އާންމުންގެ ޖަޒުބާތުތައް ފަޅައިގެން، އުންމީދުތައް ވަރަށް މަތީގައި!

ރައްޔިތުން މަޖިލީހުން މިނިމަމް ވޭޖާ މެދު އާންމުންގެ ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމުގައި އާންމުން -- ފޮޓޯ/ މަޖިލިސް

"އަޅުގަނޑު މި ދާއިރާގައި [ޓޫރިޒަމް]ގައި މަސައްކަތް ފެށިއިރު އެންމެ ރިސޯޓެއް އޮތް އޯނަރު މިހާރު އަށް ރިސޯޓް ހުޅުވައިފި. މަންމައަކު ދަރިއަކު ބަލިވީމާ އަޅުގަނޑު މިޖެހެނީ ސަލާން ޖަހަންދާން. އެކަމަކު އެބޭފުޅުން ކޮންމެ އަހަރަކު ޔޫރަޕަށް މެޑިކަލްއަށް މިދަނީ. އަޅުގަނޑުމެން ސަލާން ޖެހުމުގައި. އެކަމަކު ތިޔަ ބޭފުޅުންގެ ވިސްނުން ތިހިރީ މިނިމަމް ވޭޖް ލަސްކޮށްފައި އަޅުގަނޑުމެން އަޅުންނަށް ހަދަން ދެއްތޯ؟،"

މިއީ މިނިމަމް ވޭޖް ކަނޑައެޅުމަށް އާންމުންގެ ހިޔާލު ހޯދަން ރޭ ރައްޔިތުން މަޖިލީހުގައި ބޭއްވި ފޯރަމްގައި ޓޫރިޒަމް ދާއިރާގައި 17 އަހަރު މަސައްކަތްކޮށްފައިވާ ސޯދިގު ކިޔާ މީހަކު ފާޅުކުރި އޭނާގެ ޝުއޫރުތަކެވެ. ސޯދިގު ނޫނަސް މި ބައްދަލުވުމުގައި ބައިވެރިވި އާންމުންގެ ހިޔާލު ހުރީ މިކަހަލަ ގޮތަކަށެވެ.

ޖަލްސާ ފެށުމުގެ ގޮތުން، ވޭޖް ބޯޑްގެ ޗެއާޕާސަން މަރިޔަމް ޚާލިދާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަސަރު ކުރާނެތީ މިވަގުތު މިނިމަމް ވޭޖެއް ތަންފީޒުކުރަން އޭނާއަށް ނުފެންނަ ކަމަށެވެ.

އާންމުންގެ މީހަކު ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއަށް ފަހު އާންމުންގެ ހިޔާލަށް ހުޅުވާލުމާ އެކު، ބައެއް މީހުން ޝުއޫރުފާޅުކުރަމުން ބުނީ، ކޮރޯނާވައިރަހުގެ ސަބަބުން މިނިމަމް ވޭޖެއް ކަނޑައެޅުން މަޑުޖައްސާލަން ސަރުކާރުން ބުނަނީ ބަހަނާއެއްގެ ގޮތުގައި ކަމަށެވެ. އަދި ސަރުކާރުން ވެސް ބޭނުން ވަނީ، ވިޔަފާރިވެރިންގެ ކޮޅަށް މިނިމަމް ވޭޖްގެ ކަންކަމުގައި ދީލައިލަން ކަމަށް ވެސް ބައެއް މީހުން ތުހުމަތުކުރި އެވެ.

"މިނިމަމް ވޭޖާ ހަމައިން މި ހުއްޓުން އަރަނީ. ޕީއެސްއައިޕީ ވެސް ހަމަ ކުރިއަށް، މުސާރަތައް ވެސް ހަމަ މައްޗަށް މިދަނީ. މިއީ ކޮން ކަހަލަ ވިސްނުމެއްތޯ؟" ފުރުގާން ކިޔާ ޒުވާނަކު ހިޔާލު ފާޅުކުރި އެވެ. "މި މިނިމަމް ވޭޖެއް ކަނޑައެޅުމުގެ ވާހަކަ ދައްކާތާ ހަތް އަހަރު މިހާރު މިކަމެއް ހަމަ ވާގޮތެއް ނުވޭ،"

އެހެން އަންހެން ބޭފުޅަކު ފާހަގަ ކުރެއްވި ގޮތުގައި، ކޮރޯނާ ވައިރަހާ އެކު އާންމުންގެ ސާފު ތާހިރުކަމަށް ސަމާލުކަން ދޭވަރު ރަނގަޅު ކުރެވެން އޮތީ އެ މީހުންގެ ޖީބުތައް ތަނަވަސްވެގެންނެވެ. އެކަން ކުރެވޭނީ އާމްދަނީ ރަނގަޅު ކުރެވިގެންކަން އޭނާ ފާހަގަ ކުރި އެވެ. އެހެންވެ ކޮރޯނާ ވައިރަހުގެ ބިރާ އެކު މިނިމަމް ވޭޖް މަޑުޖައްސާނުލުމަށް އޭނާ ގޮވާލި އެވެ.

އެ ވާހަކަތައް އޯޑިއަންސުން ހިތްވަރުދީ ހެދި އެވެ. ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންގެ ފަރާތުން އަޑުއިވުނީ އެ މީހުންނަށް ލިބޭ ކުޑަ މުސާރައެކަށީގެން ނުވާ ކަމަށެވެ.

މިނިމަމް ވޭޖަށް ހިޔާލު ހޯދަން ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިފަހުން މަދަނީ ޖަމްއިއްޔާތައް ހަދައިގެން މަސައްކަތް ކުރާ ފާތިމަތު ސާއިރާ ބުނީ، އޭނާގެ އުމުރުން 15 އަހަރުން ފެށިގެން ޓޫރިޒަމްގެ ދާއިރާގައި މަސައްކަތް ކުރި ކަމަށެވެ. އެހެންވެ، އެ ދާއިރާގެ މުވައްޒަފުންނަށް މިނިމަމް ވޭޖްގެ ގޮތުގައި 6،400 ރުފިޔާ އެކަށީގެން ނުވާ ކަމަށް އޭނާ ބުންޏެވެ. ވަރަށް ޖޯޝުގައި ވާހަކަ ދައްކަމުން އޭނާ ބުނީ، ރިސޯޓް މުވައްޒަފުންނަށް އަންހެނުންނާއި ދަރިން ކައިރިއަށް ވެސް ނާދެވޭ ކަމަށާއި އެ މީހުންނަ ޗުއްޓީތައް ވެސް، ނުލިބޭ ކަމަށެވެ.

"އަޅުގަނޑު ކުރީގެ ފިރިމީހާއަށް އޭނާއަށް ދަރިން ކައިރިއަކަށް ނާދެވޭ. ޗުއްޓީއެއް ނުލިބޭ. އެކަމަކު އާއިލާއާ އެކު ސްޕެންޑް ކުރުމަކީ ވެސް އެއީ ރައިޓެއް [ހައްގެއް]. އެކަމަކު ރާއްޖޭގައި މި ހައްގުތަކާއި ޑިމޮކްރަސީ މިދެކެނީ ވަރަށް ހަނިކޮށް،" ޝާއިރާ ބުންޏެވެ. "މަޓީ، މަސީ މި ތަންތަނުން މި އުޅެނީ އާންމުންގެ ހައްގުތަކަށް ފައިން އަރަން. މިނިމަމް ވޭޖް މިއީ ބޭސިކް ރައިޓެކޭ. އެކަން ވެގެން ނުވާނެ އެއީ ވަޒީފާ ދޭ މީހުންގެ ހައްގުގައި އޮންނަ އެއްޗަކަށް،"

މިކަހަލަ ހިފެހެއްޓިފައި ހުރި އެތައް އެތައް ޖަޒުބާތުތަކެއް އާންމުންގެ ފަރާތުން، އެ ޖަލްސާގައި ބަންޑުންވި އެވެ. ބައެއް ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުންނާ މެދު އަމަލު ކުރާ ނިކަމެތި ގޮތުން ހިތުގައި އުފެދިފައި ހުރި އިހުސާސްތައް އެ މީހުން ބޭރުކުރި އެވެ؛

"ފަނަރަ އަހަރުވެއްޖެ އަޅުގަނޑު ޓޫރިޒަމްގައި މަސައްކަތް ކުރާތާ. ދިރިއުޅުމުން އަޅުގަނޑު މި އުޅެނީ ސާވައިވް ނުވެވިގެން. އަޅުގަނޑަށް ލިބޭ ހުރިހާ މުސާރައެއް ކޮންސްޓްރަކްޝަން މީހެއްގެ ޖީބަށް ގޮސް މި ހުސްވަނީ. އަޅުގަނޑުގެ ލިވިން ރަނގަޅެއް ނޫން. މިނިމަމް ވޭޖް ލަސްކުރަން، ސަރުކާރަށް ދޭ އެހީތެރިކަން ކުޑަކުރަން މި އުޅެނީ އެ މީހުން [ވަޒީފާދޭ] މީހުން އަހަރުމެންނާ މެދު ކިހިނަކުން ދެކޭތީ ހެއްޔެވެ؟،" ނޫހު ކިޔާ ރިސޯޓް މުވައްޒަފަކު ބުންޏެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ބައްދަލުވުމުގައި ވާހަަދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެ ތުހުމަތުތަކާއި ޖަޒުބާތުތަކަށް ވިޔަފާރިވެރިންގެ ޖަވާބެއް ވެސް އޮތެވެ. އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކެއް ވެސް ހުއްޓެވެ.

އެ ފޯރަމްގައި އިންނެވި، ރަށެއްގައި ސެކިއުރިޓީ ބަލަހައްޓައިދޭ ވިޔަފާރިއެއް ހިންގާ މީހަކު ބުނީ ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ބިޑެއް ކާމިޔާބު ވަނީ، 16،000 ރުފިޔާ އާއި 20،000 ރުފިޔާގެ އަގެއް ޖަހައިގެން ކަމަށެވެ. ބިޑު އިއުލާނު ކުރާ އިރު މުވައްޒަފުންގެ ގޮތުގައި މަދުވެގެން ދެ ތިން ހަތަރު މީހަކު ގެންގުޅެން ޝަރުތުކޮށްފައި އޮންނަ ކަމަށް އޭނާ ބުންޏެވެ. އެކަމަކު، 6،400 ރުފިޔާއަށް މިނިމަމް ވޭޖެއް ކަނޑައަޅައިފި ނަމަ، އެ އަގަށް ކޮންޓްރެކްޓް ނަގައިގެން މަސައްކަތް ނުކުރެވި އެއްބަސްވުން ބާތިލް ކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން މިކަން ވަރަށް އަވަހަށް އިމްޕްލިމެންޓް ކުރަން އެދޭކަން. މިކަމުގައި ގާތްގަނޑަކަށް އެއް އަހަރުގެ ޑިލޭއެއް އެބަ ބޭނުންވޭ. އަޅުގަނޑުގެ ސުވާލަކީ، ވިޔަފާރި ހުއްޓާލަން ޖެހިއްޖެ ނަމަ ސަރުކާރަށް ވެދެވޭނެ އެހީއެއް އެބަ އޮތްތޯ؟،" އޭނާ ބުންޏެވެ.

ކޮންޓްރެކްޓަރުންގެ އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވި ގޮތުގައި، އާންމުން ބޭނުން ވަނީ، ދިރިއުޅުމުގެ އަގު ތިރިވާށެވެ. އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ އަގު ބޮޑުވުން ކަމަށް އޭނާ ބުންޏެވެ. އަދި އެކަން އެހެން އޮއްވާ މިނިމަމް ވޭޖެއް ކަނޑައެޅި ނަމަވެސް، އާންމުންނަށް ލުޔެއް ނުލިބޭނެ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން، އޭނާގެ ހުށަހެޅުމަކީ ރެންޓް ކޮންޓްރޯލް ކުރުމަށް ފަހު، ދެން މިނިމަމް ވޭޖެއް ކަނޑައެޅުމެވެ.

އާންމުންގެ މީހަކު ޝުއޫރު ފާޅުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިއަހަރު މިހާތަނަށް ވެސް އަޅުގަނޑުމެން މިތިބީ ތިން މިލިއަން ރުފިޔާއިން ދަރާފައި. އެހެން އެކަން އޮއްވާ، އަޅުގަނޑުމެންގެ ނެތް އެ ބުންވަރެއް މިނިމަމް ވޭޖެއް ދޭނެ،" އެބޭފުޅާ ބުންޏެވެ.

މޯލްޑިވްސް ބޯޓިން އެސޯސިއޭޝަންގެ ފަރާތުން ބަހާރު ވިދާޅުވީ، ގިނަ އާންމުން ޖަލްސާގައި ވާހަކަ ދެއްކީ ޖަޒުބާތުގައި ޖެހިގެން ކަމަށެވެ. އެހެންކަމުން، މިނިމަމް ވޭޖްގެ ހަގީގީ މާނަ އޮޅޭ ގޮތަށް، ވާހަކަ ދެއްކެވޭ ކަމަށެވެ. އަދި ލިވިން ވޭޖާއި މިނިމަމް ވޭޖް އޮޅުވާލާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް ފެންނަ ގޮތަކީ މިދުވަސްކޮޅަށް މިކަން މަޑުޖައްސާލާފައި. މި މިނިމަމް ވޭޖްގެ އެވެނެސް ސެޝަންތަކެއް މުޅި ރާއްޖޭގައި ބޭއްވަންވީ. މި މުޅި މަގުސަދު އޮޅުވާލައިގެން ގިނަ މީހުން މި އުޅެނީ،" ބަހާރު ވިދާޅުވި އެވެ.

މިނިމަމް ވޭޖް ބޯޑްގައި ވެސް އިންނަވާ، ކޮންސްޓްރަކްޝަން ދާއިރާއިން އަދުނާން ހަލީމް ކަންބޮޑުވެ ވަޑައިގެންނެވީ، ކޮރޯނާގެ ސަބަބުން އިގްތިސާދު ދަށްވެފައިވާ މި ދުވަސްވަރުގައި، މިނިމަމް ވޭޖް ކަނޑައަޅައިފި ނަމަ ދެންވާނެ ގޮތަކާ މެދު އެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާގައި ބިދޭސީން ގިނަ އިރު، އެ މީހުން ވެސް މިނިމަމް ވޭޖްގެ ތެރޭގައި ހިމަނައިފި ނަމަ، ދެން އަންނާނެ ބަދަލުތަކާ މެދު ވިސްނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިޔަފާރިވެރިން ދެއްކެވި މިފަދަ ވާހަކަތަކުން ބައެއް އާންމުން ހިތްހަމަ ނުޖެހި ބަހުގެ ހަމަލާތައް ވެސް އޯޑިއަންސްގެ ތެރޭގައި ބަދަލުކުރި އެވެ. އަދި ފޯރަމްގެ ޕެނަލްގައި އިންނެވި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއަށް އާންމުން ބަހުގެ ހަމަލާތައް ރައްދުކުރި އެވެ. އެގޮތުން އަހުމަދު އީސާއަކީ، މުވައްޒަފުންގެ ހައްގުތަކުގައި ވަކާލާތުކޮށް މެންބަރަކަށް އައުމަށް ފަހު، ވިޔަފާރިވެރިންގެ ހައްގުގައި އުޅޭ މީހެއް ކަމަށް ބުނެ ފާޑުކިޔެވެ.

އެ ޝުއޫރުތައް އަޑުއެއްސެވުމަށް ފަހު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ އިގްތިސާދެއް ކުރިއަށް ދާނީ ވިޔަފާރިވެރިންނާއި މަސައްކަތްތެރިން ވެސް ތިބެގެން ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގު އެކަނި ހިމާޔަތްވާ ގޮތަށް މިނިމަމް ވޭޖް ކަނޑައެޅުމަކީ ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިނިމަމް ވޭޖްގެ ސަބަބުން ވިޔަފާރިތަކަށް އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކުރާ އަސަރަކުން ވިޔަފާރިތަކެއް ބަންދު ކުރަން ޖެހިއްޖެ ނަމަ، އޭގެ އަސަރު ކުރާނީ އާންމުންނަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

"މިނިމަމް ވޭޖެއް ކަނޑައެޅުމަކީ 'އެހާ ރިވޮލިއުޝަނަރީކޮށް' ކުރެވެން އޮތް ކަމެއް ނޫން. ވިޔަފާވެރިޔާ އަކީ ވެސް ރައްޔިތެއް، އާންމު މީހާއަކީ ވެސް ރައްޔިތެއް. އެހެން ވީމާ، ދެބައި މީހުންގެ ހައްގު ވެސް ހިމާޔަތްވާން އެބަ ޖެހޭ،" ފައްޔާޒު ވިދާޅުވި އެވެ. "އަޅުގަނޑުމެން ނޫޅެން ވަކި ބައެއްގެ ހައްގު ހިމާޔަތް ކުރާކަށް. މިއުޅެނީ ދެބައި މީހުންނަށް ފައިދާވާނެ ކަމެއް ކުރަން. އަލަށް މިކަން ކުރާއިރު ދެކޮޅަށް ވެސް ވިސްނަން ޖެހޭނެ. އެންމެ ރަނގަޅު ގޮތުގައި މިކަން ނިންމަން ޖެހޭނީ. އެއްގޮތަކަށް ވެސް މި އުޅެނީ [މިނިމަމް ވޭޖު] ކަނޑަނާޅާކަން ނޫން. މިކަން ކުރާ ވާހަކަ މިތާ މި ދައްކަނީ."

comment ކޮމެންޓް