މަ ލޯތްބެއް ދެން ނުވާނަމޭ... 22 ވަނަ ބައި

16 ފެބުރުއަރީ 2020އާ ގުޅޭ -- "ކޮންތާކަށް ގެންގޮސް ދޭންވީ؟" ޒަލަފް އެދުނެވެ. ރަޔާ އޭނާގެ ގެ ހުންނަ ހިސާބު ޒަލަފްއަށް ކިޔައިދިނެވެ. އެ ހިސާބަށް ރަޔާމެން ބާލުވާފައި ޒަލަފް ވެސް ނައްޓާލީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އޭނާގެ ބޯ ހަމަޖެހި ސިކުނޑިވެސް ތާޒާވެއްޖެއެވެ. ކުޑަ ހިނދުކޮޅަކަށްވެސް އޭނާއަށް އުނދަގޫކުރާ މީހުންނާއި އުދާސްކަން މަތިން ހަނދާން ނެތިއްޖެއެވެ. ރަޔާ އާ ބެހޭގޮތުން އިތުރަށް ކަންތައްތައް އެނގުމުގެ ޝައުގުވެރިކަން ޒަލަފްގެ ހިތުގައި އުފެދުނު ނަމަވެސް މާޔޫސްވީ ދެން ރަޔާ އާ ދިމާވާނެކަން ނޭނގޭތީއެވެ.

*****

އިޔާން ގެއަށް އައީ ރޭގަނޑު ބާރަޖަހަން އުޅެނިކޮށެވެ. އައިރީން އެނދުގައި ނިދާފައި އޮތް ތަން ފެނި އޭނާއަށް އެ ދިމާލަށް ދެވުނެވެ. އިރުކޮޅަކު އެ މޫނަށް ބަލަން ހުރެލާފައި އޭނާ އެނދުގެ އަނެއް ފަރާތަށް ގޮސް އިށީނދެލިއެވެ. ސޯފާއަށް ބަލާލާފައިވެސް ދެފަރާތަށް ބޯ ހޫރާލާފައި އެނދުގައި އޮށޯވެއްޖެއެވެ. އެހެން އޮތް އިރު އިރު އިރު ކޮޅަކާ އޭނާއަށް އައިރީންއަށް ބަލާލެވެއެވެ. އަދިވެސް ސިކުނޑީގައި ވަނީ ބުނެދޭން ނޭގޭފަދަ ހުސްކަމެކެވެ. އިޔާންއަށް ނިދުނީވެސް އެހެން އޮއްވައެވެ.

ފަތިސް ނަމާދު ވަގުތަށް ތެދުވެ އެނދުގައި އިށީން އައިރީންގެ ނަޒަރު އެނދުގައި ނިދާފައި އޮތް އިޔާންއަށް ހުއްޓުމާއެކު އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. މޭގައި އަތް އަޅާލެވުނެވެ. އިޔާންކަން އެނގުމުން ހިތަށް ހަމަޖެހުން ލިބުމުގެ ބަދަލުގައި ނޭނގޭ އުދާސްކަމެއް ވެރިވެއްޖެއެވެ. މޭގައި އަތް އަޅާލަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. އެމޫނަށް ބަލަން ހުރި އިރު އެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައިރު މޫނުމަތީގައި އެއްވެސް ކަހަލަ ދިރުމެއްނެތް ކަން އައިރީންއަށް ދެނެގަނެވުނެވެ. ނިދާފައި އޮތްއިރު އެ މޫނުމަތީގައިވި މައުސޫމްކަން އައިރީންގެ ހިތް ފަތަހަ ކުރާކަށް ގިނަ އިރެއްނުނެގިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އޭނާއަށް އިޔާންގެ އަނިޔާތައް މަތިން ހަނދާންނައްތާލެވުނެވެ. އެ ހިތް އޭނާގެ ބާރުގެ ދަށުން މިނިވަންވިފަދައެވެ. މަޑުމަޑުން އޭނާއަތް ދަމާލާފައި ގެންގޮސް އިޔާންގެ އިސްތަށިގަނޑާ ގާތް ކޮށްލިއެވެ. އެވަގުތަކީ އިޔާން ލޯ ހުޅުވާލި ވަގުތެވެ. އޭނާއާއި ދިމާލަށް ގުދުވެ އޮތް އައިރީން ފެނުމާއެކު ސިއްސައިގެން ގޮސް ތެޅިގަނެވުނު ގޮތުން އެނދުގެ އެއްފަރާތަށް އިޔާން ވެއްޓުނެވެ. އުނަގަނޑު ޖެހި ތަދެއް އަރާފައި ހިނދުކޮޅަކު ގުޑާ ނުލެވިފައި އިޔާން އިނެވެ. އައިރީންއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މީހާ ގަނޑު ވިއެވެ. އިޔާން ހިތަށް އަރާނީ ކީކޭކަން ނޭނގޭ ހާލު އައިރީންއަށް ބޮޑުވާ އިނގިލީގެ ނިޔަފަތި ގަނޑުގައި ދައި ގަނެވުނެވެ. އެނދުގައި އަތް އަޅުވާލަމުން އިޔާން ތެދުވެވޭތޯ މަސައްކަތް ކުރިއެވެ. އައިރީންގެ މޫނުމައްޗަށް ބަލާލުމާއެކު ފެނުނު ކުލަވަރު ތަކުން އޭނާއަށް އެހާލުގައި އިނދެވެވެސް ހީ ގަނެވިއްޖެއެވެ. އެއާއެކު އައިރީންއަށް އަނެއްކާ ލިބުނީ އަނެއް ސިހުމެވެ. އިޔާން މޮޔަވީހެއްޔެވެ؟

ނިކަން އުނދަގުލުން އިޔާން ތެދުވެ އެނދުގައި އިށީނެވެ. އުނަގަނޑުގައި އަތް އަޅާލައިގެން އިން ގޮތުން އޭނާއަށް ވަރަށް ތަދުވެއްޖެކަމުގައި ދެނެގަންނަން އުނދަގުލެއް ނުވެއެވެ. އިޔާން އައިރީންއަށް ބަލާލަމުން ހުނުން މަތަކޮށްލިއެވެ. އައިރީން އެހެން އޮތުމުން އޭގެ މާނަ ނަގާނީ ކިހިނެތްކަން ނޭނގޭ ހާލު އޭނާ އިސްޖަހާލިއެވެ. އިތުރަށް ހެވިދާނެތީއެވެ. އައިރީންގެ މޫނުމަތިން އަދިވެސް ފެންނަނީ މަޖާ ކުލަވަރުތަކެކެވެ.

"ސޮރީ" އައިރީން ބުނެލިއެވެ.

"ކޮންކަމަކަށް؟" އިޔާން އަހާލިއެވެ.

"އަހަރެން..." އައިރީންއަށް ބުނަންވީ އެއްޗެއް ނޭނގުނެވެ. އޭނާ އިޔާންއަށް ބަލަން ހުރެފައި ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލިއެވެ.

"އަހަރެން އޯކޭ އޭ..." އިޔާން ބުނެލިއެވެ.

އޭނާ އެނދުގައި އިށީނދެލާ ހަށިގަނޑު ތެދުކޮށްލިއެވެ. އިރުކޮޅަކުން އިޔާންގެ ތަދުވެސް މަޑުވެއްޖެއެވެ. އެހެންނަމަވެސް ކޮންމެވެސް ވަރަކަށް ތަދު ހުއްޓެވެ. އައިރީން ވުޟޫ ކުރަން ފާހާނާއަށް ވަނުމުން އިޔާންވެސް ތެދުވިއެވެ. އޭނާ ވެސް ފަތިސްނަމާދަށް ދާން އަވަސްވެގަތެވެ. އައިރީން ނުކުތުމުން ފާހާނާއަށް ވަދެ އޭނާ ތައްޔާރުވެގެން ނުކުތީ ފަތިސް ނަމާދަށް ދިޔުމަށެވެ. ސިޑިން ފައިބަމުން ދިޔައިރުވެސް އިޔާން ދިޔައީ އުނަގަނޑުގައި އަތް އަޅާލައިގެންނެވެ.

"އޭތް... ޒުވާން އުމުރުގައި މުސްކުޅިވީތަ ބްރޯ؟" ޒަލަފް ކުއްލިއަކަށް ގޮވާލިއެވެ. އިޔާން ފަހަތް ބަލާލިއިރު ޒަލަފް ހުރީ ނުލަފާ ވައްތަރަކަށް ހީގަނެގެންނެވެ. ފަރިތަކަމާއެކު ޒަލަފް ސިޑިން ތިރިއަށް ފައިބާ އިޔާންގެ ކޮނޑުގައި އަތް ޖައްސާލިއެވެ.

"މީ ފަހަރީގެ ހެޔޮ ފުޅުކަން..." އިޔާން ބުނެލިއެވެ. އެއަށްފަހު އޭނާ ދުރުބަލާލިއެވެ. އެހެން ބުނެލި އިރު އެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ އަސަރެއް ހުރިކަން ޒަލަފް އަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ހިތުގައި އިތުރަށް އިޔާންއާއި ދިމާކޮށްލުމުގެ ޝައުގުވެރިކަން އުފެދުނެވެ.

"އޭތް... ކީކޭ؟ ދޮންބެ ދައްތަ ކީ ކުރީ... ދޮންބެ ދައްތައާ ދިމާލަށް މާ ފަޑު ފާޑު އެއްޗެހި ނުކިޔާތި އިނގޭ" ޒަލަފް ބުނެލިއެވެ.

"ޝީޒް މައި ވައިފް" އިޔާން ބުނެލިއެވެ.

"ހާދަ މައި ވައިފް ވެގެންނޭ ތިއުޅެނީ... އަނެއްކާ މިހާރު ދޮންބެ ދައްތައޭ ބުނާއިރަށް އެބަ ދެކޯތާފަތް ރަތްވޭ" ޒަލަފް ހީގަތެވެ. އިޔާން ޒަލަފްގެ ކޮނޑުގައި ޖަހާލިއެވެ. އެއާއެކު ޒަލަފް އިޔާންގެ ބޯ ހާވާލިއެވެ. ޒަލަފް ރުޅިއައިސް އިޔާންގެ ފަހަތުން ދުއްވައިގަތެވެ. ގޭތެރޭގައި ދެމީހުން ދުވަނިކޮށް އާމިރު މިސްކިތަށް ދާން ނުކުތެވެ. އޭނާގެ ނަޒަރު އެ ދެމީހުންނަށް ހުއްޓުމާއެކު ހިނިތުންވެވުނެވެ.

"ޒަލަފް... އިޔާން... ނަމާދު ކުރަނީތަ ތި؟" ކުއްލިއަކަށް އިވުނު އާމިރުގެ އަޑާއެކު ދެމީހުން ހުއްޓުން އެރިއެވެ. ޒަލަފް ލޯ އަޅާލީ އިޔާންއަށެވެ. އިޔާންވެސް ޒަލަފްއާ ދިމާލަށް ލޯ އަޅާލިއެވެ.

"ދޮންބެ ފުރަތަމަ ސަކަރާތް ޖަހަން ފެށީ" ޒަލަފް ބުނެލިއެވެ. އާމިރުގެ މޫނުމަތިން ފެނުނު ސީރިއަސްކަން ކެނޑި އޭނާގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރި ވެގެން ހިނގައްޖެއެވެ.

"ހިނގާ ދަމާ" އިޔާންއާއި ޒަލަފްއަށް އިޝާރާތް ކޮށްލަމުން އާމިރު ބޭރު ދޮރާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން ކަހަލަ ގޮތަކަށް ހިނގައިގަތް އިޔާން ޒަލަފްގެ ކަންފަތުގައި ހިފާލީ އޭނާ އައިރީންއަށް ނިސްބަތް ކޮށް ކޮންމެވެސް ލާނެއް އެއްޗެއް ބުނެލުމުންނެވެ. ފަހަތް ބަލާލި އާމިރުއަށް އެތަން ފެނުމާއެކު އިޔާންދޫކޮށްލިއެވެ. އެއާއެކު ޒަލަފް ދޫ ނެރިލިއެވެ. އަނެއްކާވެސް ޒަލަފް ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ. އިޔާން ޒަލަފްގެ ކޮނޑުގައި ބޮޑިއެއް އެޅިއެވެ. އޭނާ ޒަލަފްގެ ކިބައިން ބަދަލުހިފާނެއެވެ.

ނަމާދުކޮށްގެން އައިސް އިޔާން މަޑުނުކޮށް ކޮޓަރިއަށް ދިޔައީ އަދިވެސް އުނަގަނޑުގައި ރިއްސާތީއެވެ. އެނދުގައި ޖައްސާލިއިރު އައިރީން ކޮޓަރިތެރެ ސާފުކޮށްލަނީއެވެ. އިޔާންއަށް ބަލާލާފައި ކޮފީއެއް ގެންނަންވީތޯ ސުވާލުކުރުމުން އިޔާން ބޯ ޖަހާލިއެވެ. އެއާއެކު އައިރީން ހިނިތުންވެލިއެވެ. ދެން އޭނާ އަވަސްވެގަތީ ތިރިއަށް ގޮސް ކޮފީއެއް ތައްޔާރުކުރުމަށެވެ.

*** 1 މަސް ފަސް ***

އިޔާން އޮފީސް ނިންމާލާފައި ގެއަށް ދާން ނުކުތް އިރު ހިމަފޮދު ވާރޭވެހެމުން ދިޔައެވެ. އުޑުމަތި އޮތީ ބަނަކޮށެވެ. ޖެހެނީ ތެތްފިނި ވައިރޯޅިތަކެކެވެ. އެއްލި ކަޅިއަކުން އެއްފަރާތުގައި އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި މީހާ އަޅައިގަތެވެ. ކަޅިޖަހާނުލާ އޭނާއަށް ބަލަން ހުރުމުން ކޮންމެވެސް ކަހަލަ ސުވާލުތަކެއް ހިތުގައި އުފެދުނެވެ. ކޮންމެވެސް ތާކުން ފެނުނު މީހަކާ ވައްތަރުގޮތެއް ހުއްޓެވެ. އެހެންނަމަވެސް އެއީ ކޮންތާކުން ފެނުނު މީހެއްކަން އޭނާގެ ސިކުނޑިއަށް އެވަގުތު ނައުމާއެކު މާ ބޮޑަށް ވިސްނަން ނަހަދާ އޭނާ ޕާރކްކޮށްފައި އޮތް ކާރާ ދިމާލަށް ހިނގައިގަތެވެ.

"އެކްސް ކިއުސް މީ" އެމީހަކު ގޮވާލުމާއެކު އިޔާން ހުއްޓި ފަހަތް ބަލާލިއެވެ. އެއަށްފަހު ބުމަ އަރުވާލަމުން ކިހިނެތްވީތޯ އަހާލިއެވެ. އިޔާން ހީކުރީ ވާރޭ ވެހޭތީ ކޮންމެވެސް އެހީތެރިކަމެއް ބޭނުންވީ ކަމަށެވެ.

"ވާހަކައެއް ދައްކާލެވިދާނެތަ؟" އެމީހަކު އަހާލިއެވެ. އެއާއެކު އިޔާން އެއްފަރާތަކަށް ޖެހިލިއެވެ.

"އާނ..." "އެކަނި ވާހަކަ ދައްކާލެވިދާނެތަ؟" އެމީހާ ވަށައިގެން ތިބި މީހުންނަށް ބަލާލަމުން ސީރިއަސްކަމާއެކު އަހާލިއެވެ. ނުވެސް ދަންނަ މީހަކު އެހެން އެހުމުން އިޔާން އަށް ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް ވެރިވިއެވެ. އެހެންނަމަވެސް އެމީހާގެ މޫނުމަތިން އޭނާއަށް އެވަގުތު ފެނުނީ މައުސޫމްކަމެވެ. އެހެންކަމުން، އާއެކޭ ބުނެލުމަށްފަހު އޭނާ އެމީހާ ގޮވައިގެން ކާރު ޕާކުކޮށްފައި އޮތް ދިމާލަށް ހިނގައިގަތެވެ.

"ކިހިނެތްހަދާދޭންވީ؟" ކާރާ ހިސާބަށް ގޮސް އިޔާން އަހާލިއެވެ. "ފަސް ލައްކަ" އެމީހާ އަތުގެ ފަސް އިނގިލި ދައްކާލަމުން ބުނެލުމާއެކު އިޔާންއަށް ދެބުމަ ގާތް ކޮށްލެވުނެވެ.

"އޭތް" އެ ދައްކާ ވާހަކަ އޭނާއަށް ފަހުމް ވާގޮތެއް ނުވިއެވެ. "ފަސްލައްކަ" އެމީހާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެއެވެ. މިހާރު އެމޫނުމަތިން ފެންނަނީ ނުލަފާ ހިނިތުންވުމެކެވެ.

"ކީކުރާ ފަސްލައްކައެއް؟" އިޔާން ސުވާލުކޮށްލިއެވެ. އިޔާން ކާރަށް އަރަން ދޮރު ހުޅުވާލީ އެ މީހާ ދެކެ ފޫހިވީ ވަރުންނެވެ. ސިކުނޑި ހަމަ ނުޖެހޭ މީހެއް ކަންނޭގެއެވެ.

"އައިރީންގެ ހުރިހާ ހަޤީގަތެއް އަހަރެންނަށް އެނގޭ... އަދި އެ ހަޤީގަތް އައިރީންއަށް ފޮރުވާފައިވާކަން ވެސް އެނގޭ... ސިއްރު ސިއްރެއްގެ ގޮތުގައި ބާއްވަން ބޭނުންވެއްޖެނަމަ އަހަރެން މި ބުނާ އަދަދަށް ފައިސާ ދީ" އެމީހާ ބުނެލިއެވެ.

"ކާކު؟ ކޮން ހަޤީގަތެއް؟ އަހަރެންނަށް އެއްވެސް ހަޤީގަތެއް ނޭނގޭ" އިޔާން ބުނެލިއެވެ. ފަހަތަށް އެނބުރިލުމާއެކު އޭނާ ޖަހާލީ ނުލަފާ ހިނިތުންވުމެކެވެ.

"ނޭނގޭތަ؟ އެހެން ވިއްޔާ އަހަރެން ކިޔައިދީފާނަން..." އެމީހާ ހީގަތެވެ.

"ދޭން ބޭނުން ނުވަންޏާ އޯކޭ... ހުރިހާ ހަޤީގަތެއް އައިރީންގެ ކުރިމައްޗަށް އަހަރެން ގެންނާނަން... ވިސްނާލަން ފުރުސަތެއް ދީފާނަން... ބަރާބަރު ތިން ދުވަސް... ތިން ދުވަސް ފަހުން އަހަރެން އަންނާނަން... ޖަވާބެއް ތައްޔާރުކޮށްލާފަ ބަހައްޓާތި... އަދި އަހަރެން ކަލެއާ ބައްދަލުކުރި ވާހަކަ އިތުރު މީހަކު ކައިރީ ބުނެފިނަމަ އެ ހަޤީގަތް އައިރީން އާ ހަމަޔަށް ފޯރަން އެއްވެސް ހުރަހެއް ނޯންނާނެ" އެމީހާ ހިނގައިގަތެވެ. ލޯ މަތިން ގެއްލެން ދެން ހުރުމަށްފަހު އިޔާން އަތުން ކާރުގެ ދޮރުފަތުގައި ޖަހާލިއެވެ. ކަމަކަށްފަހު ކަމެއް އެބަ ލައިގަނެއެވެ. ހިންހަމަޖެހުމެއް ދުވަހަކުވެސް ލިބެނީއެއްނޫނެވެ.

އޭނާ ކާރަށް އަރާ ކާރުގެ ހުންގާނުގައި އަތުން ޖަހާލިއެވެ. ސިކުނޑި ބޮޑު ހައިޖާނުގަނޑެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. އެއީ ކާކުހެއްޔެވެ؟ ކޮންމެވެސް ތަނަކުން ފެނުނު މީހެއް ވައްތަރު ޖަހައެވެ. އިޔާން އޭނާގެ ސިކުނޑިއަށް ބާރުލިއެވެ. އެއާއެކު އެމީހާ އޭނާއަށް ފެނުނީ ކޮން އެއްޗަކުންކަން އޭނާގެ ސިކުނޑިއަށް ވިސްނައިގަނެވުމާއެކު ދެލޯ ބޮޑުވިއެވެ. ހިތްއަވަސްވެފައި އިނދެ އޭނާ ކާރު ދުއްވާލީ ވީހާވެސް އަވަހަކަށް ގެއަށް ދިޔުމުގެ ބޭނުމުގައެވެ. އާދައިގެ ވަރަށް ވުރެ ބާރަށް ދުއްވަމުން ދިޔަ އިޔާންގެ ހިތުގެ ތެޅުން ވަނީ އިންތިހާއަށް ބާރުވެފައެވެ. ނޭވާ އަވަސްވެފައި ވާއިރު ފިނީގެ ތެރޭގައި އިންނަމަވެސް މީހާ ދާހިތްލަން ފެށިއެވެ.

ގެއަށް ގޮސް ގޭޓުން ވަތް އިރު ޒަލަފް ނުކުންނަނީއެވެ. ޒަލަފް ގޮވާލުމުންވެސް ޖަވާބު ދިނުމެއްނެ ތި އޭނާ ބާރު ބާރަށް ގޮސް ގެއަށް ވަދެއްޖެއެވެ. އޭރު އައިރީން ބޮޑުކޮޓަރީގައި ފަލަކްއާއެކު ކޮންމެވެސް ވާހަކައެއް ދައްކަން އިނެވެ. އޭނާ ސިޑިން އަރައިގެން ގޮސް ކަބަޑަށް ލީ ޕެންޑްރައިވްއާއި ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. އެއަށްފަހު އޭނާ ޕެންޑްރައިވް ޖަހާލުމަށްފަހު ވީޑިއޯ ޕްލޭކޮށްލިއެވެ. ވީޑިއޯ ބަލަމުން ދިޔަވަރަކަށް އޭނާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އިރު އިރު ކޮޅަކާ އޭނާ ނިތުގައި އަތް ޖައްސާލައެވެ. ދާތައް ފުހެލައެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު ފުންނޭވާއެއްވެސް ދޫކޮށްލަފާނެއެވެ.

"އައި ވިލް ކިލް ޔޫ..." އިޔާންއަށް ކިޔާލެވުނެވެ. "އިޔާން" ސިހުނީ އައިރީން ގޮވާލުމާއެކުއެވެ. އޭނާ ބަލާލިއިރު އައިރީން ހުރީ ދާދި ގާތުގައެވެ. ވަގުތުން ލެޕްޓޮޕް ލައްޕާލާ އޭނާ އައިރީންއަށް ބަލާލިއެވެ.

"ކިހިނެތް ވީ؟" އައިރީން އަހާލިއެވެ. އިޔާން ކަމެއް ނުވެޔޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއަށްފަހު ލެޕްޓޮޕް ބަހައްޓާފައި އައިސް އައިރީންއާއި ކުރިމަތިލިއެވެ.

"ކިހިނެތްތަ؟" އިޔާން އަހާލިއެވެ. ހާސްވެފައި ހުރި ވަރުން އަހާނެ އެއްޗެއްވެސް ނޭނގުނީ އެވެ. އެއާއެކު އެކީ އައިރީންއަށްޓަކައި އޭނާ ކަންބޮޑުވިއެވެ. ހާސްވިއެވެ. ކުޑަވެސް ގެއްލުމެއްވެސް އައިރީންއަށް ލިބޭކަށް އިޔާން ނޭދެއެވެ.

"އަހަރެން އަބަދުވެސް އައިރީންއާއެކު ހުންނާނަން އިނގޭ..." އިޔާން އެހެން ބުނެލުމަށްފަހު ކުއްލިއަކަށް އައިރީންގެ ގައިގައި ބައްދާލިއެވެ. އައިރީންއަށް ލިބުނީ ސިހުމެކެވެ. އިޔާންއަށް މި އަންނަނީ ކޮންކަހަލަ ބަދަލުތަކެއް ހެއްޔެވެ؟ އިޔާން ހަޤީގަތުގައިވެސް ބަދަލުވީހެއްޔެވެ؟ އައިރީންއަށް އެކަން ގަބޫލުކުރަން ދަތިވިއެވެ. އައިރީންމެއާ ލައި ފިއްތާލައިގެން ހުރިއިރު އޭނާއަށް ތަފާތު ޚިޔާލުތައް އުނދަގޫކުރަމުން ދިޔައެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު އޭނާ އައިރީން ދުރުކޮށްލިއެވެ. ދެމީހުންގެ ލޯ ސީދާވެގެން ދިޔުމާއެކު ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް ދެ ހިތުގައިވެސް ދައުރުވެގެން ދިޔައެވެ. ދެމީހުންނަށް އެ މީހުންގެ އިޙްސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވި ވަގުތު ކޮޅެއްގައި ދެން ހިނގައިދިޔަ ވަގުތުކޮޅު ވެގެން ދިޔައެވެ.

*****

"އޭތް... ބްރޯ ހާދަ ހެވިފަ" ސިޑިން ފައިބައިގެން ބޭރަށް ނުކުންނަން ދިޔަ އިޔާންއަށް ބަލާލާފައި ޒަލަފް ގޮވާލިއެވެ. އިޔާން ބަލާލިއިރު ޒަލަފް ކާ ކޮޓަރިން ނުކުންނަނީއެވެ. އިޔާން ބޯ ކަހާލިއެވެ. އެއަށްފަހު ދެލޯ އަޅާލިއެވެ. ޒަލަފް އައިސް އިޔާންގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެވަގުތު ޒަލަފްގެ ފޯނަށް މެސެޖެއް އައުމާއެކު ޒަލަފް ފޯނު ބަލާލިއެވެ. ފެނުނު ފޮޓޯއެއްގެ ސަބަބުން އޭނާ ގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވެގެން ދިޔައެވެ.

"ކާކު؟" އިޔާން ބޯ ދިއްކޮށްލިއެވެ. ޒަލަފް ވަގުތުން ފޯނު ފޮރުވިއެވެ.

"ސުމާތަ؟" އިޔާން އަނެއްކާވެސް އަހާލިއެވެ. ޒަލަފް ބޯ ޖަހާލިއެވެ. ސުމާ ކަމުގައި ނުވިޔަސް މި ވަގުތު ދޮންބެ ގާތުގައި އެއީ ކާކުކަން ބުނާކަށް ޒަލަފްއަކަށް ނުކެރުނެވެ.

"އަދިވެސް މޮޔަވަގެންތަ އެ އުޅެނީ؟" އިޔާން އެހެން އަހާލި ނަމަވެސް އޭނާގެ ހިތުގައި ޝައްކުގެ އޮއިވަރެއް ހިނގައިގަތީ ޒަލަފް އޭނާއަށް ކަމެއް ސިއްރުކުރާކަން އެ މޫނުމަތިން ދޭހަވީތީއެވެ. އެހެންނަމަވެސް މި ވަގުތު ޒަލަފްއަށް މަޖުބޫރުކުރަން އޭނާ ބޭނުންނުވީ ޒަލަފް އަކީ އޭނާއާ ހުރިހާކަމެއްވެސް ހިއްސާ ކުރާ މީހަކަށްވީތީއެވެ. އަނެއްކޮޅުން ޒަލަފްގެ މޫނުމަތިން އޭނާއަށް ފެނުނީ ފޫހިކަމެވެ.

"އޭތް... ބައިދަވޭ... ނެތްތަ ކަމެއް؟... ބޮޑުނުވާ ކުއްޖާ" އިޔާން ޒަލަފް އާ ދިމާކޮށްލިއެވެ.

"ކޮންކަމެއް އޮންނަންވީ؟" ޒަލަފްވެސް ސުވާލުކޮށްލިއެވެ. އެ އައި މެސެޖެއްގެ ސަބަބުން އޭނާގެ މޫޑު އެކީ ޚަރާބުވެއްޖެއެވެ.

"ހިނގާބޭރަށް ގޮސް ކޮފީއެއް ބޯލަން" އިޔާންއަށް ބަލާލާފައި ޒަލަފް ކުއްލިއަކަށް ބުނެލިއެވެ.

"އެންމެ ކޮފީ ބޮވޭ..." އިޔާން ދިމާކޮށްލިއެވެ. އެއާއެކު ޒަލަފް އިޔާންގެ ކޮނޑުގައި ޖަހާލިއެވެ.

"ހެވޭ... މަށަށް ވާ ކޮފީ ތަށިވެސް ބޮވޭނެއެއްނު" ޒަލަފް ބުނެލިއެވެ. ދެމީހުން ހެމުން ހެމުން ދިޔަ ތަން ބަލަން ހުރި އަޝްރާވެސް ހިނިތުންވެލަމުން އޭނާ ކުރަން ހުރި މަސައްކަތަށް ސަމާލުވެލިއެވެ. ބޭރުގައި އުޅެލާފައި އިޔާންއާއި ޒަލަފް މަޣްރިބް ނަމާދު ވަގުތު ޖެހުމުން ދިޔައީ މިސްކިތަށެވެ. މިސްކިތުން ނުކުމެގެން ދެމީހުން ސައިކަލުގައި މިސްރާބުޖެހީ ގެއަށް ދިޔުމަށެވެ.

"އޭތް... ބްރޯ އެ މަގަށް އަޅުވާލަބަލަ" ޒަލަފް ކުއްލިއަކަށް ބުނެލުމާއެކު އިޔާން ޒަލަފް އެ ބުނި މަގަށް އަޅުވާލަމުން ކިހިނެތްވީހޭ ސުވާލުކޮށްލިއެވެ.

"ކަމެއްނުވޭ" ޒަލަފް ބުނެލިއެވެ. އެއާއެކު އިޔާން ކަރުކެހިލިއެވެ. "އަނެއްކާ އަނެއް އަންހެން ކުއްޖާ ފެނުނީ؟ ސުމާ މަތިން ހަނދާން ނެތުނީތަ؟" ހެމުން ހެމުން އޭނާ ބުނެލިއެވެ.

"ސުމާއޭ؟ އެހެން ކިޔާ މީހަކު ނުދެނަހުރިން..." ޒަލަފް އެނގޭކަމަކަށް ނުހެދިއެވެ.

"އޭތް... މަށަށް ވީ ވަރު ދޯ ތިވީ... މަ ބުނިން އޭރުވެސް ފުރަތަމަ ލޯބި ލިބޭނީ ވަރަށް ނަސީބު ގަދަ މީހަކަށޭ... އަމިއްލަ އަށް އެހާ ނަސީބު ގަދަ މީހަކަށް ވާން ވެގެނެއްނު އުޅުނީ... ކޮބާ މަށާ އެއްވަރެއްނު ވީ... އަދިވެސް ފޮނިކަނޑާތި؟" އިޔާން އަނެއްކާވެސް ހިނިގަނޑެއްޖަހާލިއެވެ. ޒަލަފްވެސް އިޔާންގެ ކޮނޑުގައި ޖަހާލަމުން ކޮންމެވެސް އެއްޗެކޭ ބުނެލިއެވެ.

ދެމީހުން ސަކަރާތް ޖަހަމުން ޖަހަމުން ދިޔަނަމަވެސް ޒަލަފް ގެ ނަޒަރު ހޯދަމުން ދިޔައީ ރަޔާއެވެ. އެ ދުވަހުގެ ފަހުން އޭނާއަށް ރަޔާއެއް ނުފެނެއެވެ. ކިތަންމެ ދުވަހަކު އޭނާ އެ މަގުން ރަޔާ ފެނޭތޯ ދުއްވައެވެ. ދުއްވަމުން ދުއްވަމުން ގޮސް އަމީނީ މަގުން ބުރުޒުމަގަށް ލަނބާލަން އުޅެނިކޮށް މަގު ހުރަސްކޮއްލި އަންހެން ކުއްޖާ ފެނުމާއެކު އިޔާން ބުރަކި ޖައްސާލިއެވެ. ސައިކަލުން ނުވެއްޓުނީ ކިރިޔާއެވެ.

"ސާބަހޭ ބްރޯ ބަލައިގެން ދުއްވަބަލަ..." އިޔާންގެ ކޮނޑުގައި ޖަހާލާފައި ޒަލަފް ކުރިމައްޗަށް ބަލާލިއެވެ. އެއާއެކު ކުރިމަތިން ފެނުނު ކުއްޖެއްގެ ސަބަބުން އޭނާގެ ދެ ބުމަ ގޮށްޖެހުނެވެ. އިޔާން އިނީ ކަޅީ ޖަހާނުލާ ޒާނާއަށް ބަލަހައްޓައިގެންނެވެ.

"ބްރޯ... ހިނގާ ދާން" އިޔާންއަށް ގޮވާލަމުން ޒަލަފް ބުނެލިއިރު އޭނާގެ އަޑުގައި ހަރުކަށިކަން ވެއެވެ. ހަމަހޭވެރިކަން ވި އިޔާން ސައިކަލު ދުއްވާލަމުން ސްޕީޑް ބާރުކޮށްލިއެވެ. ޒާނާ ފެނި އޭނާގެ މޫޑު އެކީ ހަރާބުވެއްޖެއެވެ. (ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު