ޔާމީނަށް ކަފާލާތު ދެވެން ނެތް، ހުކުމް ތަންފީޒުކުރުން ފަސްކުރެވޭކަށް ނެތް: ހައިކޯޓު

ޖެނުއަރީ 28، 2020: ހައި ކޯޓުގައި ތާވަލް އިސްތިއުނާފްގެ ސަރިޔަތައް ޔާމީން އަބްދުލް ގައްޔޫމް ކޯޓަށް ހާޒިރުކުރުމަށް މާލެ ގެނައުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަނީ ލޯންޑްރިންގްގެ ކުށް ސާބިތުވެ ފަސް އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކަފާލާތުގެ ދަށުން ދޫކުރެވެން ނެތްކަމަށާއި، އަދި އެމަނިކުފާނުގެ ހުކުމް ތަންފީޒުކުރުން ފަސްކުރެވެން ވެސް ނެތްކަމަށް ހައިކޯޓުން ހުކުމްކޮށްފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުޅަ މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ މިދިޔަ ޑިސެމްބަރު މަހުއެވެ.

ޔާމީންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކުރި އިރު ކަފާލާތުގެ ދަށުން ދޫކުރުމުގެ އަމުރަކާއި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށް އެދިފައިވެ އެވެ.

ކަފާލާތުގެ ދަށުން ރައީސް ޔާމީން ދޫކޮށްލުމަށް އެދިވަޑައިގެން އެމަނިކުފާނުގެ ވަކީލުން އަބްދުﷲ ސިޔާޒް އާއި ޑރ. މުހައްމަދު ޖަމީލު އަހުމަދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވީ، ހުކުމް ކުރުމުގެ ކުރިން މީހަކަށް ކަފާލާތް ދިނުމަކީ ރާއްޖޭގެ ގާނޫނީ ނިޒާމުގައި އޮތް ކަމެއް ކަމަށެވެ. އަދި އެއީ އައިސީސީޕީއާރުގެ ދަށުން އަސާސީ ހައްގެއް ކަމަށްވެސް ވިދާޅުވި އެވެ.

އަދި ހުކުމެއް ކޮށްފައިވާ މީހަކަށް ކަފާލާތު ދެވޭނެ ކަމަށް ހައިކޯޓުން މީގެ ކުރިން ނިންމާފައި ހުރި ނިންމުންތަކުން އެނގޭ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ހައިކޯޓުގައި ފާހަގަކުރައްވައިފައެވެ. އެ ނުކުތާގައި ވަކީލުން ހަވާލާދެއްވި ހުކުމްތަކަކީ މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ހުކުމްކޮށްފައި ވަނިކޮށް ކަފާލާތުގެ ދަށުން އެ ތިން ބޭފުޅުންވެސް ހައިކޯޓުން ދޫކުރި ހުކުމްތަކަށެވެ. ހައިކޯޓުން އެގޮތަށް ނިންމުން އުސޫލެއް ލިޔެވިފައި ނެތް ނަމަވެސް އުސޫލެއް އުފެދިފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.

އަދި ހުކުމެއް ކުރުމަށް ފަހުވެސް ބެއިލް ދިނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކުރާ ކަމެއް ކަމަށާއި އަދި އެއީ ހައްގެއް ކަމަށް ވެސް ޖަމީލް ވަނީ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ނަމަވެސް އެ މައްސަލައިގައި މިއަދު އޮތް އަޑުއެހުމުގައި ހައިކޯޓުގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސެއިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ.

ގާނޫނަކުން ޖަލަށް ލާފައިވާ މީހަކު ދޫކުރެވޭނީ ވެސް ގާނޫނަކުން: މަޒީދު

ފަނޑިޔާރު މަޒީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މައްސަލައިގައި ދެ ފަރާތުން ދެއްކި ވާހަކަތަކާއި، ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި، މީގެކުރިން ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާއި، ގުޅުންހުރި ގާނޫނުތަކައި އަދި އެހެން ގައުމުތަކުގައި މިފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލަށް ރިއާޔަތް ކުރައްވާފައިވާ ކަމަށެވެ.

އަދި ހުކުމަށް ފަހު އެދޭ ބެއިލް ނުވަތަ "ޕޯސްޓް ކޮންވިކްޝަން" ބެއިލް އަކީ އަސާސީ ހައްގެއް ނޫން ކަމަށާއި، އެއީ ކޮންޑިޝަނަލް ރައިޓެއް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

އަދި ކަފާލާތުގެ ދަށުން ދޫކުރެވެނީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ކަމަށާއި، ކުށެއް ސާބިތުވެފައިވާ މީހުންނަށް ކަފާލާތު ނުދެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކުށް ސާބިތުވެފައިވާ މީހުންނަށް ވެސް ބެއިލް ދޭކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރައްވާފައިވާ ނުކުތާއާ ވިދިގެން ފަނޑިޔާރު ވިދާޅުވީ، އެފަދަ ގައުމުތަކުގައި "ޕޯސްޓް ކޮންވިކްޝަން ބެއިލް" ގެ ގާނޫނުތައް ހެދިފައިވާ ކަމަށާއި ރާއްޖޭގައި އެފަދަ ގާނޫނެއް ހެދިފައި ނެތް ކަމަށެވެ. އަދި ގާނޫނު ހެދުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެން ނުވާ ކަމަށެވެ.

ކުށްވެރިންނަށް ކަފާލާތު ދިނުމާ ގުޅޭ ހައިކޯޓުގެ ގަވާއިދެއް އޮތް ނަމަވެސް، ކޯޓުތަކަށް ހެދޭނީ ހަމައެކަނި އެ ކޯޓެއްގެ ހިންގުމާ ގުޅޭ ގަވާއިދު ކަމަށް ވިދާޅުވެ ފަނޑިޔާރު މަޒީދު ވަނީ އެ ގަވާއިދާ މެދު ސުވާލު އުފައްދަވައިފައެވެ.

ފަނޑިޔާރު މަޒީދު ވިދާޅުވީ ގާނޫނަކުން ޖަލަށް ލާފައިވާ މީހަކު ދޫކުރެވޭނީ ވެސް ގާނޫނަކުން ކަމަށާއި، ގަވާއިދެއްގެ ދަށުން އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ކަފާލާތު ދިނުމާ ގުޅޭ މާއްދާއަކީ ގާނޫނުން ބާރުލިބިފައިވާ މާއްދާއެއް ނޫން ކަމަށެވެ.

ފަސް މިލިއަން ދެވެންޏާ ކަފާލާތުން ދޫކުރެވިދާނެ: ނިޔާޒް

ކަފާލާތާ ގުޅިގެން ފަނޑިޔާރުގެ މުހައްމަދު ނިޔާޒުގެ ރައުޔުގައި ވިދާޅުވީ ހައިކޯޓުގެ ގަވާއިދަކީ ގާނޫނީ ގޮތުން ސައްހަ ގަވާއިދެއް ކަމަށާއި އަދި އެ ގަވާއިދުގެ ދަށުން ކުށްވެރިންނަށް ވެސް ކަފާލާތު ދެވިދާނެ ކަމަށެވެ.

ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ކޯޓަށް ހުށަހެޅުއްވި ނުކުތާތަކާއި ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، ރައީސް ޔާމީނަށް ކަފާލާތު ދޭން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތުން ރައީސް ޔާމީނަށް ހުކުމް އިއްވުމުގައި ދަށު ކޯޓުން ބޮޑު ގޯހެއް ހަދާފައިވާކަން ބަޔާންކޮށްފައި ނުވާކަމަށާއި، އެމަނިކުފާނުގެ ފަރާތުން ސުވާލު އުފައްދަވާފައި ވަނީ ހެކިބަސް ދިން މީހުންގެ ކްރެޑިބިލިޓީ އާމެދު ކަމަށެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކުށް ސާބިތުވެފައިވާ މީހުންނަށް ބެއިލް ދީފައިވާކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ދެ މައްސަލައެކެވެ.

އެއީ މާރާމާރީއެއްގެ މައްސަލައަކާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގައި ކުށް ސާބިތުވި މީހުންނަށް ބެއިލް ދިން މައްސަލައެކެވެ. ފަނޑިޔާރު ނިޔާޒް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ މާނީ ލޯންޑާކުރުމުގެ ކުށް ކަމަށާއި، އެއީ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށެއް ކަމަށެވެ.

އަދި އަޅާކިޔުމަށް ރައީސް ޔާމީންގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ގުޅުންހުރި މައްސަލަތަކެއް ނޫން ކަމަށާއި މައްސަލަތަކުގައި ހިމެނޭ ކުށްތަކުގެ ކުޑަ ބޮޑުމިން ވެސް ނުބައްދަލު ކަމަށެވެ.

ހަމައެއާއެކު ރައީސް ޔާމިނަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތު މަނީ ލޯންޑްރިން ފަދަ ކަންކަން ހުއްޓުވަން ހުންނަ ފަރާތް ކަމަށާއި، ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު މުޖުތަމައުއަށް ދޫކުރާ އިރު މުޖުތަމައުގެ މަސްލަހަތަށް އިސްކަން ދޭން ޖެހޭނެކަމަށް ވެސް ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވެއެވެ.

ނިޔާޒް ވެސް ވަނީ ކަފާލާތަކީ އަސާސީ ހައްގެއް ނޫން ކަމަށް ވިދާޅުވެފައެވެ. ފަނޑިޔާރު ވިދާޅުވީ ޕްރީ-ޓްރަޔަލް ބެއިލް އަކީ ވެސް ރާއްޖޭގައި މުތުލަގު ހައްގެއް ނޫން ކަމަށެވެ.

އަދި ބެއިލް ޕެންޑިން އެޕީލް އަކީ ވެސް ދުސްތޫރީ ހައްގެއް ނޫން ކަމަށާއި އެއީ ހައިކޯޓުގެ ގަވާއިދުގެ ދަށުން ލިބިދޭ އިހްތިޔާރީ ހައްގެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށާއި، އެހެންކަމުން ގާނޫނީ ގޮތުން އެއީ މިހާރު ކުށެއް ނުކުރާ މީހެއްގެ ގޮތުގައި ބެލޭނެ ގޮތެއް ނެތް ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ހުރިގޮތުން ކަފާލާތު ދިނުމަށް އެދިފައިވާ ނުކުތާއާ ގުޅިގެން ފަނޑިޔާރު ނިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތުން އެހެން ވިދާޅުވެފައި ވީނަމަވެސް، އެފަދަ ހާލަތެއްގައި ފުރިހަމަ ވާންޖެހޭ އިޖުރާއަތުތައް ފުރިހަމަ ނުވާ ކަމަށެވެ. އިޖުރާއަތުތައް ފުރިހަމަ ނުވާނަމަ އެކަމުގެ ތެރެއަށް ކޯޓުން ނުވަދެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ޖޫރިމަނާގެ ގޮތުގައި ރައީސް ޔާމީން ދައްކަވަން ޖެހިވަޑައިގަންނަވާ ފަސް މިލިއަން އެމެރިކާ ޑޮލަރު ކަފާލާތުގެ ގޮތުގައި ބަހައްޓައިފިނަމަ ކަފާލާތުން ދޫނުކުރެވޭނެ ސަބަބެއް ނެތް ކަމަށް ފަނޑިޔާރު ނިޔާޒް ވިދާޅުވިއެވެ.

އެހެން ނަމަވެސް ބަންދުގައި ހުރެގެން އެ ފައިސާ ނުދެއްކޭނެ ކަމަށް ރައީސް ޔާމީން ވަނީ ހައިކޯޓުގައި ވިދާޅުވެފައެވެ. އެހެންކަމުން ފައިސާ ނުދެއްކޭނެތީ ކަފާލާތު ދެވޭނެ ގޮތެއް ނެތް ކަމަށް ފަނޑިޔާރުގެ ރައުޔުގައި ވެއެވެ.

ޔާމީނަށް ކަފާލާތު ދިނުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ރޫހާ ހިލާފް: ޝަހީދު

ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވިދާޅުވީ މީގެކުރިން ހައިކޯޓުގެ ގަވާއިދަށް ބަލައި އެހެން މައްސަލަތަކުގައި ވެސް ކުށްވެރިންނަށް ކަފާލާތު ދީފައިވުމުން، އެ ގަވާއިދުގެ ދަށުން ކަފާލާތު ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ.

އަދި އެ ނިންމުންތައް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވުމުން، އެއީ އަމަލު ކުރަމުންދާ ގަޟާއީ ނިންމުންތަކެއް ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ މަނީ ލޯންޑްރިންގެ ކުށް ކަމަށާއި، އެއީ ގާނޫނުގައި ބޮޑެތި ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަދި ބެއިލް ނުދެވޭ ކުށެއްކަން ފަނޑިޔާރު ޝަހީދު ފާހަގަކުރެއްވިއެވެ.

އަދި ބޮޑު ކުށެއް ސާބިތުވެފައި ވަނިކޮށް ރައީސް ޔާމީނަށް ކަފާލާތް ދިނުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ރޫހާ ހިލާފު ކަމަކަށް ވާނެ ކަމަށް ފަނޑިޔާރުގެ ރައުޔުގައި ވިދާޅުވިއެވެ.

އެހެންކަމުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރީ، ރައީސް ޔާމީން ކަފާލާތުގެ ދަށުން ދޫކުރެވެން ނެތް ކަމަށެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމުގެ އަމުރަކަށް ވެސް ހައިކޯޓުގައި އެދިފައެވެ. ފަނޑިޔާރު މަޒީދު އަދި ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް ނެރެދޭންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ފަނޑިޔާރު ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދުގެ ރައުޔުގައި ވިދާޅުވެފައި ވަނީ މީގެކުރިން ހުކުމް ފަސްކުރުމުގެ އަމުރުތައް ސުޕްރީމް ކޯޓުން ވެސް ނެރެފައި އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކުށް ސާބިތުވެފައިވާ މީހުން ވެސް ހިމެނޭ ކަމަށެވެ.

އެގޮތުން ފަނޑިޔާރު ވަނީ ސުޕްރީމް ކޯޓުގެ ފަސް އަމުރަކަށް ރިއާޔަތް ކުރައްވައިފައެވެ. މި އަމުރުތައް މުރާޖައާކުރަން ދައުލަތުން އެދިފައި ނުވާކަމަށާއި އެހެންކަމުން ހުކުމް ފަސްކުރުމުގެ އަމުރު ނެރުމުގައި ކުށުގެ ކުޑަބޮޑުމިނަށް ބަލާފައި ނުވާކަން އެނގޭ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ހަމައެއާއެކު ރައީސް ޔާމީނަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ދައުލަތުން ދެކޭކަމަށް ސާފުކޮށް ބަޔާންކޮށްފައި ނުވާކަން ވެސް ފަނދިޔާރު ޝަހީދުގެ ރައުޔުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރުން ވަގުތީ ގޮތުން ފަސްކުރަން އަމުރު ކުރަން ފެންނަ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

ނަމަވެސް ފަނޑިޔާރު މަޒީދު އާއި ފަނޑިޔާރު ނިޔާޒްގެ ރައުޔު އެއްގޮތްވުމުން، ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ހުކުމް ކުރީ، ރައީސް ޔާމީންގެ ހުކުމް ތަންފީޒުކުރަން ވަގުތީ ގޮތުން ފަސްކުރުމުގެ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު ނިޔާޒް ވިދާޅުވީ މި މަހުގެ ތެރޭގައި މައްސަލައިގެ އިތުރު އަޑުއެހުންތަކެއް ބާއްވާނެ ކަމަށެވެ. އަދި އެ އަޑުއެހުންތަކުގައި އޮންނާނީ އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމާއި އެ ނުކުތާތަކަށް ޖަވާބުދާރީ ވުމެވެ.

comment ކޮމެންޓް