ހުޅުމާލޭގެ ހަމަލާ: ރޭވި ގޮތަށް ކުރިއަށް ނުގެން ދެވުނު، އިސްމީހާ ހައްޔަރުގައި

ހޯމް މިނިސްޓަރު އިމްރާން: ހުޅުމާލޭގައި ބިދޭސީންތަކަކަށް ވަޅިން ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު މީހާ ހައްޔަރު ކޮށްފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި --- ސަން ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް

މިދިޔަ އަންގާރަ ދުވަހުގެ ރޭ ހުޅުމާލޭގައި އެއް ވަގުތެއްގައި ތިން ސަރަހައްދުގައި ބިދޭސީން ތަކަކަށް ހަމަލާ ދިނުމުގައި އެންމެ އިސްކޮށް އުޅުނު މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ފުލުހުން މީގެ ކުރިން ބުނީ، އެ ހަމަލާ ދިނުމުގައާއި ހަމަލާ ރޭވުމުގައި ހަރުކަށި ފިކުރުގެ މީހުންގެ ބައިވެރިވުން އެބައޮތް ކަމަށެވެ. އަދި ހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ހަމަލާއަށް ފަހު ދީނީ ގޮތުން ހަރުކަށި ފިކުރުގެ ބަޔަކު ވަނީ އިންޒާރުގެ ވީޑިއޯ އެއް ވެސް އާންމު ކޮށްފަ އެވެ. އެ ވީޑިއޯގެ ސައްހަ ކަން ކަށަވަރުކުރުމުގެ މަސައްކަތް ވެސް ފުލުހުން އަންނަނީ ކުރަމުންނެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަމުން ހޯމް މިނިސްޓަރު އިމްރާން މިރޭ ވިދާޅުވީ، އެ ވީޑިއޯ އުފައްދާފައިވަނީ ދުނިޔޭގެ އެހެން ކޮންކޮޅުތަކުގައި ވެސް އެކަން ކުރާ އުސޫލުގެ ދަށުން ހަމަލާ ދިނުމުގެ ރޭވުމުގެ ތެރެއިން ކަމަށެވެ.

"އެހެން ނަމަވެސް އެ މީހުން އެ ވިސްނި ގޮތަށް އެކަންކަން ކުރުމަކަށް ފުރުސަތު ލިބިގެނެއް ނުދިޔަ،" އިމްރާން ވިދާޅުވި އެވެ.

އެ ފުރުސަތު ހަމަލާ ދިން މީހުންނަށް ލިބިގެން ނުދިޔައީ ފުލުހުންނަށް އެޅިފައި ހުރި ފިޔަވަޅުތަކުގެ ސަބަބުން ކަން އިމްރާން ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އެކަމުގެ ބިރުވެރިކަމެއް މިހާރު ނެތް ކަމަށެވެ.

"އެކަން ކުރުމުގައި ރޭވުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތް އަޅުގަނޑުމެން ވާނީ ބަންދުކޮށްފައި. އަދި ދެންވެސް އެކަމުގެ ތެރޭގައި އުޅޭ ބައެއް މީހުން އެތިބި ބަންދު ކުރެވިފައި،" އިމްރާން ވިދާޅުވި އެވެ.

ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ޒަހަމްވެފަައި ވަނީ ޗައިނާގެ ދެ ރައްޔިތުންގެ އިތުރުން އޮސްޓްރޭލިއާގެ ފަތުރުވެރި އެކެވެ. ތިން މީހުންގެ ތެރެއިން ފަރުވާއަށްފަހު އެކަކު ދޫކޮށްލާފައިވާއިރު އަނެއް ދެ މީހުނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް އިއްޔެ ފުލުހުން ވަނީ ބުނެފަ އެވެ.

ހުޅުމާލޭގައި ވަޅިން ދިން ހަމަލާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ބަޔާނެއް ނެރުއްވާފައެވެ. ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކުއްލި ބައްދަލުވުމަކަށްފަހު ރައީސް ނެރުއްވި ބަޔާނުގައި ވަނީ، ދިވެހި ރައްޔިތުންނާއި، މި ގައުމުގައި ދިރިއުޅޭ ބިދޭސީންނާއި، މި ގައުމަށް ޒިޔާރަތްކުރާ ފަތުރުވެރީންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެއްވެންހުރި ހުރިހައި މަސައްކަތެއް ސަރުކާރުން ކުރާނެ ކަމަށެވެ.

comment ކޮމެންޓް