުގެ ލީގުތަކުންނާއި ޔޫރަޕުގެ ކްލަބް އެސޯސިއޭޝަނުންނާއި ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން (ފިފްޕްރޯ) އިން މަންދޫބުން ބައިވެރިވާނެ އެވެ. ޔުއެފާއާ ގުޅުން އޮންނަ މީހަކު އޭއެފްޕީ އަށް ބުނީ މުބާރާތް ފަސްކުރުން، ފޯމެޓް ބަދަލުކުރުން އަދި ވެނިއު ބަދަލުކުރުމަކީ ވެސް މަޝްވަރާގެ މޭޒުމަތީގައި އޮތްކަންކަން ކަމަށެވެ.

ބަލި އެންމެ ބޮޑަށް ފެތުރެމުންދާ އިޓާލިއަން ސީރީއޭގެ މެޗުތައް ޔޫރޯ މިހާރު އޮތް ތާރީހަށް ނުނިމޭނެ ކަމަށް އިޓަލީގެ އެފްއޭގެ ރައީސް ގެބްރިއެލް ގްރެވިނާ ވަނީ ބުނެފަ އެވެ. އެހެން ކަމަށްވާ ނަމަ ޔޫރޯގެ މުބާރާތް ކޮންމެހެން ވެސް ފަސް ކުރަން ޖެހޭ ކަމަށާއި މިވަގުތު އެއްވެސް ކުޅުންތެރިއަކު ނުވަތަ ޓީމެއް ވެސް ފަރިތަކުރުންތައް ބޭއްވުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ކުޅުންތެރިން އަލުން އަނބުރާ ފިޒިކަލީ އަދި މެންޓަލީ ފިޓްވާން ވަގުތު ބޭނުންވާނެ ކަމަށް ގްރެވިނާ ވަނީ ބުނެފަ އެވެ.

ގިނަ ރިޕޯޓްތަކުން ބުނާ ގޮތުގައި މިވަގުތު އެންމެ ގާތީ އަންނަ އަހަރަށް ޔޫރޯ ފަސްކުރުމެވެ. ނުވަތަ ކޮރޯނާގެ ކަންކަން ހަމައަކަށް އެޅިއްޖެ ނަމަ ލީގުތަކުގެ ފޯމެޓަށް ބަދަލުތަކެއް ގެނެސް މިހާރު އޮތް ތާރީހަށް ވެސް މުބާރާތް ބޭއްވުން އެކަށީގެންވެ އެވެ.

comment ކޮމެންޓް