ޝިދާތާ ވަކިކުރުމުން އަދާލަތު ޕާޓީއަށް ސަރުކާރުން ހައްގު މިންވަރު ލިބެން ޖެހޭ: އިމްރާން

މި ސަރުކާރުން ކުރާނެ މަސައްކަތްތަކާއި، ރައީސް ކުރަން ބޭނުންވާ ލަނޑުދަނޑުތައް ކަނޑައަޅައި އެކުލަވާލި ސްޓްރެޓަޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަކިކުރުމުން އަދާލަތު ޕާޓީއަށް ހައްގު މިންވަރު ލިބެން ޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަގާމުގައިވެސް ހުންނެވި އިމްްރާން މިރޭ ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވިދާޅުވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޝިދާތާ އިސްތިއުފާ ދެއްވަން ޖެހުނީ އޭރު މުޅި ރާއްޖޭގައި އުފެދުނު ނުތަނަވަސްކަމާ ގުޅިގެން ކަމަށެވެ.

މިނިސްޓަރު އިޝާރާތްކުރެއްވީ ގއ. ކަނޑުހުދޫގައި ތުއްތު ކުއްޖަކަަށާއި އަދި ކުރިން ޑިސްއެބިލިޓީ އެމްބެސެޑަރުކަމުގައި ހުންނެވި އަހުމަދު ހިޝާންއަށް ކުރެވުނު، ޖިންސީ ގޯނާގެ ތުހުމަތުތަކަގެ މައްސަލައިގައި ޝިދާތާއަށް އަމާޒުވި ފާޑުކިޔުންތަކަށެވެ.

މަސްލަހަތަށްޓަކައި ކަމަށްބުނެ ޝިދާތާ ޖެންޑާ މިނިސްޓަރުކަމުން އިސްތިިއުފާ ދެއްވުމުން، އެ މަގާމު މިހާރު ފުރުއްވަމުންދަނީ އައިޝަތު މުހައްމަދު ދީދީ އެވެ. އޭނާއަކީ ކުރި މައުމޫން ސަރުކާރުގައި ޖެންޑާ މިނިސްޓަރަކަށް ހުންނެވި ބޭފުޅެކެވެ.

ޝިދާތާ އިސްތިއުފާ ދެއްވި މައްސަލައިގައި މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ އެ މައްސަލައިގައި ޝިދާތާގެ މައްސަލައެއް ނެތް ކަމަށެވެ. އަދި ޝިދާތާގެ އިހުމާލެއް އޮތް ކަމަށް ވެސް ނުބުނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކަނޑުހުޅުދޫގައި ހިނގައިދިޔަ ހާދިސާގައި ޖެންޑާ މިނިސްޓަރު އެއްވެސް އިހުމާލެއް އޮތް ކަމަށް ބުނާކަށް ނުވާނެ. އަދި ފަހުން އެމްބެސެޑާއަށް އައްޔަނުކުރެވުނު ބޭފުޅާގެ ކަންތަކުގައި ވެސް ހަގީގަތުގައި ޖެންޑާ މިނިސްޓަރުގެ ޒިންމާއެއް އިހުމާލެއް އޮތްކަމެއް ބުނެވޭނެ އެއްވެސް ހަމައެއް އަޅުގަަނޑު ގަބޫލެއް ނުކުރަން،" އިމްރާން ވިދާޅުވި އެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމުން ދެން އެ މަގާމަށް އައްޔަނުކުރައްވާނެ ބޭފުޅަކު އައްޔަނުކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަޝްވަރާތައް ކުރެވުނު ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި އެކަމުގައި ބެލީ ހުރިހާ ޕާޓީތަކެއްގެ ރުހުން ލިބިފައިވާ މެދު މިނުގެ ހިޔާލުގެ ބޭފުޅަކު އައްޔަނުކުރުމަށް ކަމަށް ވެސް މިިނިސްޓަރު ވިދާޅުވި އެވެ.

"އެހެންނަމަވެސް އަޅުގަނޑު ދެކޭގޮތުގައި ކޯލިޝަންގެ ތެރެއިންު ޕާޓީއަށް ލިބެން ޖެހޭ ހައްގު މިންވަރު އަދާލަތު ޕާޓީއަށް ލިބެން ޖެހޭ. އެކަމުގައި ކޮންމެވެސް ގޮތްތަކެއް ރާވާނެކަމަށް ރައީސް އޮތީ ވިދާޅުވެފައި. އެކަަމަށް ވަގުތުކޮޅެއް ނަގާނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އޭނާ ވިދާޅުވި އެވެ.

ޝިދާތާ ވެއްޓުނުވަރަށް ވުރެ ބާރަށް ސިޔާސީ މަސްރަހުގައި އަނެއްކާވެސް ކުރިއަރައިގެންދާނެކަމަަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރުވެސް އަދާލަތު ޕާޓީގައި މަސައްކަތްތަކެއް ކުރަމުންދާ ކަަމަށާއި ވަގުތު ޖެހުމުން ޝިދާތާ އަނެއްކާވެސް މަގާމަކުން ފެންނާނެކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް