އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާކޮށްފި

އެފްއައިޔޫގެ ކުރީގެ ވެރިޔާ އާތިފު ޝަކޫރު --

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ދައުވާކޮށްފިއެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިއަދު "ސަން"އަށް ވިދާޅުވީ، އާތިފްގެ މައްޗަށް ކުރީ މަނީ ލޯންޑަރިންއާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުުމުގެ ކުށުގެ ދައުވާކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މައްޗަށް ދައުވާ ކުރީ މަނީ ލޯންޑަރިންގެ ގާނޫނުގައިވާގޮތަށް މަނީ ލޯންޑަރިންނަށް ޝައްކުކުރެވޭ މުއާމަލާތެއް ކަމާ ބެހޭ އިދާރާތަކުގެ ސަމާލުކަމަށް ނުގެނައުމުންނެވެ.

އެފްއައިޔޫއަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތަކީ ފައިސާގެ މުއާމަލާތައް މޮނީޓާކޮށް، މަނީ ލޯންޑްރިންއާއި ޓެރަރިޒަމަށް ފަންޑުކުރުން ފަދަކަންކަން ހިނގާކަމަށް ޝައްކު ކުރެވޭނަމަ އެކަންކަން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނިން މަނީ ލޯންޑްރިންގެ ހަރަކާތްތައް ހިންގަމުން ދިޔަކަން ފާހަގަވި ނަމަވެސް އެކަމަށް ފިޔަވަޅު ނާޅާ ދޫކޮށްލާފައި ވަނީ، އެފްއައިޔޫގެ ވެރިޔަކަށް އާތިފް ހުންނެވި އިރުކަން އޭސީސީގެ ތަހުގީގަށް މީގެ ކުރިން ވަނީ އެނގިފައެވެ.

އެމްއެމްޕީއާރުސީގެ އެންޑޯޒްޑް ޗެކުތަކެއް އެސްއޯއެފްއަށް ޖަމާވަމުން ދިޔަ ނަމަވެސް، އެ މުއާމަލާތްތައް ނުހިފެހެއްޓީ އެމްއެމްއޭގެ އާތިފްއާއި އޭރުގެ އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ކަމަށް ބީއެމްއެލްއިންވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސްވެރިން ހާޒިރުކޮށް ސުވާލުކުރުން އެ ބޭންކުގެ އިންޓަރިމް ރިސްކް އޮފިސާ ޔާމީން އާދަމް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ދައުރުކުރުމަށް ބޭނުންކުރި އެސްއޯއެފްގެ އެކައުންޓް ހޯލްޑްކޮށް، އެފްއައިޔޫއަށް ނޮވެމްބަރު، 27، 2014 ގައި އެކަން ރިޕޯޓް ކުރި ކަމަށެވެ. އެ އެކައުންޓް ހޯލްޑް ކުރީ މަނީލޯންޑްރިންއަށް ޝައްކުވާ މުއާމަލާތެއް ނޮވެމްބަރު، 25، 2014 ގައި ހިންގާފައި ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އޭރު އެފްއައިޔޫއާ ހަވާލުވެ ހުންނެވި، އެސިސްޓެންޓް ގަވަރުނަރު ނީޒާ އިމާދު ލަފާދެއްވީ އެސްއޯއެފްގެ އެކައުންޓް ހޯލްޑްނުކޮށް މުއާމަލާތްތައް ކުރިއަށް ގެންދިޔުމަށް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އޭރު ޗުއްޓީގައި ހުންނެވި، އެފްއައިޔޫގެ ވެރިޔާ، އާތިފް ޝަކުރޫވެސް ފަހުން ޗުއްޓީއިން އެނބުރިވަޑައިގަތް ނީޒާގެ ލަފާ ތަކުރާރު ކުރެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން 77.55 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށް ލިބެން ޖެހެ އެވެ. ނަމަވެސް އޭގެ ތެރެއިން އެމްއެމްޕީއާރުސީގެ އެކައުންޓަށް ވަނީ 12.5 މިލިއަން ޑޮލަރެވެ.

comment ކޮމެންޓް