ކޯލިޝަން އުވާލައި، ހުރިހާ މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް ދޭން ގޮވާލައިފި

ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް

ކޯލިޝަން ޕާޓީތަކަށް ދީފައިވާ ސްލޮޓްތަކުގައި ތިއްބެވި މިނިސްޓަރުން ކުރައްވާ ހަމައެކަނި މަސައްކަތަކީ ސަރުކާރަށާއި ރައްޔިތުންނަށް ޖެއްސުންކުރުން ކަމަށާއި، އެހެންކަމުން ކޯލިޝަން އުވާލައި ހުރިހާ މިނިސްޓްރީތަކެއްގެ ބާރު ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ދިނުމަށް ކަނޑިތީމު ދާއިިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް މިއަދު ގޮވާލައްވައިފިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަށް ބަހުސްކުރައްވަމުން ޝަހީމް ވަނީ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަރުކާރު ކޯލިޝަންގައި އެމްޑީޕީ ފިޔަވައި ދެން ތިބި ޕާޓީތަކަށް އަމާޒުކޮށް ޝަހީމް ވިދާޅުވީ، މިއީ އެމްޑީޕީ ސަރުކާރެކޭ ބުނާތީ ކޯލިޝަންގެ ބައިވެރިން ރުޅިއަންނަ ކަމަށެވެ. އަދި އެކަމާ ހިތްހަމަނުޖެހި ތިބެ، ސަރުކާރަށާއި ރައްޔިތުންނަށް ޖެއްސުން ކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

އަދި ކޯލިޝަން ޕާޓީތަކުގެ ވަޒީރުން ކުރައްވާ މަސައްކަތަކީ ރައްޔިތުން ރުޅިއަރުވައި، ދެވަނަ ދައުރަކަށް އެމްޑީޕީ އިންތިހާބު ނުވާނެ ހުރިހާ ގޮތެއް އެ ވަޒީރުން ހޯދަމުން އަންނަ ކަމަށެވެ.

"މިއަދުން މިއަދަށް އެބަ އުވާލަން ޖެހޭ. ކޯލިޝަން އުވާލާފައި އެމްޑީޕީން މި ގައުމުގައި ހެޔޮ ވެރިކަމެއް ކުރުމަށްޓަކައި މިނިސްޓްރީތަކުގެ ބާރު އެމްޑީޕީއަށް އެބަ އަންނަންޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ގަބޫލުކުރަނީ ހަމައެކަނި އެމްޑީޕީ ކަމަށާއި އިތުރު ބަޔަކަށް ވެރިކަން ނުކުރެވޭނެ ކަމަށެވެ. އަދި މިއަދުގެ ސަރުކާރުން އެ މަންޒަރު ވަރަށް ރަނގަޅަށް ފެންނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ކޮން ކަމެއްތޯ ރަނގަޅު ވަނީ ކޯލިޝަން ހަދައިގެން ތިބީމަ. ސަރުކާރަކަށް ވެސް ނޫން ރައްޔިތުންނަށް ޖެއްސުން ކުރަނީ. ދެން އަންނަ ދައުރެއްގައި އެމްޑީޕީއަށް ވެރިކަމަށް ނާދެވޭނެ ހުރިހާ މަގެއް ހޯދައިގެން ރައްޔިތުން ރުޅިއެރުވުން މިނިސްޓްރީތަކުގައި ތިބެގެން އެކަން ކުރަނީ. މީ ފުންކޮށް ވިސްނާލަން ޖެހޭ ކަމެއް،" މެމްބަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ކޯލިޝަން ސަރުކާރެއް ހަދައި، ކުންފުނިތަކުގެ ބޯޑަށް ކޯލިޝަން ޕާޓީގެ މެމްބަރުން އައްޔަން ކުރުމުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

"މުއައްސަސާތައް މިދަނީ ފެއިލްވަމުން. ސަރުކާރު ފެއިލްވުމުގެ ކުރިން މި ސަރުކާރުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ. މިއަދު ކުންފުނިތައް ހަދާ، ކުންފުނިތަކަށް ލާފައި ތިބި އެމްޑީ އާއި ޑީއެމްޑީ ކަންކުރަމުންދާ ގޮތް ވަރަށް ރަނގަޅަށް މި ސަރުކާރަށް އެބަ އެނގެން ޖެހޭ. އަޅުގަނޑުމެން މަގުމައްޗަށް ނުކުތީމާ ރައްޔިތުން އަޅުގަނޑުމެން ގާތު އެބަ ބުނޭ ކަންކަން ކުރަމުންދާ ގޮތް،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ އިތުރު ބޯޑެއް ހެދުމުގެ ކުރިން ކުރަންޖެހޭ ކަމަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ތިއްބެވި ބޭފުޅުން ކަން ކުރަމުންދާގޮތް ބެލުމަށް ބޯޑެއް ހަދައި، މި ސަރުކާރު ހިމާޔަތްކުރުން ކަމަށެވެ.

ސަރުކާރުން ފާޑުވިދާޅުވަމުން ޝަހީމް ވިދާޅުވީ އެ ވާހަކަތައް ދެއްކުމުން ބައެއް މީހުން ހިތްހަމަނުޖެހޭނެ ކަން އެނގޭ ކަމަށާއި، އެހެން ނަމަވެސް ގޯސްކޮށް ކަންކުރަމުންދާ ކަމުގައި ވާނަމަ އެވާހަކަ ދައްކަވާނެ ކަމަށެވެ.

"ހުރިހާކަމެއް ދަނީ ރަނގަޅަކަށް ނޫން. މިއަދު އަޅުގަނޑުމެންނަށް އެކަން ވަރަށް ސާފުކޮށް އެބަފެނޭ މި ރާއްޖެއިން،" މެމްބަރު ވިދާޅުވިއެވެ.

ކޯލިޝަން ސަރުކާރަށް ފާޑުވިދާޅުވަމުން، ޝަހީމްގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދަށެވެ. އެގޮތުން މަސްވެރިކަމުގެ ބިލް ފާސްކޮށް ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ގަވާއިދުތަކާ އުސޫލުތައް އަދިވެސް އެކުލަވާލެވިފައި ނުވާކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް ވެސް މެމްބަރު ވަނީ ގޮވާލައްވައިފައެވެ.

"މިއަދު ކޮބައިތޯ މަސްވެރިންގެ ހާލަތު. މިނިސްޓްރީ އޮތީ ކިހާ ހިސާބެއްގައިތޯ. ކޮބައިތޯ މިނިސްޓަރު. ކީއްތޯ ކުރެއްވީ؟ އަޅުގަނޑުމެން ދިވެހި މަސްވެރިންގެ މިއަދުގެ ހާލަތު ކިހާވަރަކަށްތޯ ދަންނަނީ. ހަގީގަތަށް ބުނާނަމަ އަޅުގަނޑުމެން ފުންކޮށް އެބަ ވިސްނަން ޖެހޭ،" މެމްބަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ދިމާވާ ކަންކަމުގެ ސަބަބުން އޭގެ އަސަރު ދިވެހި ފަތުރުވެރިކަމަށް ކުރާ ކަމަށާއި އެކަން ފޫބެއްދުމަށްޓަކައި ދިވެހި މަސްވެރިން ތިބީ އަތުކުރި އޮޅާލައިގެން، ރާއްޖެ ނަގާ ކޮޅަށް ޖަހައިދޭން ކަމަށެވެ.

އަދި ގައުމު މާދަމާ ވެސް ކުރިއަށް ގެންދަން ތިބި ބަޔަކީ މަސްވެރިން ކަމަށާއި އެ މަސައްކަތް ކުރުމުގެ ފުރުސަތު މަސްވެރިންނަށް ލިބިފައި ނުވާ ކަމަށެވެ.

ޝަހީމް ވިދާޅުވީ ކޮންމެ ދުވަހަކު މަޖިލީހަށް ގޮސް ސަރުކާރަށް ސަނާ ކިޔައި ރީތި ވާހަކަދެއްކިދާނެ ކަމަށާއި، އެހެން ނަމަވެސް ރައްޔިތުންގެ ހައްގުތައް ހިމާޔަތް ވާން ޖެހޭނެ ކަމަށެވެ. އަދި ހިމާޔަތް ނުވާނަމަ އެކަމުގެ ވާހަކަވެސް ދެއްކެން ޖެހޭނެ ކަމަށެވެ.

"މިއަދު ހަގީގަތަކީ ފިޝަރީޒް މިނިސްޓްރީ ފެއިލްވެއްޖެ. ފެއިލް ވެއްޖެ. އަޅުގަނޑު ގޮވާލަން މިނިސްޓަރު އިސްތިއުފާ ދެެއްވާ. ދެއްވާފަ އެ މިނިސްޓްރީ ހިންގޭ ފެންވަރުގެ މީހުން އެތަނަށް ލައިގެން ދިވެހި މަސްވެރިންގެ ހައްގުތައް ހިމާޔަތްކޮށްދެއްވާ،" މެމްބަރު ޝަހީމް ވިދާޅުވިއެވެ.

comment ކޮމެންޓް