ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމަށް ޝަރީފު އައްޔަންކުރައްވައިފި

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ކަމަށް އައްޔަން ކުރެއްވި ގއ. ވިލިނގިލި ވިލާރަތްލާގެ، ޝަރީފު އަހުމަދު --

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުގެ މަގާމަށް ގއ. ވިލިނގިލި، ވިލާރަތްލާގެ، ޝަރީފު އަހުމަދު އައްޔަން ކުރައްވައިފި އެވެ.

ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ކަމަށް ޝަރީފު އައްޔަން ކުރެއްވީ މިއަދު މެންދުރު އެވެ.

ހިންގުމުގެ ދާއިރާއިން 17 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ޝަރީފަކީ މީގެ ކުރިން ކޫއްޑޫ އެއާޕޯޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން، އޭނާ ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ނުވަ އަހަރު ހިދުމަތް ކުރައްވައިފައެވެ. އަދި ގއ. އަތޮޅު ވެރިޔާގެ އެހީތެރިޔާގެ މަގާމު ހަތް އަހަރު އަދާ ކުރެއްވި އެވެ.

ޝަރީފު ތައުލީމު ހާސިލުކުރައްވާފައި ވަނީ ހިންގުމުގެ ދާއިރާއިންނެވެ. އޭނާ ވަނީ ހިންގުމުގެ ދާއިރާއިން ރާއްޖޭގައި ހިންގި އެންމެ ފުރަތަމަ ކޯސް 2000 ވަނަ އަހަރު ފުރިހަމަ ކުރައްވައިފަ އެވެ. އަދި ބިޒްނަސް މެނޭޖްމަންޓުން 2011 ވަނަ އަހަރު އެސޯސިއޭޓް ޑިގްރީ އަދި 2012 ވަނަ އަހަރު ހޮނާސް ޑިގްރީ ހާސިލު ކުރެއްވި އެވެ. އޭގެ އިތުރުން 2014 ވަނަ އަހަރު އިނގިރޭސިވިލަތުގެ ކާޑިފް މެޓްރޯޕޮލިޓަން ޔުނިވާސިޓީއިން މާސްޓާސް ޑިގްރީ ހާސިލު ކުރެއްވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމެންދެން ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރުކަން ކުރެއްވީ ގއ. ވިލިނގިލި، ފީރޯޒުގެ، ނަޒްލީން ނަޖީބު އެވެ. މިއަދާ ހަމައަށް އެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުރީ ސިވިލް ސާވިސް މުވައްޒަފެކެވެ.

comment ކޮމެންޓް