އޮލިމްޕަސް ކުއްޔަށް ދޫކުރުމުގެ އާ އުސޫލާ މެދު ކަންބޮޑުވުން!

ފިލްމެއް ބެލުމަށް އާންމުން އޮލިމްޕަހުގައި--- ސަން ފޮޓޯ/ މުހައްމަދު އަފްރާހު---

ފިލްމު އިންޑަސްޓްރީ ވަޅުޖެހިފައި ދުވަސްތަކެއް އޮތުމަށްފަހު ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހުން ފެށިގެން ފިލްމީ މަސައްކަތްތައް އަނެއްކާވެސް ފެށި ފިލްމީދާއިރާއަށް އުފާވެރި ދުވަސްތަކެއް އައިސްފައި ވަނިކޮށް އަނެއްކާވެސް އިންޑަސްޓްރީ މި ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ.

ދިވެހި ފިލްމު އިންޑަސްޓްރީ އަކީ އަމިއްލަ މަސައްކަތުން ކުރިއަރާ އަދި ގައުމަށް ރީތި ނަންވެސް ހޯދާދެމުން އަންނަ އިންޑަސްޓްރީއެކެވެ.

ނޭޝަނަލް ސެންޓާ ފޮ ދި އާޓްސް (އެންސީއޭ) އިން އޮލިމްޕަސް ކުއްޔަށް ދިނުމަށް އެކުލަވާލާފައިވާ އާ އުސޫލުގެ ސަބަބުން ފިލްމީ ދާއިރާގެ ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިހާރުގެ އާ އުސޫލު ބުނަނީ ފިލްމެއް އަޅުވަން އޮލިމްޕަސް ލިބޭ އެންމެ ދިގު މުއްދަތަކީ 18 ދުވަސްކަމެވެ. ހަގީގަތުގައި ރަނގަޅު ފިލްމެއް އޮލިމްޕަހުގައި އެޅުވިއްޖެނަމަ 18 ދުވަހަށްވުރެ ގިނަ ދުވަހަށް އެ ފިލްމު އޮލިމްޕަސް ސްކްރީނުގައި އޮވެ އެވެ.

ދިވެހި ފިލްމެއްގެ ވިޔަފާރި ކުރުމަށް ރާއްޖޭގައި އޮތް ހަމައެކަނި ތަނަކީ އޮލިމްޕަސް ތިއޭޓާ ކަމަށްވާއިރު އޮލިމްޕަސްގައި ރަނގަޅު ފިލްމެއް އަޅުވާނެ ފުރުސަތު ހަގީގަތުގައިވެސް އާ އުސޫލުގެ ސަބަބުން މިވަނީ ގެއްލިފަ އެވެ. ބުރަ މަސައްކަތުން އެތައް ގިނަ ރުފިޔާތަކެއް ހަރަދުކޮށް އޮލިމްޕަހަށް ފިލްމު ގެންނައިރު އެ ފިލްމު ހަމައެކަނި 18 ދުވަސްވަންދެއް ސްކްރީންކޮށްފައި އޮތުމަކީ އެއްވެސް އޮށްޓަރެއް ހުރި ކަމެއްނޫން ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.

"އެކަމާ ބެހޭ ގޮތުން މިނިސްޓަރަށް ދެންނެވީމަ ވިދާޅުވި އެދާއިރާގެ ހުރިހާ ޕްރޮޑިއުސަރުންނާ ވެސް މަޝްވަރާކޮށްގެން ނިންމާފައިވާ ގޮތެއް ކަމަށް. މި މައުލޫމާތަކީ އެންސީއޭ އިން މިނިސްޓަރަށް ދެއްވާފައިވާ ދޮގު މައުލޫމާތުތަކެއް،" މަގުބޫލު ޕްރޮޑިއުސަރު/ޑައިރެކްޓަރު ފާތިމަތު ނަހުލާ ބުންޏެވެ. އެކަމާ ދާއިރާގެ ގިނަ ޕްރޮޑިއުސަރުންތަކެއްވެސް އެއްބަސްވެސްވެ އެވެ.

ބައެއް ޕްރޮޑިއުސަރުން ބުނި ގޮތުގައި އެގޮތަށް ލިމިޓް ނުކުރުމަށް މިނިސްޓްރީގައި ވާހަކަ ދެއްކެވި ބޭފުޅުންވެސް އެއްބަސްވެފައިވާ ކަމަށެވެ. ނަމަވެސް އޮލިމްޕަސް ދޫކުރާ އާ އުސޫލު ނުކުތްއިރު އުސޫލުގައި ބުނެފައިވަނީ އެންމެ ގިނަ ދުވަހަށްވެސް ފިލްމު އެޅުވުމަށް އޮލިމްޕަސް ނެގޭނީ 18 ދުވަހުގެ މުއްދަތަކަށްކަމަށެވެ.

މި ބަހުސާއެކު ފިލްމީ މަޝްރަހު މިވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ޕްރޮޑިއުސަރު އިސްމާއިލް ޝަފީގު "ސަން"އަށް ބުނީ ފިލްމެއް އޮލިމްޕަހުގައި އެޅުވުމަށް 18 ދުވަހަށް ވުރެ ގިނަ ދުވަސް ބޭނުންވާކަމަށެވެ. އަދި ފިލްމެއް ސްކްރީންކުރުމަށް 18 ދުވަސް ނުފުދޭ ކަމަށެވެ. ޝަފީގު ބުނީ އެ އުސޫލުތައް ނިންމާއިރު ދާއިރާގެ ޕްރޮޑިއުސަރުންނާވެސް ވާހަކަދެކެވެންޖެހޭނެ ކަމަށެވެ.

މިިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ބަވަތި"ގެ ޑައިރެކްޓަރު އިލްޔާސްވެސް އެކަމާ އެއްބަސްވެ އެވެ. އޭނާ ބުނީ ފިލްމެއް އެޅުވުމަށް 18 ދުވަހުގެ މުއްދަތަކީ އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށެވެ.

ފިލްމު އެސޯސިއޭޝަން އިންނާއި އަމިއްލަ ޕްރޮޑިއުސަރުން މި އުސޫލު ބަދަކުކުރެވޭތޯ ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރުމަށް މިހާރު ވެސް ތައްޔާރަށް ތިބިކަމަށް ނަހުލާ ބުންޏެވެ.

ފިލްމީ ދާއިރާގެ ބަލަދުވެރި ފަރާތް ކަމުގައިވާ އެންސީއޭގެ ސަބަބުން ދާއިރާ ވަޅުޖެހި ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ދާއިރާގެ އެންމެންނަށްވެސް މިހާރު ވަނީ ހީވާން ފަށައިފަ އެވެ.

comment ކޮމެންޓް