ރޯދަ މަހަށް ވަގުތީ މާރުކޭޓެއް ހުޅުވަނީ

ސަން ފައިލް ފޮޓޯ ---

ކުރިއަށް އޮތް ރޯދަމަހަށް، މާލޭގެ ރައްޔިތުންނަށާއި މާލެ އަންނަ އަތޮޅުތެރޭގެ ދަތުރުވެރިންނަށް އެއްޗެހި ވިއްކޭނެ ގޮތަށް ވަގުތީ މާރުކޭޓެއް ހުޅުވާނެކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފިއެވެ.

ދަތުރުވެރިންގެ މާރުކޭޓު މަރާމާތަށް ބަންދުކުރީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގައެވެ. ނަމަވެސް އެތަން އަލުން ހުޅުވޭނެ ތާރީހެއް ސިޓީ ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

މާރުކޭޓު ބަންދުކުރުމާ ގުޅިގެން ވިޔަފާރިވެރިން އެއްޗެހި ވިއްކަމުން އަންނަނީ މަގުމަތީގައެވެ. އަދި ގިނަ އަދަދެއްގެ ވިޔަފާރިވެރިން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން މަޝްރޫއު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދަތުރުވެރިންގެ މާރުކޭޓުގެ މައްސަލައަކީ ހައްލުނުވެ އޮތް މައްސަލައެއް ކަމަށެވެ.

ނަމަވެސް މިހާރު އެކަމަށް ހައްލެއް ހޯދި، މާރުކޭޓުގައި 178 ގޮޅި ހަމަޖައްސައި، ލިސްޓު ފައިނަލް ކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަދި އޭގެއިތުރުން، ކުރިއަށް އޮތް ރޯދަމަހަށް ވަގުތީގޮތުން މާރުކޭޓެއް ތައްޔާރުކޮށް، މާލޭގެ ރައްޔިތުންނަށާއި އަދި މާލެއަށް އަންނަ، އަތޮޅުތަކުން އަންނަ ދަތުރުވެރިންނަށް، ގެންނަ ތަކެތި ވިއްކޭނެ އިންތިޒާމު، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ހަމަޖައްސާނަން،" ރައީސް ވިދާޅުވިއެވެ.

މާރުކޭޓު ބަންދުކުރި އިރު އެތަނުގައި ހުރީ 174 ގޮޅިއެވެ. އެ ގޮޅިތައް ބޮޑުކޮށް، ގޮޅިތަކުގެ އަދަދު 117 އަށް މަދުކުރަން ކައުންސިލުން ވަނީ މިދިޔަ އޮކްޓޯބަރު މަހު އުސޫލެއް ފާސްކޮށްފައެވެ.

އެކަމާ ގުޅިގެން ކައުންސިލް އެހެން މެމްބަރުންނާއި ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދާ މެދު ދެބަސްވުމެއްވެސް ހިނގިއެވެ.

comment ކޮމެންޓް