އެކްސިޑެންޓްވުމުން ފިލަން އުޅުމުން އިތުރު އެކްސިޑެންޓެއް

މީގެ ކުރިން މާލޭގައި ހނގި އެކްސިޑެންޓް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މާލޭ އިއްޒުއްދީން މަގަށް ވަންނަން އައި ކާރެއް އެ މަގުން ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓުވުމުންވެސް މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި އެ މަގުގައި ޕާކުކޮށްފައި އޮތް ދެ ކާރެއްގައި ޖެހި އެކްސިޑެންޓުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ ރޭ ދަންވަރު 12:48 ހާއިރު ހުށަހެޅުނު މި މައްސަލައާއި ގުޅިގެން ބެލި ބެލުމުން ކާރު ދުއްވަން އިން މީހާ އަތުގައި އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ ކަމަށެވެ. އެކްސިޑެންޓުވި ކާރުގައި އިނީ 23 އަހަރުގެ ދިިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން އެކްސިޑެންޓުވި ސައިކަލު ދުއްވަން އިނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ އަތުގައި ސައިކަލު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާއިރު މި އެކްސިޑެންޓް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް