މަޖިލީހުގައި އެމްޑީޕީ މެންބަރުންގެ ކޯޅުމެއް!

ފެބްރުއަރީ 3، 2020: މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމާއި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވުން ---- ފޮޓޯ/ މަޖިލިސް

އަސާސީ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށް އޮތޯރިޓީއެއް އުފައްދަން "ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް"ގެ ނަމުގައި މަޖިލީހަށް ހުށަހެޅި ބިލާއެކު، މަޖިލީހުގައި އެމްޑީޕީ މެމްބަރުން އެއް މެމްބަރު އަނެއް މެމްބަރަކަށް ފާޑުވިދާޅުވެ ކޯޅެން ފަށައިފި އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލް މަޖިލީހަށް ހުށަހެއްޅުއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެވެ.

ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލެއް ހުށަހަޅާފައި ވަނީ އާންމު ބޭނުންތަކުގެ ހިދުމަތްތައް ދިނުމާގުޅޭ ކަންކަން ތަންޒީމުކުރުމަށް އޮތޯރިޓީއެއް އުފައްދައި، އެ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުމާއި، އާންމު ބޭނުންތަކުގެ ހިދުމަތްތަކާ ގުޅޭ ކަންތައްތައް ރާވައި، ހިންގާނެ ގޮތުގެ އާންމު އުސޫލުތައް ބަޔާންކުރުމާއެކު އާންމު ހިދުމަތް ފޯރުކޮށްދިނުމުގެ ގާނޫނާ ހިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާބެހޭ އުސޫލުތައް ބަޔާން ކުރުމަށެވެ.

އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ފެނާއި ނަރުދަމާ އާއި ކަރަންޓާއި ކުނި މެނޭޖްކުރުމުގެ ހިދުމަތްތަކެވެ.

އެ ބިލުގެ ބަހުސް މިއަދު މަޖިލީހުގައި ފަށާފައި ވާއިރު ފެނިގެން ދިޔައީ ބިލާމެދު އެމްޑީޕީ މެމްބަރުންގެ ހިޔާލު ތަފާތުވެ، ބިލަށް ފާޑުވިދާޅުވުމުގެ އިތުރުން އެ ޕާޓީގެ އެއް މެމްބަރަކު އަނެއް މެމްބަރަކަށް ތުހުމަތުތައް ކުރައްވައި ރައްދު ދެއްވަމުން ގެންދެވި ތަނެވެ.

ބިލަށް ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ ބިލަށް ފާޑު ވިދާޅުވެ ވާހަކަދެއްކެވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު

ބޮންޑޭ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހަޅާފައިވަ ބިލަކީ އެމްޑީޕީގެ އެޖެންޑާ 19 ސިޔާސަތާ އެއްގޮތަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ. އަދި މި ބިލުގެ ސަބަބުން އަނެއްކާވެސް އަތޮޅުތެރޭގެ ރަށްތަކުގެ ކަންކަން މާލޭގައި އިންނަވާ ވަޒީރުގެ ކޮންޓްރޯލްގެ ދަށަށް ގޮސް، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ދޭ ބާރުތައް ހަނިވުމުގެ ފުރުސަތު އޮތް ކަމަށެވެ.

"މި ބިލުގައި މިވަނީ ރެޑް ޓޭޕް. އަނެއްކާވެސް ބާރުތައް މާލެއަށް ޖަމާކުރުން. ޔުޓިލިޓީޒް އޮތޯރިޓީއެއް ހަދާފައި، ބޯޑަށް މިނިސްޓަރުންނާ އަދި ވުޒާރާތަކުގެ ބަޔަކު ލާފައި އޭގެ ތެރެއިން އަނެއްކާވެސް ދިވެހި ރާއްޖޭގެ ފެނާ ނަރުދަމާ ކޮންޓްރޯލްކޮށްލުން،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވީ ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލްތައް ފޮނުވާ އިރުގައި އެޖެންޑާ 19 ނުވަތަ އެމްޑީޕީގެ ސިޔާސަތެއް ކަނޑައެޅިފައިވާ ކަމާއި، ރައްޔިތުން ވޯޓު ދިނީ އެ ސިޔާސަތަށްކަން ވަޒީރުންނަށް ސާފުވާން ޖެހޭ ކަމަށެވެ.

"ރައްޔިތުން ވޯޓު ދެނީ މީހަކަށް ނޫން. ރައްޔިތުން ދެނީ ސިޔާސަތަކަށް. ޕޮލިސީއަކަށް. ޕޮލިސީ ވިއްކަނީ. އެހެން ނަމަވެސް މި ބިލުގައި އެ ޕޮލިސީއެއް ނެތް،" ބޮންޑޭ ވިދާޅުވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕްރޮވިންސް ތަކަކަށް ބަހައިގެން ރާއްޖޭގައި ޔުޓިލިޓީޒް ކުންފުނިތަކެއް އުފައްދައިގެން މަސައްކަތް ކުރި އިރު، ހެޔޮއަގުގައި ހިދުމަތްތައް ލިބި، ހިދުމަތް ދޭން އާ ގޮތްތަކެއް ފަހިވެ ރައްޔިތުންނަށް އެކަމުގެ ފައިދާ ކުރިކަން މެމްބަރު ފާހަގަކުރެއްވި އެވެ.

ނަމަވެސް މި ބިލުގައި އޮތީ ބާރުތައް އެއް ތަނަކަށް ޖަމާކުރުން ކަމަށާއި، އެގޮތަށް އެކަން ކުރެވިގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވި އެވެ.

"ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލަކީ ޖަޒީރާ ރާއްޖެ ކޮންސެޕްޓެއް ނޫން. އެޖެންޑާ ނަވާރަ ކޮންސެޕްޓެއް ނޫން. މިއީ ހުދުމުހުތާރު ކޮންސެޕްޓެއް. މި ކޮންސެޕްޓުގައި އޮތީ ބާރުތައް އަތަށް ނެގުން،" މެމްބަރު ވިދާޅުވި އެވެ.

ބޮންޑޭގެ ވާހަކަތަކާ ގުޅިގެން ނިޒާމީ ނުކުތާއެއް ނަންގަވައި، ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ އެ ބިލުގައި އޮތް އެއްޗަކާ މުޅިން ހިލާފަށް ކަމަށެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 40 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

"ބިލަކީ ރެގިއުލޭޓަރި ބޮޑީއެއް. މީކީއެއް ތަންފީޒީ ވުޒާރާއެއް ނޫން. އެހެންވީމަ މެމްބަރު ރަނގަޅަށް ކިޔާފަތޯ ވާހަކަދައްކަވަނީ ސާފުކޮށްލަން ބޭނުން،" އަބްދުލްޣަފޫރު ވިދާޅުވި އެވެ.

އަބްދުލްޣަފޫރުގެ ވާހަކައަށް ރައްދު ދެއްވަމުން ބޮންޑޭ ވިދާޅުވީ މިނިސްޓަރުންގެ ފައިބުޑަށް ވެއްޓި، ނާޖާއިޒް ފައިދާ ނަގަން އުޅޭ މެމްބަރުންނަށް އޭނާ ދައްކާ ވާހަކަތައް ހަޖަމު ނުކުރެވޭނެ ކަމަށެވެ.

އޭނާއަކީ ވަޒީރެއްގެ ފައިބުޑަށް ވެއްޓޭނެ މީހެއް ނޫން ކަމަށާއި ރައީސް އާއި ވަޒީރުންގެ ފަހަތުން ވައި އަޅުވަމުން އުޅުމަކީ އޭނާގެ ތޮބީއަތުގައި ހުންނަ ކަމެއް ނޫން ކަމަށެވެ.

"ރެގިއުލޭޓަރީ އޮތޯރިޓީ ބޮޑީއެއް އުފައްދާފައި މި މަސައްކަތް ކުރަނީ މުޅި ރާއްޖޭގެ ރައްޔިތުންނަށް ހަމަހަމަ އުސޫލުން ބޯފެނާ ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭން. ރާއްޖެއަކީ ޖަޒީރާ ރަށްތަކެއް. އަޅުގަނޑުމެން މި ވާހަކަދައްކަނީ އަލުން ރަށްވެހި ފަތިހަކަށް އަލިވިލޭ ވާހަކަ. ރާއްޖޭގެ ރައްޔިތުން ރަށްވެހީންނަށް ހަދަން، ރާއްޖޭގެ ރައްޔިތުންނަކީ ރަށްވެހީންކަން އެނގޭނެ އެއްވެސް ގޮތެއް ނެތް. ދިވެހިރާއްޖޭގެ ހުރިހާ ބިންތަކަކީ ބަންޑާރަ ބިންތަކެއް. އަމިއްލަ ބިމެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.

އޭނާގެ ވާހަކަތަކާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ އިބްރާހިމް ރަޝީދު ވާހަކަދައްކަވަނީ ބިލު ރަނގަޅަށް ވިދާޅުނުވެ ބިލުގައި އޮތް އެއްޗެއް ރައްޔިތުންނަށް އޮޅޭގޮތަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

މެމްބަރު ޝަހީމްގެ ވާހަކައާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ ހަގީގަތަށް ވާހަކަ ދެއްކުމާ އޮޅުވާލައިގެން ވާހަކަ ދެއްކުމަކީ އެ މެމްބަރެއްގެ އަމިއްލަ އިހްތިޔާރުގައި އޮންނަ ކަމެއް ކަމަށެވެ.

"އަމިއްލަ މެމްބަރުގެ އިހްތިޔާރުގައި އޮންނަ ކަމެއް އެއީ އޮޅުވާލައިގެން ދައްކާނީތޯ ނޫނީ ތެދަށް ދައްކާނީތޯ،" އީވާ ވިދާޅުވި އެވެ.

ބިލަށް ބަހުސްކުރައްވަމުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ވިދާޅުވީ ބިލުގެ މަގުސަދަކަށް ވާންޖެހޭނީ ރާއްޖޭގެ ސަރަހައްދީ ބާރުވެރިކަން އެ ސަރަހައްދުތަކަށް ދިނުން ކަމަށެވެ. މި ބިލުން ފެނިގެން ދަނީ އަނެއްކާވެސް މާލެއަށް ބާރުވެރިކަން ޖަމާކޮށް، މާލޭގައި ހުންނަ ފަރާތަކުން ރަށްރަށުގެ ކަރަންޓާއި ފެނާ އަދި ނަރުދަމާގެ އަގުތައް ކަނޑައަޅައި، އަތޮޅުތެރޭގެ ރައްޔިތުން މާލެއަށް ބަރޯސާވާންޖެހުން ކަމަށް ވެސް މުޣުނީ ވިދާޅުވި އެވެ.

"މިކަން މިގޮތަށް ނުކޮށް ސަރަހައްދީ ބާރުވެރިކަން އަޅުގަނޑުމެންނަށް ފުރިހަމަ ގޮތުގައި ލިބިގެންދާނެ ގޮތަކަށް މިފަދަ ބިލެއް ފަރުމާ ކުރެވިގެން އަންނަތައް ދެކެން އަޅުގަނޑު ބޭނުން. އެފަދަ އިސްލާހުތަކެއް ހުށަހެޅިގެން ދާނެ ކަމަށް އުންމީދުކުރަން،" މުޣުނީ ވިދާޅުވި އެވެ.

މުޣުނީގެ އިތުރުން ކަނޑިތީމު ދާއިިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމްވެސް ވަނީ ބޮންޑޭގެ ވާހަކަތަކަށް ތާއީދުކުރައްވައި އެ ބިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެމްބަރު ހަކީމްވެސް ފާހަގަކުރެއްވީ ރަށްރަށުގެ ކަންކަން ރެގިއުލޭޓްކުރުމުގެ ބާރު މާލޭގައި ހުންނަ މީހަކަށް ދިނުމެވެ.

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވީ އޮތޯރިޓީއެއް އުފެއްދުމުގެ ބޭނުމަކަށް ވާންޖެހޭނީ ހަމައެކަނި ހިދުމަތުގެ އަގު ކަނޑައެޅުން އެކަނި ނޫން ކަމަށާއި މެދުނުކެނޑި، ފުރިހަމަ ކަމާއެކު އެ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަން ކަށަވަރުކުރުމަކީ ވެސް މުހިންމު މަގުސަދަކަށް ވެސް ވާންޖެހޭނެ ކަމަށެވެ.

އެގޮތުން ރަށްރަށުގައި މި ހިދުމަތްތައް ފޯރުކޮށްދޭ އިރު އެކަމުގައި ކައުންސިލުގެ ދައުރެއް އޮންނަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވި އެވެ.

"މާލޭގައި ފިނިކޮޓަރީގައި އިންނަވާ ވަޒީރަށް ނޫނީ ބޯޑު މެމްބަރަކަށް ރަށްރަށުގައި ހިދުމަތް ދެނީ ރަނގަޅަށް ކަން އެނގޭނެ ގޮތެއް ނޯންނާނެ،" ޝިފާއު ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވީ ވަކި ބިލެއްގެ ގޮތުގައި ފާސްކުރުމަށް ވުރެ، ލާމަރުކަޒީ ގާނޫނުގެ ތެރެއަށް ބިލުގައި ހުރި މަހްފޫމްތައް އިތުރުކޮށްލުމުން ނިމުނީ ކަމަށެވެ. ނޫންނަމަ އަނެއްކާވެސް މިވެގެންދަނީ "ވޮޗަރަކު ބަލަން އިތުރު ވޮޗަރަކު ލުން" ކަމަށެވެ،

ރިޒާގެ ވާހަކަތަކާ ގުޅިގެން އަނެއްކާވެސް އަނދުން ހުސައިން ވަނީ ނިޒާމީ ނުކުތާއެއް ނަންގަވައިފަ އެވެ. އަންދުން ހުސައިން ވިދާޅުވީ އެ ބިލުގައި އޮތީ ވޮޗަރެއް ބަލަން ވޮޗަރެއް ލާން ނޫން ކަމަށާއި، ބިލު ރަނގަޅަށް ވިދާޅުވުމަށް ފަހު ވާހަކަ ދެއްކެވުމަށް މެމްބަރުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ --- ފޮޓޯ/ މަޖިލިސް

މެމްބަރުންގެ ވާހަކަތަކާ ގުޅިގެން އީވާ ވިދާޅުވީ މިއަދަކީ މެމްބަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ރަނގަޅު ނަސޭހަތްތަކެއް ދެއްވާ ދުވަހެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ.

"އަޅުގަނޑުވެސް ހަމަ ވަރަށް އެއްބަސް ސުރުހީގެ އިތުރުން ބިލް ވެސް ވިދާޅުވުން ވަރަށް މުހިންމު،" އީވާ ވިދާޅުވި އެވެ.

އަނދުން ހުސައިން ނިޒާމީ ނުކުތާ ނަންގަވައި ފާހަގަކުރެއްވި ކަންތައްތަކާ ގުޅިގެން މެމްބަރު ރިޒާ ވިދާޅުވީ އޭނާ ދައްކަވާނެ ވާހަކައެއް ޝަހީމަށް ނޭނގޭނެ ކަމަށެވެ.

"އަޅުގަނޑު ދައްކަންވީ ވާހަކައެއް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރަކަށް ނޭނގޭނެ. އަޅުގަނޑަކީ މިލަންދޫ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ފާޅުކުރަން މި މަޖިލީހަށް ފޮނުވާފައި ހުރި އެ ރައްޔިތުންގެ މެމްބަރެއް،" މެމްބަރު ވިދާޅުވި އެވެ.

ކަނޑިތީމު ދާއިރާގެ މެމްބަރު ނިޒާމީ މައްސަލައެއް ނަންގަވައި ވިދާޅުވީ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދެވެން ޖެހޭނެ ކަމަށެވެ. ޝަހީމްގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ރިޔާސަތުގައި އިންނެވި އީވާ ވަނީ މެމްބަރު ހުއްޓުވައިފަ އެވެ. އަދި ހުރިހާ މެމްބަރުންނަށް ވެސް އެބަ ހަމަހަމަ ފުރުސަތާއި ވަގުތު ލިބޭނެ ކަމާއި، އީވާއަށް ރިޔާސަތު ބެލެހެއްޓޭނެ ކަމަށް ވިދާޅުވި އެވެ.

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ޖަލްސާގައި އެމްޑީޕީ "ބްރަދާސް ފައިޓް ކުރާތީ" ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދު މެމްބަރުން ވާހަކަ ދައްކަމުން ދިޔަ ވަގުތުތަކުގައި އެހެން މެމްބަރުން ބާރަށް ވާހަކަދައްކައި، "ބަވާލާށޭ"، "ގޯސްކުރަން އުޅެންޏާ ގޯސް ކުރަން ހިނގާ" ފަދަ އިބާރާތްތައް ބޭނުންކުރަމުން ދިޔަ އަޑުވެސް ތަޅުމުން އިވިގެން ދިޔަ އެވެ.

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ބިލުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އާންމު ބޭނުންތަކުގެ ހިދުމަތްތަކަކީ ރާއްޖޭގައި ދިރިއުޅޭ އެންމެނަށް އެކަށީގެންވާ ހެޔޮ އަގެއްގައި، ހަރުދަނާ، އިތުބާރުހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދޭ ހިދުމަތްތަކަކަށް ހެދުމުގެ އިތުރުން، އެ ހިދުމަތްތަކަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދެވޭ އަދި ކާމިޔާބުކަމާއެކު ރަނގަޅު ފެންވަރުގައި ދެވޭ ހިދުމަތަކަށް ހެދުމެވެ.

އަދި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޭއިންސާފުން ކުރާ ކަންކަން ހުއްޓުވުމާއެކު، ވާދަވެރި ވެށްޓެއް ގާއިމުކޮށް ހިދުމަތްތައް ކުރިއަރުވަން މަގުފަހިކޮށްދީ ހިދުމަތް ފޯރުކޮށްދިނުމުގައި އަމަލުކުރާނެ އާންމު އުސޫލުތައް ކަނޑައެޅުމާއި ހިދުމަތްދޭ ފަރާތްތަކުން ގާނޫނުތަކާ އެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކުރުމެވެ.

comment ކޮމެންޓް