ސާވިސްޗާޖް ދޭން މަޖުބޫރުކުރަން ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޅ. ފުށިފަރުގައި ހިންގާ ފުށިފަރު މޯލްޑިވްސް ރިސޯޓު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާ އަދާކުރާ ފަރާތްތަކަށް ސާވިސް ޗާޖް ދޭން މަޖުބޫރު ވާނެ އިސްލާހެއް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅައިފިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާއެވެ. މިއަދު މަޖިލީހުގައި ފުރަތަމަ ކިޔުން އިއްވި އެ އިސްލާހުގައި ސާވިސްޗާޖް އާ ގުޅޭ މާއްދާއެއް ވަނީ ހިމަނާފައެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލުގައި ބުނެފައިވާ ގޮތުން ވަޒީފާ ދޭ ފަރާތަަށް ހިދުމަތް ލިބިގަންނަ ފަރާތްތަކުން އެއްވެސް ސާވިސް ޗާޖެއް ނަގާނަމަ ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ވަޒީފާދޭ ފަރާތުގެ ހުރިހާ ހުރިހާ މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭނެއެވެ. ސާވިސް ޗާޖު ބަހަން ޖެހޭ ގޮތްވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބަހަން ޖެހޭނެކަމަށް ބިލުގައި ވަނީ ބުނެފައެވެ. ސާވިސް ޗާޖުގެ ގޮތުގައި ލިބޭ ފައިސާ ހިނގަމުންދާ މަސް ނިމުމުގެ ކުރިން ބަހާ ނިންމަން ޖެހޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތުގެ މަތިން ސާވިސް ޗާޖު ބެހުމުގައި ވަޒީފާ ދޭ ފަރާތުގެ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތައް އިސްތިސްނާ ކުރެވިދާނެކަމަށް ބިލުގައި ބުނެފައިވެއެވެ.

މުވައްޒަފުންނަށް ސާވިސްޗާޖު ބެހުމުގައި ކޮންމެ މުވައްޒަފަކު މަސައްކަތްކުރި ގަޑިއަކަށް ނިސްބަތްކޮށް އެ މުވައްޒަފަކަށް ހައްގުވާ މިންވަރު ސާވިސް ޗާޖުގެ ގޮތުގައި ދިނުމުގެ އިހުތިޔާރު ވަޒީފާ ދޭ ފަރާތަށް ލިބިގެންވާކަމަށް ބިލުގައި ވަނީ ބުނެފައެވެ.

"ސާވިސް ޗާޖުގެ ގޮތުގައި ވަޒީފާ ދޭ ފަރާތަށް ކޮންމެ މަހަކު ލިބުނު ފައިސާގެ ޖުމުލަ އަދަދުގެ ތެރެއިން އިދާރީ ފީގެ ގޮތުގައި އެއް ޕަސެންޓް ނެގިދާނެއެވެ. އަދި އެއްވެސް ހާލެއްގައި އެއަށްވުރެ އިތުރު އަދަދެއް ވަޒީފާ ދޭ ފަރާތުން ނަގައިގެން ނުވާނެއެވެ." ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވެއެވެ.

ސާވިސް ޗާޖު ދިން ގޮތުގެ މައުލޫމާތު ވަޒީފާ ދޭ ފަރާތުން ގަވައިދުން ބަލަހައްޓަން ޖެހޭނެކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި ކޮންމެ އަހަރަކު އެއް ފަހަރު އެ މައުލޫމާތު ލޭބާ ރިލޭޝަން އޮތޯރިޓީއަށް ފޮނުވަން ޖެހޭ ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެ ނޫން ހާލަތެއްގައިވެސް ލޭބަ ރިލޭޝަން އޮތޯރިޓީއިން އެ މައުލޫމާތު ބަލަން ބޭނުންވެއްޖެނަމަ އެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭނެކަމަށް ވަނީ ބުނެފައެވެ.

މައުލޫމާތު ހިއްސާ ކުރުމަށް އެދި ލޭބަ ރިލޭޝަން އޮތޯރިޓީއިން އަންގާ އެންގުމަކާއި ހިލާފުވެއްޖެ ނަމަ 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.

ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާ މުވައްޒަފުންނަށް ނުދޭ މައްސަލައިގައި ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

comment ކޮމެންޓް