ހަރުކަށި ފިކުރާ ދެކޮޅަށް 43 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް

އީޔޫއާއި ފޮރިން މިނިސްޓްރީއާ ދެމެދު ބޭއްވި ބައްދަލުވުމުގެ ބައިވެރިން ---

ހަރުކަށި ފިކުރާއި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް 43 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓެއް މިއަދު ލޯންޗްކޮށްފި އެވެ.

އެ ޕްރޮޖްކްޓް ލޯންޗް ކޮށްފައިވަނީ ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާ ދެމެދު މިއަދު ބޭއްވި ބައްދަލުވުމުގައި ފޮރިން މިނިސްޓްރީގަ އެވެ. ފޮރިން މިނިސްޓްރީއިން ބުނީ އެ ބައްދަލުވުމުގައި ވިލާތުގެ އިއްތިހާދާއި ރާއްޖެއާ ދެމެދު ގިނަ މަޝްވަރާތަކެއް ކުރެވި ނިންމުންތަކެއް ނިންމުނު ކަމަށެވެ.

އެގޮތުން ރާއްޖޭގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްކުރުމަށް ޕްރޮޖެކްޓެއް ލޯންޗް ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އެ ޕްރޮޖެކްޓަކީ ރާއްޖެ-އީޔޫ ސަލާމަތީ އެއްބާރުލުމަށް އީޔޫ އިން ކަނޑައަޅާފައިވާ 43 މިލިއަން ރުފިޔާ (2.5 މިލިއަން ޔޫރޯ) ގެ ތެރެއިން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށްވެސް ފޮރިން މިނިސްޓްރީއިން ބުންޏެވެ. އެޕްރޮޖެކްޓް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމްސް އާއި، ދިވެހި ސަރުކާރުގެ ކަމާއި ގުޅުން ހުރި އިދާރާތައް ގުޅިގެންނެވެ.

އޭގެ އިތުރުން މިއަދު މަޝްވަރާ ބައްދަލުވުމުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކޮށް، އިންސާނީ ހައްގުތައް ހިމާޔަތްކޮށް ކުރިއަރުވައި، އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީ އިތުރަށް ހަރުދަނާކުރުމަށް އީޔޫ އިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށް އީޔޫއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖޭގެ ޝަރުޢީ ދާއިރާ ވަރުގަދަކޮށް، ކޮރަޕްޝަނާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކެއް ބަލަމުންދާކަން އީޔޫއިން ވަނީ ފާހަގަކޮށްފައެވެ.

މި ބައްދަލުވުމާއި ދިމާކޮށް، ދިވެހި ސަރުކާރާ އީޔޫ އިންވެސް މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތައް ފަދަ ބައިނަލްއަގްވާމީ މައްސަލަތަކުގައި ގުޅިގެން މަސައްކަތްކުރުން އިތުރުކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. މިދިޔަ ޑިސެމްބަރު މަހު އީޔޫ އިން ވަނީ 2050 ވަނަ އަހަރުގެ ނިޔަލަށް ޔޫރަޕަކީ ކާބަން ނިއުޓްރަލް ބައްރަކަށްވުމަށް އަމާޒު ހިފާފައިވާ ޔޫރަޕިއަން ގްރީން ޑީލް އެޑޮޕްޓްކޮށްފައެވެ.

ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް އިމްޕްލިމެންޓް ކުރުމަށް 85.8 މިލިއަން ދިވެހިރުފިޔާގެ އެހީއަކާއި، ރާއްޖޭގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ހިންގުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް އިން ރާއްޖެއަށް ދޫކުރި 771.6 މިލިއަން ދިވެހި ރުފިޔާގެ ލޯން އީޔޫ އިން ފާހަގަކުރެއެވެ.

ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވް މެދުވެރިކޮށް ދެފަރާތުގެ މެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން އިތުރަށް ބަދަހިކުރުމަށް އީޔޫ އާއި ދިވެހި ސަރުކާރުން އެއްބަސްވިއެވެ. އަދި ދިވެހިރާއްޖެއިން އީޔޫއަށް އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ކަނޑާލުމަށް ދިވެހި ސަރުކާރުން އީޔޫގައި ވަނީ އެދިފައެވެ.

މިއަދުގެ މަޝްވަރާތަކުގެ ރިޔާސަތު ބެލެހެއްޓެވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ޚަލީލުއާއި، ޔޫރަޕިއަން އެކްސްޓަރނަލް އެކްޝަން ސަރވިސްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ޕެސިފިކް ޕައޯލާ ޕަމްޕަލޯނީ އެވެ.

comment ކޮމެންޓް