ޕަބްލިކް ޓްރާންސްޕޯޓު ހިލޭކުރި ފުރަތަމަ ގައުމަކަށް ލަގްޒެމްބާގް

ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ޓްރެފިކް ކުޑަކުރުމަށް ލަކްސެމްބާގް އިން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ : އެމްއެސްއެން

ދުނިޔޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ހިލޭ ފޯރުކޮށްދޭ ގައުމަކަށް، ޔޫރަޕިއަން ޔޫނިއަންގެ މުއްސަނދި ގައުމު ލަގްޒެމްބާގް ވެއްޖެއެވެ.

ލަގްޒެމްބާގްގެ ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނެފައިވަނީ މުޅި ގައުމަށް ހިލޭ ޕަބްލިކް ޓްރާންސްޕޯޓު ފޯރުކޮށްދޭ ގައުމަކަށް މިދިޔަ ހޮނިހިރު ދުވަހު ލަގްޒެމްބާގް ވެފައިވާ ކަމަށެވެ.

ދުނިޔޭގެ ބައެއް ސިޓީތަކުގައިވެސް ދަނީ ޕަބްލިކް ޓްރާންސްޕޯޓުތައް ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންނެވެ. އަދި ބައެއް ގައުމުތަކުގެ ވަކި ހާއްސަ ސަރަހައްދުތަކުގައި ޕަބްލިކް ޓްރާންސްޕޯޓު މިހާރުވެސް ވަނީ ހިލޭކޮށްފައެވެ. ނަމަވެސް މީގެކުރީން ޕަބްލިކް ޓްރާންސްޕޯޓުތައް މުޅި ގައުމަކަށް އެއްކޮށް ހިލޭކޮށްފައެއް ނުވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީއިން ބުނެފައިވަނީ އާންމުންނަށް ދަތުރުތައް ހިލޭކޮށްފައިވަނީ އިޖުތިމާއީ ބޮޑު މަސައްކަތެއްގެ ގޮތުން ކަމަށެވެ. އޭގެ ސަބަބުން އެ ގައުމުގެ 40 ޕަސެންޓު ގެތަކަށް ކޮންމެ އަހަރެއްގެ މައްޗަށް 110 ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ދަތުރުތައް ހިލޭކޮށްފައިވަނީ އާންމުންނަށް އެކަން އިއުލާނުކުރުމުގެ އެއް ދުވަސް ކުރީންނެވެ.

ނަމަވެސް ޕަބްލިކް ޓްރާންސްޕޯޓު ހިލޭ ކުރުމުގެ ސަބަބުން އެ ސެކްޓާގައި މަސައްކަތްކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވެފައެވެ. އެގޮތުން ޓިކެޓު ވިއްކާ ފަރާތެއް ބުނެފައިވަނީ ޕަބްލިކް ޓްރާންސްޕޯޓު ހިލޭ ކުރުމުން އެ ފަރާތްތަކަށް ވާނެގޮތެއް ނޭނގޭ ކަމަށެވެ. އަދި އެކަމާ ޕަބްލިކް ޓްރާންސްޕޯޓުގައި މަސައްކަތްކުރާ ހުރިހާ އެންމެން ތިބީ ކަންބޮޑުވެފައި ކަމަށްވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް