ރައީސް ޔާމީނުގެ މައްޗަށް ހިޔާނާތާއި، ރިޝްވަތާއި މަނީ ލޯންޑަރިންގެ އިތުރު ތުހުމަތުތަކެއް!

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭގޮތުން މިހާރު ތަހުގީގު ކުރަނީ އެމްއެމްޕީއާރްސީގެ ފައިސާއަށް ހިޔާނާތްތެރިވުމާއި ރިޝްވަތާއި، މަނީ ލޯންޑަރ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ކަމަށް ފުލުހުން ބުނެފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ އެހެން ތުހުމަތުތަކެއް ތަހުގީގު ކުރުމަށް މިއަދު އެމަނިކުފާނު ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރު ކުރުމާ ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެފައި ވަނީ ފުލުހުން އެމަނިކުފާނާ ސުވާލު ކުރީ ކުރިންވެސް ތުހުމަތު ކުރެވުނު މައްސަލައިގައި ކަމަށެވެ.

އެކަމާ ގުޅިގެން ފުލުނުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރީ މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް ތަހުގީގު ކުރެވި ޝަރީއަތް ކުރެވުނު މައްސަލައާ ބެހޭގޮތުން ސުވާލު ކުރުމަށް ނޫން ކަމަށެވެ. އަދި އެމަނިކުފާނާ ސުވާލު ކުރެވުނު މައްސަލަތަކުގެ ހުލާސާއެއް ފުލުހުން ދިނެވެ.

ފުލުހުން ބުނި ގޮތުގައި މުޅި އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގެއްލުނު 77.5 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާ ކުރިކަމުގެ ތުހުމަތާއި، ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭ ގޮތަށް ބޭރު ފައިސާ ގަނެދިނުމުގެ ނަމުގައި ދައުލަތުގެ ކުންފުނިތަކުން އެމްއެމްޕީއާރްސީއަށް 220.7 މިލިއަން ރުފިޔާ ހޯދުމަށް ފަހު އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ތުހުމަތު ރައީސް ޔާމީންގެ މައްޗަށް ކުރެވެއވެެ. އަދި ކޮރަޕްޝަނުގެ އަމަލުތަކެއް ހިމެނޭގޮތަށް އެމްއެމްޕީއާރްސީއިން އަމިއްލަ ފަރާތްތަަކަށާއި ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެ އެ ފައިސާ ލޯންޑާކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލައެއްގައިވެސް އެމަނިކުފާނަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. މިއީ މީގެ ކުރިންވެސް ރައީސް ޔާމީނު ފުލުހަށް ހާޒިރުކޮށް ސުވާލު ކުރެވުނު މައްސަލަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން އެމްއެމްޕީއާރްސީ މެދުވެެރިކޮށް ރަށެއް ދޫކުރުމުގައި ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތުވެސް ކުރެވޭކަން ފުލުހުން ހާމަކުރި އެވެ. އެ އެ މައްސަލައަކީ އދ. ފުއްގިރި ނަމަކަށް ކިޔާ ރަށެއް އެމްއެމްޕީއާރްސީ މެދުވެރިކޮށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 1،118،000 ޑޮލަރު ނަގައި އެ ފައިސާ އަމިއްލަ ފަރާތްތަކާއި ކުންފުނިތައް ބޭނުންކޮށްގެން ލޯންޑާ ކުރި ކަމުގެ ތުހުމަތު ކުރެވޭ މައްސަލައެކެވެ.

މިހާރު ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމްއެމްޕީއާރްސީ މެދިވެރިކޮށް، ގއ. ވޮޑަމުލާ ދޫކޮށްގެން ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން އެމަނިކުފާނުގެ މައްޗަށް ސާބިތުވުމުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ދެން އެންމެ ބޮޑަށް ތުހުމަތު ކުރެވެނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. މިހާރު ގޭބަންދުގައި ތިބި އެ ދެ މީހުންވެސް ރައީސް ޔާމީނާ ދެކޮޅަށް މީގެ ކުރިން ހެކިބަސް ދީފައިވެއެވެ.

comment ކޮމެންޓް