މިދިޔަ މަހު 1.43 ބިލިއަން ރުފިޔާގެ އާމްދަނީއެއްލިބިއްޖެ

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިދިޔަ ފެބްރުއަރީ މަހު މީރާ މެދުވެރިކޮށް ދައުލަތަށް 1.43 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާ ކަމަށް އެ އިދާރާ އިން ބުނެފި އެވެ.

މީރާ އިން އާންމުކޮށްފައިވާ ފެބްރުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފެބްރުއަރީ މަހު އެ އިދާރާ އަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 12.3 ޕަސެންޓު އިތުރު ވެފަ އެވެ. މީރާ އިން ބުނީ ފެބްރުއަރީ މަހު ލިބުނު އާމްދަނީ އަކި އެ މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރި އާމްދަނީ އަށް ވުރެ 2.2 ޕަސެންޓު އިތުރު އަދަދެކެވެ.

މީގެ ސަބަބަކީ ފެބްރުއަރީ މަހުގެ މި މުއްދަތުގައި އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުން ކަމަށް މީރާ އިން ބުންޏެވެ.

ފެބްރުއަރީ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި 57.2 މިލިއަން ޑޮލަރު ލިބިފައިވާ އިރު، މި ކުރިއެރުމަކީ ބީޕީޓީ ދެއްކުމުގެ މުއްދަތު ފެބްރުއަރީގެ ނިޔަލަށް އިތުރު ކުރުމުން ލިބުނު ކުރިއެރުމެއް ކަމަށް މީރާ އިން ބުންޏެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ އަށް ބަލާއިރު ޓެކްސް އާމްދަނީގެ އެންމެ ބޮޑު ހިއްސާ އަކީ ޖީއެސްޓީ އިން ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު ޖުމްލަ 623,730,756 ރުފިޔާ ލިބުނު އިރު ޖެނެރަލް ޖީއެސްޓީގެ ގޮތުގައި 132,210,491 ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި 491,520,264 ރުފިޔާ ވަނީ ލިބިފަ އެވެ. ޖީއެސްޓީ އާމްދަނީ ވަނީ މިދިޔަ އަހަރާ އަޅާ ބަލާއިރު ދަށަށް ގޮސްފަ އެވެ.

އެއާޕޯޓު ސާވިސްޗާޖުގެ ގޮތުގައި މިދިޔަ މަހު 71,773,114 ރުފިޔާ ލިބުނު އިރު، އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި މި މުއްދަތުގައި ދައުލަތަށް 72,533,985 ރުފިޔާ ލިބިފައިވެ އެވެ.

ފެބްރުއަރީ މަހު ބީޕީޓީގެ ގޮތުގައި ލިބިފައި ވަނީ 412,537,990 ރުފިޔާ އެވެ. ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ފެބްރުއަރީ މަހު 23,805,811 ރުފިޔާ ލިބުނު އިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށް އަދަދެކެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، ދައުލަތަށް ޖޫރިމަނާގެ ގޮތުގައި 32,423,558 ރުފިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް