ކުޑަރިކިލު އާދަޔާ ހިލާފަށް ގިރާތީ ކަންބޮޑުވުން

ބ. ކުޑަރިކިލުގެ ގޮނޑުދޮށް އާދައާ ހިލާފަށް ގިރަނީ --

ބ. ކުޑަރިކިލު އިރު އުތުރު ފަރާތު ގޮނޑުދޮށް އާދަޔާ ހިލާފަށް ގިރާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކުޑަރިކިލު ކައުންސިލުގެ ރައީސް އަބްދުލްހައްނާނު އައްބާސް ވިދާޅުވި ގޮތުގައި ގިރަމުން ދަނީ އެ ރަށުގެ އިރު އުތުރު ފަރާތު ގޮނޑުދޮށެވެ. އެ ސަރަހައްދުން ރަށު ތެރެއަށް 50ހަކަށް ފޫޓު ގިރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަރިކިލު އިރު އުތުރު ފަރާތު ގޮނޑުދޮށް ކައިރީގައި ގިނަ ދުވަސްވީ ކާނިގަސްތަކެއް ހުރެ އެވެ. އަބްދުލްހައްނާނު ވިދާޅުވި ގޮތުގައި އެ ގަސްތަކުގެ މޫތަކުގެ ދެބައިކުޅަ އެއްބައި މިހާރު ހުރީ ހާމައަށެވެ.

އޭގެ އިތުރުން، ނަރުދަމާ ނިޒާމުގެ ހޮޅިތަކާއި ސެޕްޓިކް ޓޭންކާ ހިސާބަށް މިހާރު ގިރާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަރިކިލު ގިރަމުންދާ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އަބްދުލްހައްނާނު ވިދާޅުވި އެވެ. އެކަމަކު، މިހާތަނަށް އެކަމާ ގުޅިގެން އެއްވެސް ބަހެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު އިންނާނެ ފޮޓޯ ފައިލަކާ އެކު މިނިސްޓްރީއަށް ދަންނަވާފައި. ސީދާ މިނިސްޓަރަށްވެސް އަޅުގަނޑު ހުންނާނެ ފޮޓޯއާ އެއްކޮށް މެސެޖުކޮށްފައި،" އަބްދުލްހައްނާނު ވިދާޅުވި އެވެ.

ކުޑަރިކިލު ރައްޔިތުން މިހާރު ދަނީ ރަށު ފެންވަރުގައި ކުރެވެން ހުރި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ވެލި ބަސްތާތައް ވަނީ ޖަހައިފަ އެވެ.

މިފަހުން ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްރަށް އާދަޔާ ހިލާފަށް ވަނީ ގިރައިފަ އެވެ. ރާއްޖޭގެ ރަށްތަކަކީ ގުދުރަތީ ގޮތުން ގިރައި ވޮޑޭ ރަށްތަކެކެވެ.

އެކަމަކު، މިހާރު ބައެއް ރަށްތައް ގިރަމުން ދަނީ އާދައާ ހިލާފަށެވެ. އެގޮތުން ބ. އަތޮޅުގެ ދަރަވަންދޫ އާއި، ކެންދޫ އަދި ރ. އަތޮޅު ފައިނު މި ފަހުން ވަނީ އާދައާ ހިލާފަށް ގިރައިފަ އެވެ. މިއީ މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް މާހިރުން ބުނެ އެވެ.

comment ކޮމެންޓް