ހިމަބިއްސަށް ނުވަ ވަނަ މީހަކު ޕޮޒިޓިވް ވެއްޖެ

ހިމަބިހި ---

މީސްލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު ނުވަޔަކަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕިއޭ އިން މިއަދު ބުނީ އިއްޔެ ހިމަ ބިއްސަށް އިތުރު މީހަކު ޕޮސިޓިވް ވެފައިވާ ކަމަށެވެ. އެއާއެކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ފަރާތްތަކުގެ ޖުމްލަ އަދަދު ވަނީ ނުވަޔަކަށް އަރައިފަ އެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން ކަނޑައެޅިފައިވާ ގޮތުގެ މަތިން އެ ސަރަހައްދެއްގައި މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ވެކްސިން ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

އެއާއެކު އެ ބަލި ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

އެގޮތުން ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މައުލޫމާތު ދިނުމާއި ވެކްސިން ފުރިހަމަ ނުވާފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާކުދިންނަށް ވެކްސިން ދީ ހަމަކުރުން ހިމެނެ އެވެ.

ވެކްސިން ޖެހުމުގެ ކަންކަން ހެލްތް މިނިސްޓްރީން އިތުރުކޮށްފައިވާއިރު، އަވަށްޓެރި އިންޑިއާ އިން ވަނީ ރާއްޖެއަށް އެމްއެމްއާރް ވެކްސިންގެ 30،000 ޑޯޒް ހަދިޔާކޮށްފައެވެ. އަދި ޔުނިސެފުން ވެސް ވަނީ ރާއްޖެއަށް ވެކްސިންއާއި ކޮންސިއުމަބްލްސް ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް