ޖޭޕީގެ ބޮޑު ޖަލްސާ ބާއްވަނީ އޭޕީ އާއި އެމްއާރުއެމްއަށް ދައުވަތު ދީގެން

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ސަން ފޮޓޯ/ އަހްމަދު ސައީދު

ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)އިން ލޯކަލް ކައުންސިލް އިންތިހާބު ކެމްޕެއިން ލޯންޗުކުރުމަށް އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއަށް އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ) އާއި އެމްއާރުއެމްއަށް ދައުވަތުދީ، ގޮނޑިތައް ފުރާލާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

ކަައުންސިލް އިންތިހާބަށް ޖޭޕީން ބޭނުން ކުރާ ސްލޯގަންއަކީ، "ދީނާއި ގައުމު" އެވެ. އެ ނަމުގައި ޖޭޕީން ކާނިވާ ސަރައްހަދުގައި ބާއްވާ ޖަލްސާއަށް އެތަން ދޫކުރުމަށް މިހާރު ޕްލޭނިން މިނިސްޓްރީން ވަނީ ހުއްދަ ދީފަ އެވެ.

ޖަލްސާގެ މައުލޫމާތު ދިނުމަށް ޖޭޕީގެ މައި އިދާރާ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަލްސާގެ ޓާސްކްފޯސްގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، އެ ދެ ޕާޓީއަށްވެސް ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެއްވާ ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް ހައްގު މިންވަރު ދޭނެ ޕާޓީއަކީ ޖުމްހޫރީ ޕާޓީ ކަަމަށް ނިހާން ވިދާޅުވި އެވެ.

"އަދާލަތު ޕާޓީއަށް ހަމަ މިންވަރު، އެއްބަސްވާ މިންވަރު، ރަނުން ރަނަށް ދޭނެ ހަމައެކަނި ޕާޓީއަކީ ޖުމްހޫރީ ޕާޓީ. ޖޭޕީން ވާ ވައުދެއްގައި ރަނުން ރަނަށް، އެއްބަސްވާ އެއްބަސްވުމެއްގައި ތިބޭނެ ކަމުގެ ޔަގީންކަން އެބޭފުޅުންނަށް އޮންނާނެ،" ދާދި ފަހުން އަދާލަތު ޕާޓީގެ ރައީސް، އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ދެއްކެވި ވާހަކަތަކާ ގުޅުވައި، ނިހާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން ވާހަކަދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޝިދާތާ ޝަރީފު އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އިމްރާން މިދިޔަ އަންގާރަ ދުވަހު ވިދާޅުވީ، އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭކަމަށެވެ. އަދި އެކަމާ ގުޅިގެން އެމްޑީޕީ މަޖިލިސް މެމްބަރުން ވަނީ އިމްރާނަށް ފާޑުވިދާޅުވެފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނިހާން ވިދާޅުވީ، ދީނަށް ހަޖޫ ޖަހާ ދަނޑިވަޅެއްގައި ދީނުގެ ދިފާއުގައި ބަސްބުނުމުގެ ހައްގު އެންމެ ބޮޑަށް ލިބިގެންވާ އެއް ޕާޓީއަކީ އަދާލަތު ޕާޓީކަމަށެވެ. އެހެން ކަމުން އެ ވިސްނުގައި އަދާލަތައްވެސް ދައުވަތު އެރުވުމަށް ނިންމެވީ ކަމަށް ނިހާން ވިދާޅުވި އެވެ.

"ދީނާ ގުޅޭ ކޮންމެ ކަމެއްގައި އަޅުގަނޑުމެން ތިބޭނީ ކޯލިޝަންގައި. އިންތިހާބަށް ކޯލިޝަން ހެދުމާ މެދު ގޮތެއް ނިންމަވާނީ ޕާޓީން،" ދެ ޕާޓީއާއެކު ކައުންސިލް އިންތިހާބުގައި ކޯލިޝަން ހެދުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ސުވާލު ކުރުމުން ނިހާން ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމްގެ އެޑްވައިޒަރު އަދި ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، އެހެން ޕާޓީތައް ރައްޔިތުން ޓެސްޓުކޮށްފި ކަމަށާއި މިފަރު ޖޭޕީއަށް ފުރުސަތުދޭން ޖެހޭ ކަމަށެވެ. އަދި ހުކުރު ދުވަހު ބާއްވާ ޖަލްސާ ބާއްވާ ކާނިވާ ސަރައްހަދު ފުރުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ބޮޑު މެޖޯރިޓީއެއް އޮތީ އަޅުގަނޑުމެންގެ އަތުގައި. މި ޖަލްސާ މި ބާއްވަނީ ގާސިމަށް އެކި އެކި ފަންނުގެ ބޭފުޅޫން ގުޅުއްވާފައި ވިދާޅުވޭ، ބޭނުންވާ ތަނެއްގައި ޖަލްސާ ބޭއްވިޔަސް ތަން ފުރާލަދޭނެ ކަމަށް. ކާނިވާ ވިޔަސް އެތަން އަޅުގަނޑުމެން ފުރާލަދޭނަން އިރާދަކުރެއްވިއްޔާ،" ރިޔާޒު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރިޔާޒު ރަޝީދު ވާހަކަ ދައްކަވަނީ - ސަން ފޮޓޯ/ އަހްމަދު ސައީދު

ރިޔާޒު ވިދާޅުވީ، ޖޭޕީގައި އެފަދަ ބޮޑު ޖަލްސާއެއް ބޭއްވުމުގެ ގާބިލިއްޔަތުކަން އެބަހުރި ކަމަށާއި ޖަލްސާގެ ޓާސްކް ފޯސްގައިވެސް ހިމެނެނީ އެކަމުގެ ތަޖުރިބާ ލިބިފައި ތިބި މީހުން ކަމަށެވެ.

"އެކަންކަން ކުރަން ނުކުމެ މިތިބީ އާ މީހުންނެއް ނޫން. ތިބުނާ ބޮޑެތި ޖަލްސާތައް ބޭއްވިއިރު، އެކަން ކުރަން ތިބި މީހުން. އަޅުގަނޑުމެންގެ އެބަހުރި އެ އެކްސްޕީރިއަންސް،" ކުރިން ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕުގެ ނައިބު ލީޑަރުކަން ކުރެއްވި ރިޔާޒު ވިދާޅުވި އެވެ.

އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ޖުމްލަ 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، ޖޭޕީގެ ފަރާތުން ވާދަ ކުރައްވަނީ 127 ކެންޑިޑޭޓުނެ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް 389 މީހުން އިންތިހާބު ކުރާއިރު، އިންތިހާބުގައި ވާދަކުރަނީ އެ ޕާޓީގެ 56 ކެންޑިޑޭޓުންނެވެ.

comment ކޮމެންޓް