އައްޒަގެ ވެޑިން ޑްރެސް އަކީ އެންމެ ދުވަހެއްގެ މަސަައްކަތެއް: ރަޒީ

މަސްހޫރު ފެހުންތެރިޔާ ރަޒީ ސަންއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަހަރުގެ ބޮޑު ކައިވެނި ކަމުގައިވާ ފިލްމީ ތަރި މަރިޔަމް އައްޒައާއި އަބްދުﷲ މުއާޒްގެ ކަައިވެނި މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކުރިއިރު، ހުޅުމާލޭގެ އައުޓްޑޯގައި ބޭއްވިގެން ދިޔަ މި ހިތްގައިމު އަދި ފުރިހަމަ ހަފްލާގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައީ އައްޒަގެ ވެޑިން ޑްރެސް އަށެވެ.

އައްޒައަކީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑް ބޮޑު އަދި އެހާމެ ތަފާތު ރީތި ހެދުންތަކުގައި ރެޑް ކާޕެޓްތަކުގައި ވިދާލާ ފަންނާނެކެވެ. ހަމައެޔާއެކު، އޭނާގެ ފުރަތަމަ ކައިވެނީގެ ހެދުމުގެވެސް ބޮޑު ކަމާއި މަސައްކަތުގެ އުނދަގޫކަމާއި އެކު އަދި އެހާމެ ރީތިވުމާއެކު، މިފަހަރުގެ ކައިވެނީގެ ހެދުމަށްވެސް ބަލަބަލާ ތިބި މީހުން ވަރަށް ގިނައެވެ.

އައްޒައާއި މުއާގެ ކައިވެނީގެ ފޮޓޯއެއް--ފޮޓޯ:ފޭސްބުކް

ފެބްރުއަރީ 20 ގައި ބޭއްވުނު ކައިވެނީގެ ހަފްލާއަށް ފަހު މިވަގުތު ހައިޑްއަވޭ ރިޒޯޓުގައި ހަނީމޫންގައި ހުރި އައްޒަވަނީ މިފަހުން އޭނާގެ ކައިވެނީގެ ވެންޑާރސް ހިމެނޭ ހެން ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ.

ހުޅުމާލޭގެ ބްރެޑްމެޓާސް ގްރީންގައި ކައިވެނި ކުރެވުނު އިރު، ތަނުގެ ޑެކަރޭޝަން ހަދާދީފައިވަނީ ގޯބިގްމޯލްޑިވްސް އިންނެވެ. އަދި އައްޒަގެ މޭކަޕް އެންޑް ހެއާ ހަދާދީފައިވަނީ ނަދާ ސެލޫން އިންކަމުގައިވާއިރު، ވެޑިން ޑްރެސް އަކީ ކުރިންވެސް އޭނާގެ ވެޑިން ޑްރެސް ޑިޒައިންކޮށް ފަހާދިން ރަޒީނާ ތައުފީގް (ރަޒީ) އެވެ.

ސަން އަށް ދިން އިންޓަވިއުއެއްގައި ރަޒީ ބުނީ މިފަހަރު އައްޒަ ބޭނުންވީ ވަރަށް ސިމްޕަލް އޭލައިން ހެދުމެކެވެ.

"އައްޒަ ބޭނުންވި ގޮތަކަށް އެ ހެދުން ޑިޒައިންކުރީ، އައްޒަބުނި ބައްޕަ ބޭނުމެއް ނުވެއޭ ފަހަތް އެހާ ބޮޑުކޮށް ހުންނަ ހެދުމެއް. އެހެންވެ މަތީ ބައި ބާރުކޮށް ގަޔަށް ރީތިކޮށް ހުރެފައި ތިރި އޭލައިން ހެދުމެއް ވިސްނީ" ރަޒީ ކިޔާދިނެވެ.

ރަޒީ ބުނީ އައްޒަ ޗޫޒް ކުރީ ޑިޒައިންއަކީ މީގެކުރިން އޭނާ ފަހާފައިވާ ޕާޓީ ޑްރެސް އެއްގެ ފަރުމާއެކެވެ. އެ ހެދުން އަސްލަކަށް ބަލައިިގެން ވައިޓް ލޭސްއެއް ބޭނުންކުރަން އައްޒަ ބޭނުންވުމުން، އެންމެ އެކަށޭނަ ލޭސްއެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.

މަސްހޫރު ފެހުންތެރިޔާ ރަޒީ ސަންއަށް މައުލޫމާތު ދެނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެދުމުގައި ބޭނުންކޮށްފައިވަނީ ބްރައިޑަލް ސެޓިން އާއި، ވަރަށް ވިދާ ބްރައިޑަލް ލޭސްއެކެވެ. އަދި ހެދުމުގައި ދިގު އަތުގައި ބޭނުންކޮށްފައިވަނީ ނެޓް ލޭސް އެކެވެ. ދެން ބޭނުންކޮށްފައިވަނީ ވަރަށް ވިދާ ރޭދާއެކެވެ.

މުޅި ހެދުމަށް ހޭދަވީ ކިހާ ވަގުތެއްތޯ ސުވާލުކޮށްުމުން ރަޒީ ބުނީ، ހެދުން ފެހުމަށް ހޭދަވީ އެންމެ ދުވަހެއް ކަމަށެވެ. އެހެންނަމަވެސް ޑިޒައިން ފައިނަލް ކުރުމަށް 2 ހަފްތާ ނެގިއިރު، ރަޒީއާއި ހެދުން ހަވާލްކުރިތާ 3 ދުވަސްތެރޭ ހުރިހާ ކަމެއް ވަނީ ނިންމާލާފައެވެ.

ކައިވެނީގެ ހަފްލާއާޢި، އައްޒަގެ ހެދުމާއި ކިތަންމެހާވެސް ގުޅިފައި ރީއްޗެވެ. ރަޒީ ބުނާގޮތުން އައްޒަގެ ވެޑިންޑްރެސްއަކީ ހަމަ އައްޒަކަހަލަ ލޯބި ހެދުމެކެވެ.

" ވަރަށް ގިނަ މީހުން ހެދުން ރީތިވެގެން ކޮމެންޓް ކުރި. ގިނަ މީހުން ބުނި ހީކޮށްގެން ތިބީ ވަރަށް ގޮތްބޮޑު ހެދުމަކަށް ކަމަށް އެކަމަކު ސިމްޕަލްވެފައި ވަރަށް ރީތިކަމަށް. އެ ހެދުމަކީ ހަމަ އައްޒަކަހަލަ ލޯބި ހެދުމެއް"

ހަމައެޔާއެކު ރަޒީ ބުނާގޮތުން އޭނާއަށްވެސް މިހެދުން އެތަށް ގޮތަކުން ހާޢްސަ އެވެ. އައްޒަގެ ވެޑިން ޑްރެސްއަށްވުމާއެކު، މި ހެދުމުގައި ރަޒީވަނީ މީގެކުރިން އޭނާ ބޭނުންކޮށްފައިނުވާ ބައެއް ޓެކްނިކްސް ތަކެއްވެސް ބޭނުންކޮށްފައެވެ. މިގޮތުން ހެދުމުގެ ކަރު ބޭނުންވި ވަރަށް ހުރެފައި، އެހާމެ ބޮޑަށް ރީިތިކޮށް ހިފެހެއްޓުމަަށްޓަކައި ރަޒީ ސަމާލުކަންދީފައި ވެއެވެ. އަދި ހެދުން ހިފެހެއްޓުމަށްޓަކައި ހަމައެކަނި ސީކްރެޓް ޒިބެއް ހަރުކުރުމުގެ އިތުރަށް، އެތެރެއަށް ވަނީ ބުޅިގަނޑުވެސް ލެވިފައެވެ.

އައްޒަގެ ހެދުމުގެ އަގަކީ ވިހިހާސް ރުފިޔާއެވެ. ނަމަވެސް އައްޒައަކީ ރަޒީ ކަލެކްޝަންގެ ބްރޭންޑް އެމްބެސެޑަރަށްްވުމުން މިފަހަރުގެ ވެޑިން ޑްރެސްއަކީވެސް އަގަކާއި ނުލާ ރަޒީ ކޮށްފައިވާ މަސައްކަތެކެވެ.

comment ކޮމެންޓް