"ހިޔާ" ފްލެޓުތައް ދޭނީ ކުރީ ސަރުކާރުން ވައުދުވި ގޮތަށް: ރައީސް

ހިޔާ މަޝްރޫއުގެ ދަށުން އަޅަމުންދާ 25 ބުރީގެ ފްލެޓެއް--- ފޮޓޯ: ޗައިނާ ސަފީރު/ ޒޭންގް ލިޒްހޮންގް

ހިޔާ މަޝްރޫއު އާއި ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދޫކުރާނީ އޭރުގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ނިމިގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި އަޅަން ފެށި 7000 ފްލެޓްގެ އަމަލީ މަސައްކަތް ނުނިމެނީސް ވަނީ އެ ފްލެޓްތައް ލިބޭނެ މީހުންގެ ލިސްޓެއް ރައީސް ޔާމީން ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އާންމު ކޮށްފަ އެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމުގެ ކުރިން އަވަސް އަރުވާލައިގެން ހިންގި "ޖަރީމާ"އެއް ކަމަށް ތުހުމަތުކޮށް ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.

އޭގެ އިތުރުން މާލޭ ސިޓީ ކައުންސިލުން ވަނީ ފްލެޓް ދީފައި ވަނީ އޭގެ ހައްގުވެރިންނަށްތޯ ބަލައި، ފްލެޓް ދިން ގޮތާމެދު ޖިނާއީ ތަހުގީގެއް ހިންގުމަށް ފާސްކޮށްފަ އެވެ.

ސިޓީ ކައުންސިލްގެ ނިންމުމާ ގުޅިގެން ހިޔާ މަޝްރޫގެ ދަށުން ދީފައިވާ ފްލެޓްތައް މި ސަރުކާރުން އަތުލައިފި ނަމަ، ޕީޕީއެމްގެ ސަރުކާރެއްގައި އަނބުރާ ފްލެޓް ދިނުމަށް ޕީޕީއެމް-ޕީއެންސީ ކައުންސިލުން ވަނީ ފާސްކޮށްފަ އެވެ.

ހަމައެއާ އެކު ހިޔާ ފްލެޓްތައް ލިބުނުކަމަށް ކުރީ ސަރުކާރުން ލިޔުން ހަވާލުކުރި ފަރާތްތަކުން ވެސް އަންނަނީ އެމީހުންގެ އަތުން ފްލެޓް އަތުލުމުގެ ބިރު އޮތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ޓަކައި ސަރުކާރުން ކޮށްދޭންޖެހިފައި ހުރި ބައިވަރު މަސައްކަތްތައް އެބަހުރި ކަމަށާއި އޭގެތެރެއިން އެންމެ މުހިއްމު ކަމަކީ، ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

ފެބްރުއަރީ 17، 2020: މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ވެސްޓް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި ކުރީގެ ސަރުކާރުން ވައުދުވެފައިވާ ގޮތަށް، އެ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެއްވާނެ ކަމަށް ވެސް ރައީސް މިއަދު ވިދާޅުވި އެވެ.

"ކުރީގެ ސަރުކާރުތަކުން ވައުދުވެފައިވާ ގޮތަށް، ހިޔާ މަޝްރޫއަށް ކުރިމަތިލާފައި ތިބި ފަރާތްތަކާއި، ވެށިފަހި ޕްރޮގްރާމްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށް އޭރުގެ ސަރުކާރުން ވައުދުވެ، އެއްބަސްވެފައިވާ ގޮތަށް، އެކަންތައްތައް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ލަހެއްނުވެ ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ ހިޔާ މަޝްރޫއުގެ 7000 ފްލެޓް މިއަހަރު ތެރޭގައި އޭގެ ހައްގުވެރިންނާ ހަވާލު ކުރައްވާނެ ކަމަށެވެ.

ވެށިފަހި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ބޯހިޔާވަހިކަމެއް ހަމަނުޖެހި ތިބި ހުރިހާ އެންމެނަށް ވެސް، އެމީހުންނާ ސަރުކާރާ ދެމެދު އެއްބަސްވެފައި އޮތް ގޮތަށް، މިއަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

ޖުމްލަ 13 ކެޓަގަރީއަކުން ފްލެޓް ދޭ ގޮތަށް އިއުލާން ކުރި "ހިޔާ" މަޝްރޫއިން ފްލެޓް ހޯދަން 25،000 އެއްހާ ފޯމު ހުށަހަޅާފައިވާ އިރު ފްލެޓް ކޮމިޓީއިން ގެންދަނީ އެ ފޯމުތައް ވަކިވަކިން ބަލައި އޭގައި ހުރި މައުލޫމާތުތަކުގެ ސައްހަކަން ޔަގީންކުރަމުންނެވެ.

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން ޝަރުތުހަމަވޭތޯ މިހާތަނަށް ބަލައި ސްކްރީން ކުރެވިފައި ވަނީ 18،081 ފޯމެކެވެ. އަދި ގޭގެއަށް ގޮސް، ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓު ދީފައިވާ ގޮތް ވެރިފައިކޮށް، އެނަލިސިސް ހަދާ މުޅިން ކޮމިޓީއަށް ނިންމާލެވިފައި ވަނީ އޭގެ ތެރެއިން އަދި 2،926 ފޯމެކެވެ.

އަދި ސްކްރީނިން މަރުހަލާ ނިމުމަށް ފަހުވެސް ދިރިއުޅުމުގެ ހާލަތު ނުބެލޭތީ 2،230 ފޯމެއްގެ މަސައްކަތް ނިންމާލެވިފައެއް ނުވެ އެވެ.

ކޮމިޓީއިން ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ހައުސިން މިނިސްޓްރީގެ ހުރި ހިޔާ ޕްރޮގްރާމްގެ ފޯމުތައް އެކި ތަންތަނުން ހޯދައިގެން ގެނެސް އެކަށައެޅުން ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ގިނަ ފޯމުތައް ކޮމިޓީއަށް ގެނެސް ބެލިއިރު، ބައެއް ފަރާތްތަކަށް މާކްސް ދީފައި ވަނީ އުސޫލުތަކާ ހިލާފަށްކަން ފާހަގަވެފައިވާ ކަމަށް ވެސް ކޮމިޓީއިން ބުންޏެވެ. އަދި ބައެއް ފޯމުތަކުގައި ވަރަށް ގިނަ ލިޔެކިޔުންތައް ހަމަނުވާ ކަމަށް ވެސް ކޮމިޓީއިން ފާހަގަކުރި އެވެ.

އެ ކޮމިޓީއިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ، ފޯމާ އެކު ހުންނަން ޖެހޭ ގިނަ ލިޔުންތަކެއް މަދު ނަމަވެސް، އެކަންވެފައި ވަނީ އިދާރީ މައްސަލައަކުން ކަމަށްވެދާނެތީ އެފޯމުތައް ބާތިލު ނުކޮށް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އެހެން ވެސް އިދާރާތަކުން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.

ފޯމުގައި ހުންނަ ހުރިހާ މައުލޫމާތުތަކެއް ފުރިހަމަ ވުމަށް ފަހު، ކޮމިޓީއިން ގެންދަނީ ކޮންމެ ފޯމެއް ވެސް ވަކިން ބަލައި ކުރީ ސަރުކާރުގައި ޕޮއިންޓް ދޭން އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ފޯމްތަކަށް އަލުން ޕޮއިންޓްދީ ސިސްޓަމަށް އެންޓާ ކުރަމުން ކަމަށެވެ.

ފްލެޓް ކޮމިޓީއިން ބުނީ، ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިނުމުގައި ކުރީ ސަރުކާރުން ގެންގުޅެފައި އޮތް މިންގަނޑު ސާފުނުވާ ކަމަށެވެ. އެހެން ކަމުން ދިރިއުޅުމުގެ ހާލަތު ބެލުމުގައި މާކްސް ދޭނެ އުސޫލެއް ސަރުކާރުން މިހާރު ކަނޑައަޅާފައި ވާތީ، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް މާކްސް ދޭނީ އެ ސޫލުން ކަމަށް ވެސް ކޮމިޓީއިން ބުންޏެވެ.

ނޫސްބަޔާނުގައި ބުނީ، އެ ހުރިހާ މަރުހަލާތަކެއް ނިމުމުން ޕޮއިންޓް ލިބުނު އުސޫލާ އެކު ހިޔާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓެއް ކޮމިޓީއިން އާންމު ކުރާނެ ކަމަށެވެ. އަދި އެ ލިސްޓްގައި މާކްސް ލިބުނު ވަރާއި އެ މާކްސް ލިބުނު ގޮތް ސާފުކޮށް ފެންނަން ހުންނާނެ ކަމަށް ވެސް ބުންޏެވެ. އަދި އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އާންމުންނަށް ފުރުސަތު އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، އެ މަސައްކަތް ނިމޭނެ ދުވަހެއް ކޮމިޓީއިން ނުބުނެ އެވެ.

comment ކޮމެންޓް